ލަދުވެތި ބައްޔަކުން ބަލިވުމާއެކު ބާސާއިން ޕީއެސްޖީގެ ބެނާގެ މައްސަލަ ހިފައިގެން ޔުއޭފާއަށް
21 އޮކްޓޯބަރު 2026 - 04:04

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އާއި ބާސެލޯނާ ބައްދަލުކުރި މެޗު ފެށުމުގެ ކުރިން، ފްރާންސްގެ ޕީއެސްޖީގެ ސަޕޯޓަރުން ސްޓޭޑިއަމްގައި ދެއްކި ބޮޑު ބެނާއަކާ ގުޅިގެން އެ ކްލަބުގެ މައްސަލަ ޔޫރަޕުގެ ފުޓްބޯޅަ އިދާރާ، ޔުއެފާއަށް ހުށަހެޅުމަށް ބާސެލޯނާއިން ނިންމައިފިއެވެ. ކެޓަލޯނިއާގެ ކްލަބުން މި އަމަލު ސިފަކޮށްފައިވަނީ ކުޅިވަރުގެ ރޫހާއި ވާދަވެރިކަމުގެ އިމުން ބޭރުވެފައިވާ ބަލައިނުގަނެވޭނެ އަމަލެއްގެ ގޮތުގައެވެ.
ރޭގެ މެޗުގައި ޕީއެސްޖީއިން ވަނީ މިހާރު އެންމެ ފޯމުގައި އޮތް ބާސެލޯނާ ބޮޑު ބައްޔަކުން ބަލިކޮށްފައެވެ.
ސްޕެއިންގެ ނޫހެއް ކަމަށްވާ "ސްޕޯޓް" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ބާސެލޯނާއިން މި މައްސަލަ ޔުއެފާއަށް ހުށަހަޅަން ނިންމާފައިވަނީ މެޗު ނިމުމަށްފަހުގައެވެ. ބާސެލޯނާގެ މައިގަނޑު ކަންބޮޑުވުމަކީ ޕީއެސްޖީގެ ސަޕޯޓަރުން ސަޕޯޓަރުންގެ ސްޓޭންޑުގައި ދެއްކި ބޮޑު ބެނާއެކެވެ. އެ ބެނާގައި ލިޔެފައިވަނީ "ގަތުލުއާންމެއް، ޕެރިހުގެ ގޮތުގައި" (A massacre, the Parisian way) މިހެންނެވެ. މީގެ އިތުރުން އެ ބެނާގައި ޕީއެސްޖީގެ ޖާޒީއެއް އަޅައި، ބިރުވެރި މާސްކެއް އަޅައިގެން ހުރި މީހަކު، ކަރަންޓު ކީހަކުން ބާސެލޯނާގެ ކްރެސްޓް ފުނޑުފުނޑުކޮށްލާ މަންޒަރު ދައްކުވައިދީފައިވެއެވެ.
.png&w=750&q=75)
Ad by Hajj Corporation
ޔޫރަޕުގެ އެންމެ ވާދަވެރި ދެ ޓީމުގެ ކުރިމަތިލުން ފެށުމުގެ ކުޑައިރުކޮޅެއް ކުރިން މި ބެނާ ނެގުމާއެކު، ސްޓޭޑިއަމްގެ މަސްރަހު އިތުރަށް ހޫނުވެގެން ދިޔައެވެ. މި ބެނާގެ ޑިޒައިން ނަގާފައިވަނީ ބިރުވެރި ފިލްމު "ދަ ޓެކްސަސް ޗެއިންސޯ މެސެކާ" ގެ މަޝްހޫރު ކެރެކްޓާ "ލެދަރފޭސް" އަދި "ހެލޮވީން" ފިލްމު ސީރީޒްގެ މައިކަލް މޭޔާސްގެ މާސްކުން އިންސްޕަޔާވެގެންނެވެ. މިއީ ބިރުވެރިކަމާއެކު ސީދާ ބާސެލޯނާއަށް ޖެއްސުންކޮށް، ހަމަނުޖެހުމަށް ހިތްވަރުދޭ ގޮތަށް ތައްޔާރުކޮށްފައިވާ ބެނާއެއް ކަމަށް ބެލެވެއެވެ.
ބާސެލޯނާގެ ބޯޑުން ދެކޭގޮތުގައި މިއީ ހަމައެކަނި އިދިކޮޅު ޓީމު ރުޅިއެރުވުމަށް ނުވަތަ ސަޕޯޓަރުންގެ ފޯރިގަދަކުރުމަށް ކުރި ކަމަކަށްވުރެ ބޮޑަށް، ކުޅިވަރުގެ އަހުލާގީ މިންގަނޑުތައް ފަހަނައަޅައި ގޮސްފައިވާ ކަމެކެވެ. ރަސްމީ ސިފައެއްގައި މި މައްސަލަ ޔުއެފާއަށް ހުށަހަޅަން އެ ކްލަބުން ނިންމީ އެ ސަބަބާ ހުރެއެވެ.
މި ދެ ޓީމުގެ ކުރިމަތިލުންތަކަކީ އަބަދުވެސް ފޯރިގަދަ އަދި ސަޕޯޓަރުންގެ މެދުގައި ބޮޑު ވާދަވެރިކަމެއް އޮންނަ މެޗުތަކަކަށް ވާއިރު، މި މައްސަލައާ ގުޅިގެން ޕީއެސްޖީއަށް އަތުވެދާނެ އަދަބަކާ ބެހޭގޮތުން ނުވަތަ މިކަމުގައި އެ ކްލަބުގެ ރަސްމީ ބަހެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

-01.jpg&w=3840&q=75)
