އެމެރިކާއިން ހަމަލާއެއް ދީފިނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު އީރާނުން ދީފި
30 އޭޕްރީލު 2026 - 17:28

އެމެރިކާއިން އީރާނަށް އަމާޒުކޮށް އަސްކަރީ ހަމަލާތަކެއް ދޭން އުޅޭ ކަމަށް ފެތުރެމުންދާ ރިޕޯޓްތަކާ ގުޅިގެން، އެފަދަ ފިޔަވަޅެއް އަޅައިފިނަމަ "ދިގުދެމިގެންދާ، ވޭންދެނިވި ހަމަލާތަކަކުން" ރައްދުދޭނެ ކަމުގެ އިންޒާރު އީރާނުގެ އިސްލާމިކް ރިވަލޫޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) އިން ދީފިއެވެ.
އީރާނުން މި އިންޒާރު ދީފައިވަނީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އީރާނާ ދެކޮޅަށް ކުރު އަދި ވަރުގަދަ ހަމަލާތަކެއް ދިނުމާ ގުޅޭގޮތުން އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އާ މަޝްވަރާ ކުރައްވަން ތައްޔާރުވަމުންދާ ކަމަށް 'އެކްސިއޯސް' ނިއުސް ވެބްސައިޓުން ރިޕޯޓްކޮށްފައިވާ ދަނޑިވަޅެއްގައެވެ. މި ހަމަލާތަކުގެ މަގުސަދަކީ މިހާރު އުފެދިފައިވާ ނުތަނަވަސްކަމަށް ހައްލެއް ހޯދުން ކަމަށް ރިޕޯޓްތައް ބުނެއެވެ.

Ad by Hajj Corporation
އައި.އާރު.ޖީ.ސީގެ އެއިރޯސްޕޭސް ފޯސްގެ ކޮމާންޑަރު މަޖީދު މޫސަވީ ވިދާޅުވީ، އެމެރިކާއިން ދޭ ހަމަލާއަކީ ކިތަންމެ ކުރު އަދި އަވަސް ހަމަލާއެއް ކަމުގައިވީ ނަމަވެސް، އީރާނުގެ ރައްދު ވަރަށް ވަރުގަދަވާނެ ކަމަށެވެ. "އަހަރެމެންނަށް މި ސަރަހައްދުގައި ހުރި ތިޔަބައިމީހުންގެ އަސްކަރީ މަރުކަޒުތަކަށް ވީގޮތް ފެނިއްޖެ، އަދި ތިޔަބައިމީހުންގެ އުޅަނދުފަހަރަށް ވާނެގޮތްވެސް ފެންނާނެ،" ތަސްނީމް ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި މޫސަވީ ވިދާޅުވިއެވެ.
ސެންޓްކޮމް އިން ތައްޔާރުކޮށްފައިވާ ޕްލޭންތަކުގެ ތެރޭގައި އީރާނުގެ އުމްރާނީ ވަސީލަތްތަކަށް ހަމަލާދިނުމާއި، ހޮރްމޫޒް ކަނޑުއޮޅީގައި އަސްކަރީ ނުފޫޒު ގަދަކުރުން ހިމެނެއެވެ. މި ފިޔަވަޅުތަކުގެ ބޭނުމަކީ ނިއުކްލިއާ މައްސަލައިގައި އީރާނުން ދޫދީ، އަލުން މަޝްވަރާގެ މޭޒަށް ގެނައުން ކަމަށް ބެލެވެއެވެ. މީގެ އިތުރުން، އީރާނުން ދީފާނެ ރައްދު ހަމަލާއަކަށް އެމެރިކާއިން ތައްޔާރުވަމުންދާ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.
މިދިޔަ ފެބްރުއަރީ 28 ވަނަ ދުވަހު އެމެރިކާ އާއި އިސްރާއީލުން އީރާނަށް ހަމަލާދޭން ފެށުމާ ގުޅިގެން، އީރާނުން ވަނީ ގަލްފް ސަރަހައްދުގައި ތިބި އެމެރިކާގެ ބައިވެރިންނަށް ރައްދު ހަމަލާދީ، ހޮރްމޫޒް ކަނޑުއޮޅި ބަންދުކޮށްފައެވެ. އޭޕްރިލް 8 ވަނަ ދުވަހު ޕާކިސްތާނުގެ މެދުވެރިކަމާއެކު ހަމަލާބަދަލުކުރުން ހުއްޓާލުމަށް އެއްބަސްވީ ނަމަވެސް، އޭޕްރިލް 11 ގައި އިސްލާމްއާބާދުގައި ބޭއްވި މަޝްވަރާތަކުން ދާއިމީ ހައްލެއް ފެނިފައެއް ނުވެއެވެ.
ރައީސް ޓްރަމްޕް ވަނީ ޕާކިސްތާނުގެ އެދުމުގެ މަތިން ހަމަލާބަދަލުކުރުން ހުއްޓާލުމުގެ މުއްދަތު އިތުރުކުރައްވާފައެވެ. ނަމަވެސް، ހޮރްމޫޒް ކަނޑުއޮޅި ހުޅުވާލުމަށާއި ނިއުކްލިއާ މައްސަލަ ފަހުން މަޝްވަރާކުރުމަށް އީރާނުން ހުށަހެޅި ހުށަހެޅުން ޓްރަމްޕް ވަނީ ދާދި ފަހުން ބޭރުކޮށްލައްވާފައެވެ.


