ބަޔާން ބަލިކޮށް ޕީއެސްޖީ ޖެހިޖެހިގެން ދެވަނަ ފަހަރަށް ޗެންޕިއަންސް ލީގުގެ ތަށި ހޯދުމުގެ ފުރުސަތު ހޯދައިފި
7 މޭ 2026 - 04:14
.jpg&w=3840&q=75)
ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގެ ދެވަނަ ލެގުގައި ބަޔާން މިއުނިކާ ވާދަކޮށް 1-1 އިން އެއްވަރުކޮށް، އެގްރިގޭޓް 6-5 ގެ ނަތީޖާއަކުން ޕީއެސްޖީން މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ. ފައިނަލްގައި ޕީއެސްޖީން ބައްދަލުކުރާނީ އާސެނަލްއާއެވެ.
މެޗުގެ ވަރަށް ކުރީކޮޅު، ތިންވަނަ މިނެޓުގައި އޮސްމާން ޑެމްބެލޭ ވަނީ ލަނޑެއް ޖަހައި ޕީއެސްޖީއަށް ލީޑު ފުޅާކޮށްދީފައެވެ. މި ލަނޑަކީ ކްވިޗާ ކްވަރަޓްސްކޭލިއާ ތަނަވަސްކޮށްދިން ފުރުސަތަކުން ޑެމްބެލޭ ކާމިޔާބުކުރި ލަނޑެކެވެ. މިއީ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލެއްގައި މިހާތަނަށް ފެނުނު ތިންވަނައަށް އެންމެ އަވަސް ލަނޑެވެ.

Ad by Hajj Corporation
ބަޔާން މިއުނިކުން މެޗުގެ ތެރެއަށް އެނބުރި އައުމަށް ގިނަ މަސައްކަތްތަކެއް ކުރިއެވެ. އެގޮތުން ލުއިސް ޑިއާޒް އާއި މައިކަލް އޮލީސޭއަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވެއެވެ. އަދި ބަޔާންއަށް ޕެނަލްޓީއެއް ހޯދުމަށް ކުރި އިލްތިމާސްތައް ރެފްރީ ވަނީ ބޭރުކޮށްލާފައެވެ. ފުރަތަމަ ހާފުގެ ފަހުވަގުތު ޖޮނަތަން ތާ އަށް ލިބުނު ހުސް ފުރުސަތެއްގައި އޭނާ ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ.
މެޗުގެ ދެވަނަ ހާފުގައި ޕީއެސްޖީގެ ކީޕަރު މަޓްވޭ ސަފޮނޯވް އާއި ބަޔާންގެ މެނުއަލް ނޯޔާ ވަނީ މުހިންމު ސޭވްތަކެއް ކޮށްފައެވެ. ބަޔާންއަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިނީ ދެވަނަ ހާފުގެ އިތުރުވަގުތުގެ ހަތަރުވަނަ މިނެޓުގައި ހެރީ ކޭންއެވެ. ނަމަވެސް މި ލަނޑާއެކުވެސް ބަޔާންއަށް އެގްރިގޭޓް ނަތީޖާއިން ކުރި ހޯދޭ ގޮތެއް ނުވިއެވެ.
މި މެޗުގައި ކްވަރަޓްސްކޭލިއާ ވަނީ ތާރީޚީ ރެކޯޑެއް ގާއިމްކޮށްފައެވެ. އޭނާ އަކީ ޗެމްޕިއަންސް ލީގުގެ ނޮކްއައުޓް މަރުހަލާގެ ވިދިވިދިގެން ހަތް މެޗުގައި ލަނޑެއް ނުވަތަ އެސިސްޓެއް ހެދި ފުރަތަމަ ކުޅުންތެރިޔާއެވެ. ބަޔާންއިން މެޗުގައި ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް، ޕީއެސްޖީގެ ވަރުގަދަ ޑިފެންސުން ވަނީ އެޓީމު ފައިނަލަށް ގެންގޮސްދީފައެވެ.
އެންމެ ފަހުގެ މިމުބާރާތުގެ ޗެންޕިއަން ބަޔާން އަށް ވަނީ މިފަހަރު މިމުބާރާތް ކާމިޔާބުކޮށް ޖެހިޖެހިގެން ދެވަނަ ފަހަރު މިމުބާރާތް ކާމިޔާބުކުރި ދެވަނަ ޓީމަށް ވުމުގެ ފުރުސަތު ހޯދާފައެވެ. މީގެކުރިން ޖެހިޖެހިގެން ދެފަހަރު ޔޫރަޕުގެ އެންމެ ޝަރަފުވެރި މިމުބާރާތް ކާމިޔާބުކޮށްފައިވާ ހަމައެކަނި ޓީމަކީ ރެއާލް މެޑްރިޑްއެވެ. އެޓީމުވަނީ ޖެހިޖެހިގެން 3 ފަހަރު މިމުބާރާތް ކާމިޔާބުކޮށްފައެވެ.


