ޗެންޕިއަންސް ލީގު ހޯދަން ދިޔަ ފެރާން ޕީއެސްޖީގެ ޖޯޒީގައި ކުޅުނު ފުރަތަމަ ޗެންޕިއަންސް ލީގުމެޗުގައި ހެޓްރިކެއް
10 ސެޕްޓެމްބަރު 2026 - 03:41

ޔުއެފާ ޗެމްޕިއަންސް ލީގުގެ ތަށި ދިފާއުކުރުމުގެ ދަތުރު ޕެރިސް ސެއިންޓް-ޖާމަން (ޕީއެސްޖީ) އިން ވަރުގަދަ ކާމިޔާބީއަކާއެކު ފަށައިފިއެވެ. އަމިއްލަ ދަނޑު، ޕާކް ޑެސް ޕްރިންސަސްގައި ކުޅުނު މެޗުގައި ފެރާން ޓޮރޭޒް ހެދި ހެޓްރިކާއެކު ޕީއެސްޖީން ވަނީ 6-1 ގެ ބޮޑު ތަފާތަކުން ސްލޮވާން ބްރަޓިސްލާވާ ބަލިކޮށްފައެވެ.
މި މެޗުގައި މޮޅު ކުޅުމެއް ދެއްކި އުސްމާން ޑެމްބެލޭ ވަނީ ދެ ލަނޑު ޖަހައި އިތުރު ދެ ލަނޑު ޖެހުމަށް އެހީތެރިވެދީފައެވެ. ޕީއެސްޖީއަށް މެޗުގެ 17 ވަނަ މިނެޓުގައި ލީޑު ނަގައިދިނީ ވެސް ޑެމްބެލޭއެވެ. އޭގެ ހަ މިނެޓު ފަހުން އޭނާ ވަނީ ޕީއެސްޖީގެ ދެވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. މެޗުގެ 31 ވަނަ މިނެޓުގައި ފެރާން ޓޮރޭޒް ޕީއެސްޖީގެ ތިންވަނަ ލަނޑު ޖަހައިދިންއިރު، ދެވަނަ ހާފު ފެށިގެން ދެ މިނެޓުގެ ތެރޭގައި އޭނާ ވަނީ ޓީމުގެ ހަތަރުވަނަ ލަނޑު ޖަހާފައެވެ. އަދި އޭގެ ކުޑައިރުކޮޅެއް ފަހުން ފެރާން ވަނީ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ.

Ad by Hajj Corporation
ސްލޮވާން ބްރަޓިސްލާވާގެ ހަމައެކަނި ލަނޑު ސުލައިމާން ކަމާރާ ކާމިޔާބުކޮށްދިން ނަމަވެސް، މެޗު ނިމެން ތިން މިނެޓަށް ވެފައިވަނިކޮށް ފަބިއަން ރުއިޒް ވަނީ ޕީއެސްޖީގެ ހަވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. މި މެޗުގައި ހެދި ހެޓްރިކާއެކު ފެރާން ވެގެން ގޮސްފައިވަނީ ޗެމްޕިއަންސް ލީގުގައި ހެޓްރިކް ހެދި ނުވަވަނަ ސްޕެއިން ކުޅުންތެރިޔާއަށެވެ. އަދި ޑެމްބެލޭ ވެފައިވަނީ ކިލިއަން އެމްބާޕޭ އާއި ލިއޮނެލް މެސީއަށް ފަހު ޗެމްޕިއަންސް ލީގުގެ އެއް މެޗެއްގައި 2 ލަނޑު ޖަހައި 2 އެސިސްޓް ހެދި ޕީއެސްޖީގެ ތިންވަނަ ކުޅުންތެރިޔާއަށެވެ.
ފްރެންޗް ލީގުގައި މި ސީޒަނުގައި ކުޅުނު ފުރަތަމަ ތިން މެޗުން މޮޅެއް ނުލިބި ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ލުއިސް އެންރީކޭގެ ޓީމަށް މި މޮޅަކީ ވަރަށް މުހިންމު ކާމިޔާބީއެކެވެ. މުޅި މެޗުގައި 35 ހަމަލާ އުފެއްދި ޕީއެސްޖީން އަންނަ އާދީއްތަ ދުވަހު ނުކުންނާނީ ލީގުގައި ބްރެސްޓާ ދެކޮޅަށެވެ.


