ހެޔޮފުޅުކަމަށް ދެއްކެން ކުރީ ސަރުކާރުން މަސް ކިލޯއެއްގެ އަގު ބޮޑުކުރި، ނަމަވެސް ފައިސާ ނުދެވުނު: ޝުޖާއު
29 އޭޕްރީލު 2026 - 05:40

ކުރީ ސަރުކާރުން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާ ދިމާކޮށް ހެޔޮފުޅުކަމަށް ދެއްކެން ވެގެން މަސް ކިލޯ އެއް 25 ރުފިޔާއަށް ބޮޑުކުރީ ހަމައެކަނި މަސްވެރިންގެ ވޯޓު ހޯދުމަށް ކަމަށް ބާރަށު ދާއިރާގެ ރައްޔިތުންގެ މަޖިލީޙުގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެ އެވެ.
ޝުޖާއު މިހެން ވިދާޅުވީ، މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަސްވެރިކަމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސްކުރައްވަމުންނެވެ.

Ad by Hajj Corporation
ޝުޖާއު ވިދާޅުވީ މަސްވެރިކަމުގެ ސިނާއަތަކީ މި ސަރުކާރު އަންނަންދެން ރާއްޖޭގައި އެންމެ ހާލުގައި ޖެހިފައި އޮތް ސިނާއަތްކަމަށާއި، ކުރީ ސަރުކާރުގެ ދައުރުގައި މަސްވެރިންގެ ބޮޑު ޝަކުވާއަކަށްވީ ސަރުކާރުން ހުށައަޅަމުން ދިޔަ އަގުތަކަކީ ހަގީގަތުގައި ދެވޭ ވަރަށް ވުރެ ބޮޑު އަގުތަކަކަށްވުން ކަމަށެވެ.
ހާއްސަކޮށް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާ ދިމާކޮށް، ހެޔޮ ވެރިކަމެއް ކުރާ ކަމަށް ދެއްކެން ވެގެން، 25 ރުފިޔާއަށް ކިލޯއެއް ހަމަޖެހިފައިވާ ކަމަށް ދައްކައި، ތަފާތު ޗަރުކޭސްތައް ކުޅެމުން ދިޔަ ކަމަށް ޝުޖާއު ވިދާޅުވިއެވެ. ވިދާޅުވީ އެބޭފުޅުންގެ ބޭނުމަކަށްވީ ހަމައެކަނި ވޯޓު ހޯދުން ކަމަށެވެ. ހަގީގަތުގައި ބޭނި މަހަށް ފައިސާ ދެވިފައި ނުވާ ކަމަށް ޝުޖާއު ވިދާޅުވިއެވެ.
ޝުޖާއު ވިދާޅުވިގޮތުގައި ކުރީ ސަރުކާރު ނިމުނު އިރު، 900 ވަރަކަށް މިލިއަން ރުފިޔާ މަސްވެރިންނަށް ނުދީ އޮތެވެ. އަދި އެފައިސާ ދައްކާ ހަލާސްކުރީ މިސަރުކާރުން ކަން ފާހަގަކުރެއްވިއެވެ.
މަސްވެރިންނަށް ކުރިމަތިވެފައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އަތޮޅު ތެރެއިން އަގުހެޔޮ ތެޔޮ ލިބުމުގެ ދަތިކަން ކަން ފާހަގަކުރައްވާ ޝުޖާއު ވިދާޅުވީ އެ މައްސަލަވެސް ހައްލުކޮށްދިނުމުގެ ވިސްނުމެއް ކުރީ ސަރުކާރުތަކުގައި ނެތް ކަމަށެވެ.
ހާއްސަކޮށް، ދެ ދައުރު ވެރިކަން ކުރި އެމްޑީޕީގެ ސަރުކާރު ތަކުން ވެސް، އެސްޓީއޯ ރޭޓުގައި ރާއްޖޭގެ އަތޮޅުތަކުން މަސްވެރިންނަށް ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ ހިޔާލެއްވެސް ނެތް ކަމަށް ވިދާޅުވި އެވެ. ނަމަވެސް ރައީސް މުއިއްޒުގެ ސަރުކާރުން، ރާއްޖޭގެ އެކި ކަންކޮޅުތަކަށް އެ ހިދުމަތް ފުޅާކޮށް، ހެޔޮ އަގުގައި ތެޔޮ ލިބޭނެ ގޮތް ހަމަޖައްސައިދީފައިވާ ކަމަށް ޝުޖާއު ފާހަގަކުރެއްވި އެވެ.
ޝުޖާއު ވިދާޅުވި ގޮތުގައި، ރައީސް މުއިއްޒުގެ ސަރުކާރު ވެރިކަމާ ހަވާލުވި ފަހުން، ފައިސާ ލިބުމުގެ ކަންތައް ހަމަޖެހި، ތެޔޮ ލިބޭ ނިޒާމު ފުޅާވެ، ސިނާއަތަށް ހަގީގީ ކުރިއެރުން ލިބެމުން އެބަދެއެވެ.


