ބީއެމްއެލް އިން މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި މަހެއްގެ މައްޗަށް 35.4 މިލިއަން ޑޮލަރުގެ ޓީޓީ ދޫކުރި
21 އޭޕްރީލު 2026 - 12:38

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި މަހެއްގެ މައްޗަށް 35.4 މިލިޔަން ޑޮލަރުގެ ޓީޓީ ދޫކޮށްފައިވާ ކަމަށް އެ ބޭންކުން ހާމަކޮށްފިއެވެ.
ބީއެމްއެލް އިން އޭޕްރިލް 21 ވީ އަންގާރަ ސުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ 2025 ވަނަ އަހަރު އެވްރެޖްކޮށް މަހަކަށް އެ ބޭންކުން ވިއްކާފައިވަނީ 14.6 މިލިއަން ޑޮލަރުގެ ޓީޓީކަމަށެވެ. އެހެންނަމަވެސް މިއަހަރުގެ ފުރަތަމަ ކުއާޓަރއަށް ބަލާއިރު މަހެއްގެ މައްޗަށް އެ ބޭންކުން 35.4 މިލިޔަން ޑޮލަރުގެ ޓީޓީ ވިއްކާފައިވާކަމަށް ވިދާޅުވިއެވެ.

Ad by Hajj Corporation
ޝަރީފް ވިދާޅުވީ އޭޕްރިލް މަހުގެ 20 ގެ ނިޔަލަށް 27 މިލިއަން ޑޮލަރު 7200 ޓީޓީއަށް ވިއްކާފައިވާ ކަމަށާއި މި ހަފްތާގައި އާދިއްތަ އަދި ހޯމަ ދުވަހު މި ދެ ދުވަހު އެކަނިވެސް 2 މިލިއަން ޑޮލަރު 615 ޓީޓީއަށް ވިއްކާފައިވާ ކަމަށެވެ. އަދި މުދާ އެތެރެކުރުމަށާއި ބޭރުގެ ޚިދުމަތްތަކަށް ރާއްޖޭން ބޭރަށް ފޮނުވާ ފައިސާގެ މިންވަރު ވެސް މި މަހުގެ ތެރޭގައި 2 ގުނަ އިތުރުވެފައިވާކަމަށް ބީއެމްއެލްގެ ސީއީއޯ ވިދާޅުވިއެވެ.
އެގޮތުން 2025 ވަނަ އަހަރު މަހަކަށް 32.5 މިލިއަން ޑޮލަރު ކާޑުތަކަށް ވިއްކާފައިވާކަމަށާއި މިއަހަރުގެ ފުރަތަމަ ކުއާޓަރގައި މަހަކަށް ކާޑުތަކަށް 40 މިލިއަން ޑޮލަރު ދޫކޮށްފައިވާކަން ވަނީ ފާހަގަކުރައްވާފައެވެ.
ވިޔަފާރިތަކަށް ބޭނުންވާ މިންވަރަށް ބޭންކުން ޓީޓީ ދޫނުކުރާ ކަމަށް ބުނެ ސޯޝަލް މީޑިއާގައާއި ބައެއް މީޑިއާތަކުގައި ފާޑުކިޔުންތައް އަމާޒުވެފައިވާ މި ދަނޑިވަޅުގައި ދިވެހީންގެ ބޭންކުގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ ބައެއް ވިޔަފާރިތަކުން އެ ވިޔަފާރިއެއްގެ އާމްދަނީއާއި ވިޔަފާރީގެ ކުޑަބޮޑުމިނަށް ބަލާއިރު ނުބައްދަލު ބޮޑެތި އަދަދުތަކުން ޓީޓީ ހެދުމަށް އެދި ހުށަހަޅަމުންދާ ކަމަށެވެ. ޝަރީފް ވިދާޅުވީ ބޭންކުގެ މައިގަނޑު މަގްސަދަކީ ވިޔަފާރިއެއްގެ ނިސްބަތުން އެތަނަކަށް ބޭނުންވާ ޑޮލަރު ހަމަހަމަކަމާއެކު ފޯރުކޮށްދިނުން ކަމަށެވެ.
އެހެންނަމަވެސް ބައެއް ފަރާތްތަކުން ކަނޑައެޅިފައިވާ ލިމިޓަށްވުރެ އިތުރަށް ޑޮލަރު ހޯދުމަށްޓަކައި މަކަރުވެރި އުސޫލުތައް ބޭނުންކުރާކަން ޝަރީފް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ޝަރީފް ވިދާޅުވީ ޓީޓީ ދޫކުރާ މިންވަރު މަދުކޮށްފައި ނުވާނެ ކަމަށާއި އެކަމާ ގުޅޭ އުސޫލަށް ވެސް ބަދަލެއް ގެނެސްފައި ނުވާނެ ކަމަށެވެ.
ބޭންކުން މިހާރު ކުރަމުންދާ މަސައްކަތަކީ މިފަދަ ކަންކަން ރަނގަޅަށް މޮނިޓަރކޮށް، އުސޫލުތައް ހަރުދަނާކުރުން ކަމަށް ވެސް ޝަރޫފް ވިދާޅުވިއެވެ.


