ކުރިއަށް އޮތް ތިން ދުވަހު ވެސް ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވާނެ
3 މޭ 2026 - 04:29

ކުރިއަށް އޮތް ތިން ދުވަހު ވެސް ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ލަފާކޮށްފިއެވެ.
މެޓް އޮފީހުން އެންމެ ފަހުގެ މޫސުމީ އަޕްޑޭޓުތައް 'މެންދުރު' އާ ހިއްސާކުރަމުން ބުނީ، މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައަކީ ރާއްޖޭގެ ސަރަހައްދުގައި އުފެދިފައިވާ "ސާކިއުލޭޝަން" އެއްގެ ސަބަބުން ކުރާ ވިއްސާރައެއް ކަމަށެވެ. އަދި މިއީ ހުޅަނގު މޫސުމުގެ އާންމު ވިއްސާރައެއް ނޫން ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ.

Ad by Hajj Corporation
މެޓް އޮފީހުން ބުނި ގޮތުގައި، ކުރިއަށް އޮތް ތިން ދުވަހު ވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް، ގުގުރުން އެކަށީގެންވެއެވެ. މޫސުން އަލުން ރަނގަޅުވާނެ ކަމަށް ލަފާކުރެވޭނެ ވަކި ދުވަހެއް އަދި ބުނަން ދަތި ކަމަށްވެސް އެ އިދާރާއިން މައުލޫމާތު ދެއެވެ.
މި ވިއްސާރައާއެކު ވިލާގަނޑުގައި ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭތީ، ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފަ އެވެ. ވަކިން ހާއްސަކޮށް ދަތުރަށް ފުރުމުގެ ކުރިން އެންމެ ފަހުގެ މޫސުމީ މައުލޫމާތު ހޯދުމަކީ ރައްކާތެރިކަމުގެ ގޮތުން މުހިންމު ކަމެއް ކަމަށް އެ އިދާރާއިން ބުނެއެވެ.
މި ދުވަސްވަރަކީ ރާއްޖޭގެ ގިނަ ސަރަހައްދުތަކަކަށް ބޯކޮށް ވާރޭވެހޭ ދުވަސްވަރަކަށް ވާތީ، އާންމު ރައްޔިތުންވެސް މޫސުމަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން އިރުޝާދު ދެއެވެ.


