ޚަރާމްބޯލް ޑާރބީގައި ޕެނަލްޓީ މުބާރާތެއް - ފުރަތަމަ ލެގު 1-1 ޕެނަލްޓީއިން އެއްވަރު
30 އޭޕްރީލު 2026 - 03:34

ޑިފެންސިވް ސެޓްޕީސްތަކެއް ފެންނާނެކަމަށް ބެލެވުނު ޗެންޕިއަންސް ލީގުގެ ސެމީފައިނަލުގެ ދެވަނަ މެޗުގައި ރޭގައި ޕެނަލްޓީތަކުން ނަތީޖާ ނެރެފިއެވެ. އެތުލެޓިކޯ މެޑްރިޑާއި އާސެނަލް ބައްދަލުކުރި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. ތިން ޕެނަލްޓީގެ ހާދިސާ ފެނިގެންދިޔަ މި މެޗަށްފަހު، ދެ ޓީމަށްވެސް ފައިނަލުގެ ފުރުސަތު އޮތީ ހަމަހަމަކޮށެވެ.
މެޗުގެ ފުރަތަމަ ހާފުގެ ފަހު މިނެޓުގައި އާސެނަލަށް ލީޑު ނަގައިދިނީ ވިކްޓަރ ގިޔޮކެރެސްއެވެ. އެތުލެޓިކޯގެ ޑޭވިޑް ހަންކޯ އޭނާއަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީ، ގިޔޮކެރެސް ވަނީ ކާމިޔާބުކޮށްފައެވެ. ނަމަވެސް ދެވަނަ ހާފު ފެށިގެން 56 ވަނަ މިނެޓުގައި ބެން ވައިޓް އަތުގައި ބޯޅަ ޖެހުމުން ވީއޭއާރް މެދުވެރިކޮށް ދިން ޕެނަލްޓީއަކުން ހޫލިއަން އަލްވަރޭޒް ވަނީ އެތުލެޓިކޯއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

Ad by Hajj Corporation
މި ލަނޑާއެކު އަލްވަރޭޒް ވަނީ ޗެމްޕިއަންސް ލީގުގެ ތާރީޚުގައި މުހިންމު ރެކޯޑެއް ގާއިމްކޮށްފައެވެ. މިއީ އޭނާ މި މުބާރާތުގައި ޖެހި 25 ވަނަ ލަނޑެވެ. އޭނާ މި އަދަދަށް ލަނޑު ހަމަކުރީ 41 މެޗުންނެވެ. މިއީ ދެކުނު އެމެރިކާގެ ކުޅުންތެރިއަކު އެންމެ މަދު މެޗުން މި އަދަދަށް ލަނޑު ހަމަކުރި ފަހަރެވެ. މީގެ ކުރިން މި ރެކޯޑު އޮތީ 42 މެޗުން 25 ލަނޑު ހަމަކުރި ލިއޮނަލް މެސީ އަތުގައެވެ.
މެޗުގެ ފަހުކޮޅު އާސެނަލަށް މޮޅުވުމުގެ ރަނގަޅު ފުރުސަތެއް ލިބުނެވެ. އެބެރެޗީ އެޒޭއަށް ހަންކޯ ކުރި ފައުލަކަށް ރެފްރީ ފުރަތަމަ ޕެނަލްޓީއެއް ދިން ނަމަވެސް، މޮނިޓަރު ބެލުމަށްފަހު އެ ނިންމުން ވަނީ ބަދަލުކޮށްފައެވެ. ރެފްރީ ނިންމީ އެއީ ޕެނަލްޓީއެއް ދޭންޖެހޭ ވަރުގެ ކޮންޓެކްޓެއް ނޫން ކަމަށެވެ.
އެތުލެޓިކޯއިން މެޗުގައި ގިނަ ހަމަލާތަކެއް އުފެއްދިއެވެ. އެގޮތުން އެންޓޮއިން ގްރީޒްމަން ފޮނުވާލި ހަމަލާއެއް ގޯލުގެ ދަނޑިއަށް އަމާޒުވިއިރު، އަލްވަރޭޒް އާއި ލުކްމަން ފޮނުވާލި ހަމަލާތައް އާސެނަލްގެ ކީޕަރު ޑޭވިޑް ރާޔާ ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ. ތަފާސްހިސާބުތަކަށް ބަލާއިރު އެތުލެޓިކޯއިން 18 ހަމަލާ އުފެއްދިއިރު، އާސެނަލަށް އުފެއްދިފައިވަނީ 11 ހަމަލާއެވެ.
މި ނަތީޖާއާއެކު، އަންނަ ހަފުތާގައި އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅޭ ދެވަނަ ލެގު ވެގެންދާނީ ފޯރިގަދަ ކުރިމަތިލުމަކަށެވެ. އެތުލެޓިކޯއަކީ މިހާތަނަށް ޗެމްޕިއަންސް ލީގުގެ ނޮކައުޓް މަރުހަލާގައި އަމިއްލަ ދަނޑުގައި އިނގިރޭސި ޓީމެއް އަތުން ބަލިވެފައިވާ ޓީމެއް ނޫނެވެ.


