ރައްޔިތުންގެ އަޑު އަހައި ހައްލު ހޯދައިދިނުމުގެ ނަމޫނާ ޒައާމަތެއް
26 ޖޫން 2026 - 16:30

ޤައުމެއްގެ ވެރިއެއްގެ އެންމެ މުހިންމު ސިފައަކީ ރައްޔިތުންނާ ގާތުން މަސައްކަތްކުރައްވައި، ރައްޔިތުންގެ އިޙްސާސްތަކާއި ކަންބޮޑުވުންތައް ދެނެގަތުމެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒައާމަތަކީ މި ދެންނެވި ނަމޫނާ ދައްކުވައިދޭ، ރައްޔިތުންގެ އަޑު އައްސަވައި އެކަންކަމަށް ޢަމަލީ ހައްލު ހޯއްދަވައިދެއްވުމަށް އިސްކަންދެއްވާ ވެރިކަމެކެވެ. އެއިގެ ދިރިހުރި މިސާލު ބައިވަރެވެ. އެއިން ބައެއްކަންކަމަށް ނަޒަރު ފިރުކާލާއިރު،
ރައްޔިތުންނާ ގާތުން ބައްދަލުކުރެއްވުން

Ad by Hajj Corporation
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވެރިކަމުގެ ކުރީކޮޅު ރާއްޖޭގެ ހުރިހާ ރަށްރަށަށް ވަޑައިގެން ރައްޔިތުންގެ ހާލަތު ގާތުން ބައްލަވާފައެވެ. އެއިގެ ފަހުން ވެސް ދަނީ އެކި ރައްތަކަށް ވަޑައިގެން ރައްޔިތުންނާއެކު ވަގުތު ހޭދަކުރަށްވަމުންނެވެ. ބައެއް ރަށްތަކަށް އެއްފަހަރަށްވުރެ ގިނަ ފަހަރު ވަޑައިގެންފިއެވެ. ބައެއް ރަށްތަކަށް ތިން ފަހަރުވެސް ވަޑައިގެންފައިވާއިރު، މީގެ ކުރީން ރައީސަކު ވަޑައިނުގަންނަވާ އިހްމާލުން ދޫކޮށްލާފައިވާ ރަށްތަކަށް ވެސް ރައީސް ވަނީ ވަޑައިގެން ސީދާ އެ ރައްޔިތުންނާ ބައްދަލުކުރަށްވާފައެވެ.
މީގެ އިތުރުން ބޭރުގެ ޤައުމުތަކުގައި ދިރިއުޅޭ ދިވެހިންނާވެސް ބައްދަލުކުރައްވައި، އެފަރާތްތަކުގެ ދަތިތައް އޮޅުންފިލުއްވާފައިވެއެވެ. މިއީ ރައްޔިތުންނާ ސީދާ މުޢާމަލާތްކޮށް، ކަންކަން ނިންމުމުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމަށް އެމަނިކުފާނު ގެންގުޅުއްވާ ހަރުދަނާ ސިޔާސަތެކެވެ.
ޝަކުވާތަކަށް ހައްލު ހޯދައިދިނުމުގެ ނިޒާމު
ރައްޔިތުން ހުށަހަޅާ ކަންބޮޑުވުންތަކަކީ ހަމައެކަނި އަޑުއަހާލާ ވާހަކަތަކެއްގެ ގޮތުގައި ބޭއްވުމުގެ ބަދަލުގައި، އެކަންކަމަށް ހައްލު ހޯދައިދިނުމަށް ޚާއްޞަ ޓީމެއް ދަނީ މަސައްކަތް ކުރަމުންނެވެ. ސިޓީ މެދުވެރިކޮށް ނުވަތަ ބައްދަލުވުންތަކުގައި ހުށަހަޅާ ކަންކަން ބަލައި، ސަރުކާރުގެ ތެރޭގައި ލަސްވެފައި ހުރި ކަންކަން ހަލުވިކުރުމަށް ރައީސް ވަނީ އިރުޝާދު ދެއްވާފައެވެ. އެމަނިކުފާނު ވިދާޅުވާ ގޮތުގައި، ރައްޔިތުން ހުށަހަޅާ ކަންކަމުގެ ތެރެއިން ގޮތެއް ނުނިމި ނުވަތަ ހައްލެއް ނުލިބި އެއްވެސް ކަމެއް ނޯންނާނެއެވެ.
