ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް ހޯމް ފައިނޭންސިންގއެއް
23 އޭޕްރީލު 2026 - 07:33

ޑޮލަރުން އާމްދަނީ ލިބޭ ފަތުރުވެރިކަމުގެ ދާއިރާގެ މުވައްޒަފުންނަށް އަމާޒުކޮށްގެން، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އައު ހޯމް ފައިނޭންސިންގ ފެސިލިޓީއެއް މިއަދު ތަޢާރަފުކޮށްފި އެވެ.
މި ފެސިލިޓީ ތަޢާރަފުކޮށްފައިވަނީ އަހަރަކު 7.5 އިންސައްތައިގެ ކުޑަ ފައިނޭންސިންގ ރޭޓަކާއެކުގަ އެވެ. މިއީ ރާއްޖޭގައި މިވަގުތު ސަރުކާރުން ހިންގާ ހިޔާވަހި ފައިނޭންސް ސްކީމް ފިޔަވައި، ބޯހިޔާވަހިކަމުގެ ބޭނުމަށް ބޭންކަކުން ދޫކުރާ އެންމެ ކުޑަ ރޭޓެވެ. މި ފުރުޞަތުގެ ސަބަބުން ރާއްޖޭގެ ކޮންމެ ސަރަޙައްދަކުންވެސް އަމިއްލަ ބޯހިޔާވަހިކަމެއް ހޯދުމަށް ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ބޮޑެތި ލުއިތަކެއް ލިބިގެންދާނެ އެވެ.

Ad by Hajj Corporation
މިކަމާ ގުޅޭގޮތުން ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، މި ފެސިލިޓީ ފަރުމާކޮށްފައިވަނީ ރާއްޖޭގެ އިޤްތިޞާދުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ ރިސޯޓުތަކާއި، ގެސްޓްހައުސްތަކާއި، ހޮޓާތަކުގެ އިތުރުން ސަފާރީތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ފަސޭހަކަމާއެކު ފައިނޭންސިންގ ލިބޭނެ މަގު ތަނަވަސްކޮށްދިނުމަށް ކަމަށެވެ.
"ފަތުރުވެރިކަމަކީ ރާއްޖޭގެ އިޤްތިޞާދުގެ މައިބަދަ ކަމަށްވާއިރު، މިއީ އެ ސިނާއަތުގައި މަސައްކަތްކުރާ މުވައްޒަފުންނަށާއި އެމީހުންގެ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭންކުން ދޭ އަހުމިއްޔަތުކަން ހާމަކޮށްދޭކަމެއް،" ޝަރީފް ވިދާޅުވި އެވެ.
މި ފެސިލިޓީއަށް އެދި ހުށަހެޅޭނީ ފަތުރުވެރިކަމުގެ ދާއިރާގައި ހިމެނޭ ރިސޯޓް، ގެސްޓްހައުސް، ހޮޓާ އަދި ސަފާރީތަކުގައި މަސައްކަތްކުރާ، ޑޮލަރުން މުސާރަ ލިބޭ ދިވެހި މުވައްޒަފުންނަށެވެ. މި ސްކީމްގެ ދަށުން އާމްދަނީ ވަޒަންކުރުމުގައި މުސާރައިގެ އިތުރުން ކޮންމެ މަހަކު ސަރވިސް ޗާޖުގެ ގޮތުގައި ލިބޭ އަދަދަށްވެސް ބޭންކުން ބަލާނެ އެވެ. ނަމަވެސް ޝަރުތަކީ މި އާމްދަނީއަކީ ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓަށް ޖަމާވާ ފައިސާއަށް ވުމެވެ.
އިސްލާމީ އުސޫލުތަކަށް އިސްކަންދޭ ފަރާތްތަކަށް ބީއެމްއެލް އިސްލާމިކް މެދުވެރިކޮށް ވެސް މި ފައިނޭންސިންގ ފެސިލިޓީ ލިބޭނެ އިންތިޒާމް ވަނީ ހަމަޖައްސާފަ އެވެ. މިއީ ކަސްޓަމަރުން އިޚްތިޔާރުކުރާ ފައިނޭންސިންގ އުސޫލުތަކާ އެއްގޮތަށް، ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް މި ފުރުޞަތު ފޯރުކޮށްދިނުމަށް އެޅުނު ފިޔަވަޅެކެވެ.
މި ފެސިލިޓީއަށް އެދި ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް ބީއެމްއެލް މޮބައިލް ބޭންކިންގ އެޕް މެދުވެރިކޮށް ފަސޭހަކަމާއެކު ފޯމު ހުށަހެޅޭނެއެވެ. އަދި މިކަމާ ގުޅޭ އިތުރު މަޢުލޫމާތު ބޭންކުގެ ރަސްމީ ވެބްސައިޓް www.bankofmaldives.com.mv އިން ލިބެން ހުންނާނެ ކަމަށް ބީއެމްއެލް އިން ވަނީ ބުނެފަ އެވެ.


