ބިންވެރިޔާ ސްކީމުން ގޯތި ދޫކޮށްލައި ފުލެޓަށް ބަދަލުވެވޭ ގޮތް ހަމަޖައްސައިފި
2 މޭ 2026 - 04:30

ބިންވެރިޔާ ޚާއްޞަ ސްކީމާ ގުޅޭ އުސޫލަށް ފުރަތަމަ އިޞްލާޙު ގެނެސް، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފިއެވެ.

Ad by Hajj Corporation
މި އިޞްލާޙު ގެޒެޓުކޮށްފައިވަނީ މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުންނެވެ. މި އިޞްލާޙުގެ ދަށުން ބިންވެރިޔާ ސްކީމުން ސިންގަލް އެޕްލިކޭޝަން ހުށަހަޅައިގެން ގޯތި ލިބިފައިވާ ފަރާތްތަކަށް ގޯތި ދޫކޮށްލައި ވަކިން ފުލެޓަށް އެދެވޭނެ ގޮތް ހަމަޖައްސައިފައިވެއެވެ. ހަމައެހެންމެ ޖޮއިންޓް އެޕްލިކޭޝަން ހުށަހަޅައިގެން ގޯތި ލިބިފައިވާ ފަރާތްތަކަށް އެ ގޯތި ދޫކޮށްލައި ވަކިން ފުލެޓަށް ނުވަތަ ގޯއްޗަށް އެދި ހުށަހެޅުމުގެ ފުރުޞަތު ވެސް ހުޅުވާލައިފައިވެއެވެ.
މި އުސޫލުގެ ދަށުން ގޯތި ދޫކުރެވޭނީ ރަސްމާލެއިންނެވެ. ދޫކުރާ ގޯތީގެ ބޮޑުމިނަކީ 1,250 އަކަފޫޓެވެ. ފުލެޓު ދޫކުރެވޭނީ ގްރޭޓަރ މާލެ ސަރަހައްދުންނެވެ. ފުލެޓު ދޫކުރެވޭ ދެ މޮޑެލެއް ކަނޑައަޅައިފައިވާ އިރު، އެއް މޮޑެލަކީ ސަބްސިޑައިޒްކޮށްފައިވާ އަގުތަކެއްގައި ފުލެޓު ގަނެވޭ އެފޯޑަބަލް ހޯމް އޯނަރޝިޕް މޮޑެލެވެ. ދެވަނަ މޮޑެލަކީ މަހުން މަހަށް ކުލި ދައްކައި ޖުމްލަ އަގު ޚަލާޞްކުރުމުން ފުލެޓު މިލްކުކުރެވޭ ރެންޓް-ޓު-އޯން މޮޑެލެވެ.
ރެންޓް-ޓު-އޯން މޮޑެލަށް ޝަރުތު ހަމަވާނީ، އެޕްލިކަންޓުގެ ކޮންމެ މަހެއްގެ ޖުމްލަ އާމްދަނީ 60,000 ރުފިޔާއަށް ވުރެ ދަށް ފަރާތްތަކެވެ. ޖޮއިންޓް އެޕްލިކޭޝަނެއް ހުށަހަޅައިގެން ގޯތި ލިބިފައިވާ ފަރާތްތަކުން ގޯތި ދޫކޮށްލައި މި އުސޫލުގެ ދަށުން ހުށަހެޅެނީ، އެ ގޯތީގައި ހިމެނޭ އެންމެހައި ފަރާތްތައް ގޯތި ދޫކޮށްލާނެ ކަމަށް އެއްބަސްވެ އިޤުރާރުވެފައިވާ ނަމައެވެ. މީގެ އިތުރުން، ރިއަލް އެސްޓޭޓުގެ އާންމު ރޭޓުން ފުލެޓެއް ގަނެވޭނެ މާލީ ފުދުންތެރިކަން ހުރި ފަރާތްތަކަށް މި އުސޫލުގެ ދަށުން ފުލެޓަށް ޝަރުތު ހަމައެއް ނުވާނެއެވެ.


