އެއް އެޑިޓަރަކަށް ހަތަރު ނޫހުގައި ހުރެވޭނެ ގޮތަށް ހަމަޖެއްސީ ރާއްޖޭގެ ހާލަތަށް ބަލައިފައި: އަޝްރަފް
30 އޭޕްރީލު 2026 - 10:36

ރާއްޖޭގެ މީޑިއާތަކުގެ މިހާރުގެ ހާލަތަށް ރިއާޔަތްކޮށް، އެއް އެޑިޓަރަކަށް ހަތަރު ނޫހެއްގެ މަސްއޫލިއްޔަތު އުފުލޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށްޑިރެކްޓަރ، ބްރޯޑްކާސްޓިން ރެގިއުލޭޝަން އިބްރާހިމް އަޝްރަފް ވިދާޅުވެއްޖެ އެވެ.
މެންދުރު ޓީވީގެ "މައުޟޫ" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އަޝްރަފް ވިދާޅުވީ، ބައިނަލްއަގުވާމީ މިންގަނޑުތަކަށް ބަލާއިރު އާންމުކޮށް ކޮންމެ އެޑިޓަރަކަށް މަސައްކަތް ކުރެވޭނީ އެއް ނޫހުގައި ކަމަށެވެ. ނަމަވެސް، ރާއްޖޭގައި މިވަގުތު ނޫސްވެރިކަމުގެ ދާއިރާ އޮތް ގޮތުންނާއި، ސްޕެޝަލައިޒްޑް ޖާނަލިސްޓުން ނުވަތަ ވަކި ދާއިރާތަކުން ހާއްސަވެފައިވާ ނޫސްވެރިން މަދުވުމުގެ ސަބަބުން މި ބަދަލު ގެންނަން ޖެހުނީ ކަމަށް އޭނާ ވިދާޅުވިއެވެ.

Ad by Hajj Corporation
އަޝްރަފް ވިދާޅުވި ގޮތުގައި ނޫހެއް ހިންގާނަމަ އެކަން ކުރަންޖެހޭނީ ޒިންމާދާރު ގޮތެއްގައެވެ. ނޫސްވެރިން ލިޔާ ޚަބަރުތައް ސުލޫކީ މިންގަނޑަށް ފެއްތުމަކީ އެޑިޓަރުގެ އެންމެ އިސް ޒިންމާއެވެ. އެހެންކަމުން، މީޑިއާތަކުގެ ފެންވަރު ހިފެހެއްޓުމަށްޓަކައި އިދާރީ ގޮތުން މީޑިއާތައް ސްޓެންޑަޑައިޒްވާން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ރޭގެ ޕްރޮގްރާމްގައި މީޑިއާ ކައުންސިލަކީ ރެގިއުލޭޓަރީ ބޮޑީއަކަށް ވީ ހިނދު، މީޑިއާތަކަށް ފައިދާ ހޯދައިދީ ކުރިއެރުވުމަށްޓަކައި ކުރަންޖެހޭ ހުރިހާ ކަމެއް ކުރާނެ ކަމުގެ ޔަގީންކަން އަޝްރަފް ދެއްވިއެވެ. ނަމަވެސް، މިކަން ހަމަހަމަ ގޮތެއްގައި ކުރެވޭނީ މީޑިއާތަކުން ޕަބްލިޝް ކުރާ ކޮންޓެންޓުގެ ތަފްސީލު އެނގިގެން ކަމަށްވާތީ، އަހަރީ ރިޕޯޓު ހުށަހެޅުމުގެ މުހިންމުކަން އޭނާ ފާހަގަކުރެއްވިއެވެ.
"ހެޑްލައިންތަކެއް ޖަހާކަށް ނުޖެހޭނެ. އޭގައި ހުންނާނީ ހަމައެކަނި އަދަދު ޖަހާލަން. އިޖުތިމާއީ ގޮތުން މިހާ ހަބަރު ތިމަންނަމެން ޕަބްލިޝް ކުރީމޭ، ސިޔާސީ ގޮތުން މިހާ ހަބަރު ތިމަންނަމެން ޕަބްލިޝް ކުރީމޭ. މި އެއްޗެހި އެނގުނީމަ އަޅުގަނޑުމެންނަށް އެނގޭނެ މިސާލަކަށް އެއްވެސް ވަރަކަށް ވަކި މީޑިއާއެއްގައި ވަކި ކަމެއް ލެކް ވޭތޯ އެއްވެސް އޭރިއާއެއްގައި،" : އަޝްރަފް
އަޝްރަފް ވިދާޅުވި ގޮތުގައި މި މައުލޫމާތުތައް ލިބުމުން މީޑިއާތަކުގެ ސަމާލުކަން ހުރި ދާއިރާތައް ދެނެގަނެވި، ބައިނަލްއަގުވާމީ ޖަމިއްޔާތަކާ ގުޅިގެން ނޫސްވެރިންނަށް ބޭނުންވާ ތަމްރީނުތައް ފޯރުކޮށްދިނުމަށް ފަސޭހަވެގެންދާނެއެވެ.
އަޝްރަފް އިތުރަށް ވިދާޅުވީ، ދުނިޔޭގެ އެހެން ގައުމުތަކުގައި ވަކި ދާއިރާތަކަށް ހާއްސަ ނޫސްވެރިން ގިނަ ނަމަވެސް، ރާއްޖޭގައި އެފަދަ ނޫސްވެރިން ވަރަށް މަދު ކަމަށެވެ. އެހެންކަމުން، މީޑިއާގެ މިންގަނޑުތައް އާ ތަސައްވުރަކަށް ގެންގޮސް، ދާއިރާ ކުރިއެރުވުމަށްޓަކައި މިހާރުގެ މީޑިއާ ލޭންޑްސްކޭޕް އޮތް ގޮތް ދެނެގަނެ، އެކަމަށް ބޭނުންވާ ފުރުސަތުތައް ފަހިކޮށްދޭން ޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.