ދެފުށް ފެންނަ މުޢާމަލާތް
އިދިކޮޅު ފަރާތްތަކުން ފަތުރާ ހަގީގަތާ ޚިލާފު ވާހަކަތަކަށް ރައްދު ދެއްވަމުން "ނޭޝަން ޗެޓް" ޕްރޮގްރާމްގެ ދެވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ފާހަގަކުރެއްވިގޮތުގައި، ކޮންމެ ކަމެއްވެސް ބަލައި އެކަމަށް ޖަވާބުދާރީވަމުންދާ ކަމެވެ. ބައެއް ބޮޑެތި މަޝްރޫޢުތަކާ ގުޅުންހުރި ކަންކަމުގައި ޖަވާބު ލިބުން ލަސްވެދާނެ ނަމަވެސް، އެއީ އެކަމެއްގެ ބޮޑުމިނުން ދިމާވާ ކަމެއްކަން އެމަނިކުފާނު ސާފުކޮށްދެއްވިއެވެ. މިއީ ސަރުކާރުގެ މަސައްކަތްތަކުގައި ހާމަކަން ބޮޑުކަން ދައްކުވައިދޭ ކަމެކެވެ.
ކުރިއަށް އޮތް ތަނުގައި ރައްޔިތުންނާ ބައްދަލުކުރުމުގެ އައު ފުރުޞަތުތައް
ބުރާސްފަތި ދުވަހުގެ ރޭ ގެނެސްދިން މި ޕްރިގްރާމްގައި ރައީސް ވަނީ ރައްޔިތުންނަށް އިތުރު އުފާވެރި ޚަބަރެއް ދެއްވާފައެވެ. މިގޮތުން ރައްޔިތުންނާ ބައްދަލުކުރުމުގެ ފުރުޞަތު އިތުރަށް ފުޅާކުރުމަށްޓަކައި، ކޮންމެ ހަފުތާއަކު ވަކި ދުވަސްތަކެއް ރައްޔިތުންނަށް ޚާއްޞަކުރުމަށް ނިންމަވާފައިވާކަން ވަނީ ޢިއުލާން ކުރަށްވާފައެވެ. މި ޕްރޮގްރާމުގެ ދަށުން 93 ދާއިރާގެ އާއިލާތަކާ ބައްދަލުކޮށް، އެމީހުންގެ ޝުޢޫރުތައް ސީދާ ރައީސަށް ހުށަހެޅުމުގެ މަގު ފަހިވެގެންދާނެއެވެ. މިއީ ދިވެހިރާއްޖޭގެ ތާރީޚުގައިވެސް ރައްޔިތުންނާ މިހާ ގާތުން މަސައްކަތްކުރާ ވެރިއެއްގެ ނަމޫނާ ފެނިގެންދާނެ ކަމެކެވެ.
ވަރުބަލިކަމެއް ނެތި މަސައްކަތްކުރައްވާ ޒައާމަތެއް
މިކަންކަމުން އެނގި ސާފުވެ ސާބިތުވެގެން ދަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒައާމަތަކީ ރައްޔިތުންގެ އަޑު އައްސަވައި، އެ ރައްޔިތުންގެ އުއްމީދުތައް ހަގީގަތަކަށް ހަދައިދިނުމަށް ވަރުބަލިކަމެއް ނެތި މަސައްކަތްކުރައްވާ ޒައާމަތެއްކަމެވެ. ރައްޔިތުންނާ ގާތުން ބާއްވާ މި ގުޅުމަކީ ޤައުމުގެ ތަރައްޤީއަށާއި ރައްޔިތުންގެ ލާބައަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެކެވެ. މިއީ ދިވެހި ތާރީޚުގައި ވެސް ވެރިކަން ކުރެއްވި ވެރިއަކު ރައްޔިތުންނަށް މި މިންވަރަށް ފަހިކޮށްދެއްވި ފުރުސަތެއްނޫނެވެ. އެހެންމީހުންގެ ސިކުނޑިން ނުވިސްނާ ތިމާގެ އަމިއްލަ ސިކުނޑީން ވިސްނީމާ މި ހަގީގަތް ކުލަވެ ހިތްމައްޗަށް އަންނާނެއެވެ.


