ސަމާލުވޭ! ޑެންގޫގެ ނުރައްކަލުގެ ރަނގަބީލު ގަދަވަނީ
5 މޭ 2026 - 11:21
ރާއްޖޭގައި ޑެންގީ ހުން ޖެހޭ މީހުންގެ އަދަދު މަހުން މަހަށް އިތުރުވަމުން އަންނަކަމަށް މިނިސްޓްރީ އޮފް ހެލްތުން މިއަދު ހާމަކޮށްފިއެވެ. ހެލްތު މިނިސްޓްރީން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ، ޑެންގީ ޖެހިގެން ރިޕޯޓްކުރާ މިންވަރު މި ދުވަސްވަރު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރުގެ ފުރަތަމަ ހަތަރު މަހާ އަޅާބަލާއިރު މިއަހަރުގެ އެ މުއްދަތުގައި ޑެންގީ ޖެހިގެން ރިޕޯޓްކުރި މީހުންގެ އަދަދު ވަނީ 400 އިންސައްތައަށް ވުރެ ބޮޑަށް އިތުރުވެފައެވެ. މިދިޔަ އަހަރުގެ ފުރަތަމަ ހަތަރު މަހު ރިޕޯޓްކޮށްފައިވަނީ 374 ކޭސް ނަމަވެސް، މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން އޭޕްރިލް 27 ގެ ނިޔަލަށް މި އަދަދު ވަނީ 2,183 އަށް އަރާފައެވެ.

Ad by Hajj Corporation
ތަފާސްހިސާބު: ބޮޑު އިތުރުވުމެއް
މި އަހަރުގެ ތަފާސްހިސާބުތަކަށް ވަކިވަކިން ބަލާއިރު، ޖެނުއަރީ މަހު އެކަނިވެސް 679 ކޭސް ރިޕޯޓްކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު ރިޕޯޓްކުރި 75 ކޭސްއާ އަޅާބަލާއިރު ބޮޑު އިތުރުވުމެކެވެ. މީގެ އިތުރުން ފެބްރުއަރީ މަހު 428 ކޭސް، މާޗް މަހު 600 ކޭސް އަދި އޭޕްރީލް މަހުގެ ފަހުކޮޅާ ހަމައަށް 476 ކޭސް ވަނީ ރިޕޯޓްކޮށްފައެވެ.
އަރިދަފުސް ރޯގާ އާއި އިންފްލުއެންޒާގެ ހާލަތު
ޑެންގީގެ އިތުރުން އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓްކުރާ މިންވަރުވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެޗްޕީއޭގެ ހިސާބުތަކުން ދައްކާގޮތުގައި މިދިޔަ މަހުގެ 22 އިން މި މަހުގެ 18 އަށް ޖުމްލަ 21,687 މީހުން އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓްކޮށްފައިވެއެވެ. މީގެ ތެރެއިން އެންމެ ގިނަ ކޭސް ރިޕޯޓްކޮށްފައިވަނީ އަތޮޅުތެރެއިންނެވެ. އެއީ އަތޮޅުތެރެއިން 11,792 ކޭސް އަދި މާލެ ސަރަހައްދުން 9,894 ކޭސްއެވެ.
އިންފްލުއެންޒާގެ ހާލަތަށް ބަލާއިރު، މި މަހު މިހާތަނަށް ޓެސްޓްކުރި 89 މީހުންގެ ތެރެއިން 18 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. މިއީ ފެބްރުއަރީ މަހު 134 މީހުން ޓެސްޓްކުރިއިރު 8 މީހުން ޕޮޒިޓިވްވި ނިސްބަތަށް ބަލާއިރު އިތުރުވުމެކެވެ. ބަލިތައް ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ ފަރާތްތަކުން އިލްތިމާސްކުރެއެވެ.
މިދިޔަ މަހު ވަނީ ޑެންގޫ ހުން ޖެހުނު ދެ މީހަކު ނިޔާވެފައެވެ.


