ޑްރަގް މައްސަލާގައި ނ.އަތޮޅު ރިސޯޓަކުންނާއި މާފަރުން ދެ މީހަކު ހައްޔަރުކޮށްފި
1 މޭ 2026 - 19:42

ނ. އަތޮޅުގެ ރިސޯޓަކަށާއި އެ އަތޮޅު މާފަރަށް މަސްތުވާތަކެތި އެތެރެކުރި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.
މަސްތުވާތަކެތީގެ ވަކިވަކި ދެ މައްސަލައެއްގައި، މި މައްސަލަތަކާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ނ. މާފަރު، އަނޫޝާހައުސް، ޢަލީ ފައިޞަލް (36އ) އާއި ހއ. އުތީމު، ރޭނިގެ، މުޙައްމަދު ރާމިޒް (27އ) އެވެ. މި ދެ މީހުން ހައްޔަރުކޮށްފައިވަނީ ފުލުހުންގެ އިންޓެލިޖެންސާއި ނ. އަތޮޅުގެ ފުލުހުން ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަންތަކެއްގައެވެ.

Ad by Hajj Corporation
މުޙައްމަދު ރާމިޒް ހައްޔަރުކޮށްފައިވަނީ ނ. އަތޮޅު ރިސޯޓަކަށް މަސްތުވާތަކެތި އެތެރެކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން، ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި މަނަދޫ ޕޮލިސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ. މިދިޔަ އޭޕްރީލް މަހުގެ 29 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަންގައި އޭނާ ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ތިން ރަބަރު ޕެކެޓާއި ފިލްމު ހުސްކުރި ތިން ދަޅު ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ޢަލީ ފައިޞަލް ހައްޔަރުކޮށްފައިވަނީ މާފަރަށް މަސްތުވާތަކެތި އެތެރެކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން މާފަރު ޕޮލިހާއި މަނަދޫ ޕޮލިސް ގުޅިގެން އޭޕްރީލް 28 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައެވެ. މާފަރު ބަނދަރު ސަރަހައްދުން އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފެނިފައިވެއެވެ. ފުލުހުން ހާމަކުރި ގޮތުގައި މި ތަކެތީގެ ވަގުތީ ބަރުދަނަކީ 122.44 ގުރާމެވެ.
މި ދެ މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ދެ މީހުންވެސް ފަސް ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
މި ދެ މައްސަލަވެސް ފުލުހުން މިހާރު ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.


