މޭއި/ޖޫން އިމްތިހާނުގައި އަމިއްލަ ގޮތުން 1،200 އަށްްވުރެ ގިނަ ދަރިވަރުން ބައިވެރިވެއްޖެ
6 މޭ 2026 - 05:06

މިއަހަރުގެ މޭ/ޖޫން މަހު ބޭއްވުމަށް ހަމަޖެހިފައިވާ އިމްތިޙާނުތަކުގައި އަމިއްލަ ގޮތުން ބައިވެރިވުމަށް 1،200 އަށްވުރެ ގިނަ ދަރިވަރުން ފޯމު ހުށަހަޅާފައިވާ ކަމަށް ތަޢުލީމާއި މަތީ ތަޢުލީމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
ވުޒާރާއިން ވިދާޅުވި ގޮތުގައި، މި ފުރުޞަތުގައި ރާއްޖޭގެ އެކި ހިސާބުތަކުން ޖުމްލަ 1،229 ދަރިވަރުން ވަނީ އިމްތިޙާނުގައި ބައިވެރިވުމަށް އެޕްލިކޭޝަން ހުށަހަޅާފައެވެ.

Ad by Hajj Corporation
އިމްތިޙާނުގައި ބައިވެރިވުމަށް އެންމެ ގިނަ ދަރިވަރުން ކުރިމަތިލާފައިވަނީ ގްރޭޓަރ މާލެ ސަރަޙައްދުންނެވެ. މި ސަރަޙައްދުން 916 ދަރިވަރުން ބައިވެރިވެފައިވެއެވެ. އަތޮޅުތަކުގެ ތެރެއިން އެންމެ ގިނަ ދަރިވަރުން ކުރިމަތިލާފައިވަނީ ސ. ހިތަދޫ މަރުކަޒަށެވެ. އެއީ 147 ދަރިވަރުންނެވެ.
އިތުރު މަރުކަޒުތަކުން ބައިވެރިވި ދަރިވަރުންގެ އަދަދުތަކަށް ބަލާއިރު:
ޏ. ފުވައްމުލައް: 27 ދަރިވަރުން
ލ. ގަން: 25 ދަރިވަރުން
ބ. އޭދަފުށި: 23 ދަރިވަރުން
ގދ. ތިނަދޫ: 18 ދަރިވަރުން
ށ. މިލަންދޫ: 17 ދަރިވަރުން
ހއ. އިހަވަންދޫ: 15 ދަރިވަރުން
ޅ. ނައިފަރު: 14 ދަރިވަރުން
ފ. ނިލަންދޫ: 12 ދަރިވަރުން
ހދ. ކުޅުދުއްފުށި: 11 ދަރިވަރުން
ރ. މީދޫ އަދި ދ. ކުޑަހުވަދޫ: ކޮންމެ ރަށަކުން 2 ދަރިވަރުން
އަމިއްލަ ގޮތުން ބައިވެރިވާ ދަރިވަރުންނަށް މި ފުރުޞަތު ހުޅުވާލި ނަމަވެސް، ސްކޫލުތަކުގައި ކިޔަވާ ދަރިވަރުންގެ އޭލެވެލް އިމްތިޙާނު ކުރިއެކޭވެސް އެއްގޮތަށް އޮންނާނީ އޮކްޓޫބަރު/ނޮވެމްބަރު މަހު ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.
ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ކުރިން ރާއްޖޭގައި އޭލެވެލް އިމްތިޙާނު ބާއްވަމުން އައީ މޭ/ޖޫން މަހުގައެވެ. ނަމަވެސް، ކޮވިޑާ ގުޅިގެން ތަޢުލީމީ ކަލަންޑަރަށް އައި ބޮޑު ބަދަލާއެކު، އޭލެވެލް އިމްތިޙާނު ހަމައެކަނި އޮކްޓޫބަރު/ނޮވެމްބަރު މަހު ހަދާގޮތަށް ވަނީ ބަދަލުކޮށްފައެވެ.


