logo
Bank of Maldives

Bank of Maldives

ޚަބަރު

މޫސުން ލަފާކުރެވޭ ގޮތް: ބޯކޮށް ވާރޭވެހޭނެ، ވައިގަދަވާނެ

މޫސުން ގޯސްވުން
މޫސުން ގޯސްވުން

ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން ލަފާކޮށްފިއެވެ.

މެޓް އޮފީހުން ނިމުތުކުރަނީ، ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި އެކިހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ، އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ވައިޖެހޭނެ ކަމަށް ލަފާކުރަނީ، ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައެވެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 30 މޭލަށް ވައިގަދަވުން އެކަށީގެންވެއެވެ.

މެޓް އޮފީހުން ލަފާކުރަނީ، ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށެވެ.

ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެކަމަށް ލަފާކުރެވޭތީ ހާއްސަ ގޮތެއްގައި މ އަތޮޅުން ފެށިގެން ގދ އަތޮޅާ ހަމައަށް އޮތް ސަރަހައްދުގައި އުޅޭ މީހުން މޫސުމަށް ސަމާލުވުމަށް މެޓްއިން އެދެއެވެ.

މިހާރު ކުރިއަށް މިދަނީ ހުޅަނގު މޫސުމުގެ ފުރަތަމަ ނަކަތް އައްސިދަ ނިމި ދެވަނަ ނަކަތް ބުރުނުގެ ދުވަސްތަކެވެ.

ބުރުނު ނަކަތް ފެށޭނީ ގަދަވަޔާއި ވިއްސާރައިންނެވެ. ކަނޑުތައް ވެސް ވަރަށް ގަދަވާނެއެވެ. ނަމަވެސް ނަކަތް ނިމެމުން ދާވަރަކަށް ވައިމަޑުވެ އަވިގަދަވެ މޫސުން ރަނގަޅުވާނެއެވެ. މި ނަކަތަކީ ވައި އެނބުރޭ ނަކަތަކަށްވާތީ ވައިޖެހޭނީ އެކިފަހަރު އެކި ދިމާއިންނެވެ. ނަމަވެސް ޢާންމުގޮތެއްގައި ވައިޖެހޭނީ ހުޅަނގުންނެވެ. ވައި ހުންނާނީ ޢާންމުގޮތެއްގައި 18.52 ކިލޯމީޓަރު ބާރުމިނުގައެވެ. ވާރޭ ވެހޭ ނިސްބަތް ހުންނާނީ އެވްރެޖްކޮށް 2.59 އިންޗިއަށެވެ. އަވިދޭނީ އެވްރެޖްކޮށް 115.4 ގަޑިއިރުއެވެ. މި ނަކަތުގައި މަސްވެރިކަން އެހާ ރަނގަޅެއް ނުވާނެއެވެ. 

މިމަހުގެ 5އަކުން ފެށިގެން ދެން އޮތީ ކެއްޗެވެ. ކެތި ނަކަތުގައި ވިއްސާރަ ވިލާގިނަވާން ފަށާނެއެވެ. އަދި ހުޅަނގު މޫސުމުގެ ވިއްސާރަ ރަނގަޅަށް ފެށޭނެއެވެ. މަސްވެރިންކަން މި ދުވަސްވަރު ދަށްވާނެއެވެ. ޢާންމުގޮތެއްގައި އުޑުމަތި ބަނަވާނެއެވެ. ދޭތެރެދޭތެރެއިން ވާރޭ ވެހޭނެއެވެ. އިހުގައި މީހުން ޤަބޫލުކުރާގޮތުން މި ނަކަތުގައި ހަތް ކޮޅިގަނޑެއް ލައިގަންނާނެއެވެ. ހުޅަނގު މޫސުމުގެ ވިއްސާރަ ފެށިގެން އަންނާނީ މި ނަކަތުންނެވެ. މި ނަކަތުގައި އެވްރެޖްކޮށް 4.41 އިންޗީގެ ވާރޭ ވެހޭނެއެވެ. ވައިޖެހޭނީ ހުޅަނގުންނެވެ. ވައިގެ ބާރުމިން ހުންނާނީ އެވްރެޖްކޮށް 20.37 ކިލޯމީޓަރުގައެވެ. އެވްރެޖްކޮށް އަވިދީފަ އޮންނާނީ 97.4 ގަޑިއިރުއެވެ. މި ނަކަތުގައި މަސްވެރިކަން ދަށްވާނެއެވެ.

މިއަށްފަހު އޮތް ރޯނު ނަކަތުގައި ގަދަ ވަޔާއެކު ކަނޑު ގަދަވެފައި ވިއްސާރަކުރާނެއެވެ. ރޯނު ނަކަތުގައި ވިއްސާރައަކީ ގަދަ ވިއްސާރައެކެވެ. މިއީ މަޝްހޫރު "ޖުންޖުލައި"ގެ ވިއްސާރަ ފެށޭ ނަކަތެވެ. އާންމުކޮށް ވައިޖެހޭނީ ހުޅަނގުންނެވެ. މި ނަކަތުގައި އެވްރެޖްގޮތެއްގައި 4.7 އިންޗިއަށް ވާރޭ ވެހޭނެއެވެ. ވައިޖެހޭނީ ގަޑިއަކު އެވްރެޖްކޮށް 24.08 ކިލޯމީޓަރުގެ ބާރުމިނުގައެވެ. އަވިދޭނީ އެވްރެޖްކޮށް 89.3 ގަޑިއިރުއެވެ. މި ނަކަތުގައި ވެސް މަސްވެރިކަން ދަށްވާނެއެވެ. 

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މޫސުން ލަފާކުރެވޭ ގޮތް: ބޯކޮށް ވާރޭވެހޭނެ، ވައިގަދަވާނެޚަބަރު | 2 ގަޑިއިރު ކުރިންމޫސުން ގޯސްވެ ރާއްޖޭގެ ބޮޑު ބަޔަކަށް ހުދު ސަމާލުޚަބަރު | 3 ދުވަސް ކުރިންކުރިއަށް އޮތް ތިން ދުވަހުވެސް ވިއްސާރަކުރާނެ: މެޓްޚަބަރު | 7 ދުވަސް ކުރިންއެކިހިސާބަށް ކެރީގެ އަސަރުފޯރައި ގުގުރުން އެކަށީގެންވޭ: މެޓްޚަބަރު | 8 ދުވަސް ކުރިން