ބީއެމްއެލްއިން އެސްއެމްޔޫ އާއެކު މުހިންމު އެއްބަސްވުމެއްގައި ސޮއިކޮށްފި
30 އޭޕްރީލު 2026 - 10:05

ބޭންކް އޮފް މޯލްޑިވްސް އިން ސިންގަޕޯރ މެނޭޖްމަންޓް ޔުނިވަރސިޓީ (އެސްއެމްޔޫ) އާއެކު މުވައްޒަފުންގެ ލީޑަރޝިޕް ތަރައްޤީކުރުމާއި ޕްރޮފެޝަނަލް އެޑިއުކޭޝަން އަދި ގާބިލުކަން އިތުރުކުރުމަށްކުރެވޭ މަސައްކަތުގައި ދެ މުވައްސަސާގެ ދެމެދުގައި ސްޓެރެޓިޖިކް ގުޅުން ބަދަހިކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ބީއެމްއެލް އެކެޑަމީ އަކީ ބޭންކުގެ މުވައްޒަފުންގެ ތައުލީމީ އަދި ފަންނީ ކުރިއެރުމަށް ހާއްސަ ޕްރޮގްރާމްތަކެއް ހިންގުމަށް އުފައްދާފައިވާ އެކެޑަމީއެކެވެ. މި އެއްބަސްވުމުގެ ދަށުން، ބީއެމްއެލް އެކެޑަމީއާއި އެސްއެމްޔޫގެ ޕްރޮފެޝަނަލް ތަމްރީނަށް ހާއްސަ އެސްއެމްޔޫ އެކެޑަމީއާ ދެމެދު މިހާރުވެސް އޮތް ގުޅުން އިތުރަށް ފުޅާވެގެންދާނެ ކަމަށް ބީއެމްއެލްއިން ދެކެއެވެ.

Ad by Hajj Corporation
މި ގުޅުމުގެ ދަށުން، ބީއެމްއެލްގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ތައްޔާރުކުރެވޭ ތަމްރީނު ޕްރޮގްރާމްތައް ފަރުމާކުރުމާއި ހިންގުމުގައި އެސްއެމްޔޫއިން އެހީތެރިކަން ފޯރުކޮށްދޭނެކަމަށާއި، އަދި ހަމަޖެހިފައިވާ އުސޫލެއްގެ ދަށުން މައުލޫމާތާއި ހުނަރު ބަދަލުކުރުމުގެ ތެރެއިން ބޭންކުގެ މުވައްޒަފުންގެ ފަންނީ ގާބިލުކަން އިތުރުކުރެވޭނެ ކަަމަށް އެ ބޭންކުން ވަނީ ބުނެފައެވެ.
އަދި މީގެ ސަބަބުން، ފެންވަރު ރަނގަޅު ތަމްރީނު ފުރުސަތުތައް ފުޅާކުރުމަށާއި މެދުނުކެނޑި ފަންނީ ކުރިއެރުން ހޯދޭނެ މަގުތައް ފަހިކޮށްދިނުމަށް ބީއެމްއެލް އެކަޑަމީއިން ކުރާ މަސައްކަތްތައް އިތުރަށް ތަރައްގީވެގެންދާނެ ކަމަށް ވެސް އެ ބޭންކުން ދެކެއެވެ.
މި އެއްބަސްވުމާ ގުޅޭގޮތުން ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ،މި ޕާޓްނަރޝިޕުން ރަނގަޅު ލީޑަރުން ބިނާކުރުމަށާއި ބޭންކުގެ ހުރިހާ ދާއިރާއެއްގެ ފަންނީ ގާބިލުކަން އިތުރުކުރުމަށް އެ ބޭންކުން ކުރަމުންދާ މަސައްކަތް ހާމަވެގެންދާ ކަަމަށެވެ.އަދި ދިވެހިރާއްޖޭގެ އެންމެ ބޮޑު މާލީ އިދާރާގެ ހައިސިއްޔަތުން، އިގްތިސާދު ބައްޓަންކުރުމުގައި އެ ބޭނުްކު މުހިންމު ދައުރެއް އަދާކުރާ ކަަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.
"ބީއެމްއެލް އެކެޑަމީ މެދުވެރިކޮށް، އަޅުގަނޑުމެން މި ބިނާކުރަނީ ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ، ސްޓްރަކްޗަރޑް ތައުލީމީ ޕްރޮގްރާމްތަކެއް. މިއާއެކު އަޅުގަނޑުމެންގެ އިގްތިސާދުގެ ލީޑަރުންގެ ގޮތުގައި މުސްތަގުބަލުގައި ތިބޭނެ ފަރާތްތައް ބާރުވެރިކުރެވިގެން މި ދަނީ"ބީއެމްެއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު ޝަރީފް
ވޭތުވެދިޔަ އަހަރު އެސްއެމްޔޫއާއެކު ކުރިއަށްގެންދިޔަ މުހިންމު ހަރަކާތްތަކުގެ ތެރޭގައި ބީއެމްއެލްގެ 40 މުވައްޒަފަކު ލީޑަރޝިޕް ޕްރޮގްރާމްތައް ކާމިޔާބުކަމާއެކު ނިންމުން ހިމެނެއެވެ.އަދި މީގެ ތެރެއިން ސީނިއަރ 20 މުވައްޒަފަކު އެސްއެމްޔޫއިން ދޭ 'އެގްޒެކެޓިވް ސެޓިފިކެޓް އިން ލީޑަރޝިޕް އެންޑް ޕީޕަލް މެނޭޖްމަންޓް' ހާސިލުކޮށްފައިވާއިރު، އިތުރު 20 މުވައްޒަފަކު ވަނީ އެސްއެމްޔޫއިން ހިންގި ސެޓިފިކެޓް ޕްރޮގްރާމެއް ނިންމުމަށްފަހު ބީއެމްއެލް އެކަޑަމީ މެދުވެރިކޮށް 'ސެޓިފިކެޓް އިން ލީޑަރޝިޕް އެންޑް ޕީޕަލް މެނޭޖްމަންޓް' ހާސިލުކޮށްފައެވެ.
އެސްއެމްޔޫ އާއި ބީއެމްއެލް އެކެޑެމީއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވަމުންދާއިރު، މިފަދަ އިތުރު ތަމްރީނުތައް މިހާރުވެސް ހިނގަމުން ދާ ކަމަށް ބީއެމްއިލް އިން ބުނެފައިވެއެވެ.
ބޭންކް އޮފް މޯލްޑިވްސްއިން ދަނީ މުވައްޒަފުން ތަރައްގީކުރުމަށާއި މުޅި މުއައްސަސާގެ ގާބިލުކަން އިތުރުކުރުމަށް އިންވެސްޓްކުރަމުންނެވެ. މިއީ އެ ބޭންކުން ގެންނަމުން އަންނަ ހެޔޮ ބަދަލުތަކަށާއި، ފެންވަރު ރަނގަޅު ބޭންކިންގ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ކުރާ މަސައްކަތަށް ލިބޭ ބޮޑު އެހީތެރިކަމެކެވެ.
ބީއެމްއެލް އެކެޑަމީ މެދުވެރިކޮށް،އެ ބޭންކުން ދަނީ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލެއްގެ ދަށުން ފަންނީ ތަރައްގީގެ ޕްރޮގްރާމްތައް ހިންގަމުންނެވެ.


