އެމްބާޕޭ ރެއާލް މެޑްރިޑުން ބޭރުކުރުމަށް އިނދިކޮޅު ސަޕޯޓަރުންނާއެކު ރެކޯޑް މުގުރާލާނެ ޕެޓިޝަނެއް ކުރިޔަށްގެންދަނީ
7 މޭ 2026 - 04:29

ރެއާލް މެޑްރިޑްގެ ފްރާންސް ފޯވާޑް ކީލިއަން އެމްބާޕޭ އެ ކްލަބުން ބޭރުކުރުމަށް ގޮވާލާ އޮންލައިންކޮށް ފެށި ޕެޓިޝަނެއްގައި ސޮއިކުރި އެކުލަބުގެ ސަޕޯޓަރުންނާއި އަދި ކުލަބުގެ އިނދިކޮޅު ސަޕޮޯޓަރުންގެ އަދަދު 12.1 މިލިއަނަށްވުރެ މައްޗަށް އަރައިފިއެވެ. ސޯޝަލް މީޑިއާގެ މަސްދަރުތަކުން ބުނާ ގޮތުގައި ބުދަ ދުވަހާ ހަމައަށް މި ޕެޓިޝަނުގައި 12,185,000 އަށްވުރެ ގިނަ މީހުން ވަނީ ސޮއިކޮށްފައެވެ. މިއާއެކު މިއީ ތާރީޚުގައިވެސް އެންމެ ގިނަ ބަޔަކު ސޮއިކުރި ޕެޓިޝަނަށް ވުމުގެ ފުރުސަތު ބޮޑެވެ.
ސަޕޯޓަރުންނާއި ޓީމުގެ ނުރުހުން މްބާޕޭއަށް

Ad by Hajj Corporation
އެމްބާޕޭއާ ދެކޮޅަށް މިފަދަ ކެމްޕޭނެއް ފަށާފައިވަނީ އޭނާގެ އަޚުލާގީ މައްސަލަތަކެއް ފެންމަތިވެ، ސަޕޯޓަރުންގެ ބޮޑު ނުރުހުމެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ. ޚާއްޞަކޮށް، މިދިޔަ ހަފުތާ ބަންދުގައި އޭނާގެ ލޯބިވެރިޔާއާއެކު އިޓަލީއަށް ޗުއްޓީއަށް ދިޔަ މައްސަލައިގައި ކްލަބުގެ ސަޕޯޓަރުންނާއި ޓީމުގެ ބައެއް ކުޅުންތެރިންގެ ފާޑުކިޔުން ވަނީ އޭނާއަށް އަމާޒުވެފައެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ޓީމުގެ ތެރޭގައި އެމްބާޕޭ މިހާރު ހުރީ އެކަހެރިވެފައެވެ.
ޓީމުގެ އެހެން ކުޅުންތެރިން ދެކޭ ގޮތުގައި، ކްލަބަށް ދިމާވެފައިވާ އުނދަގޫ ހާލަތްތަކުގައި އެމްބާޕޭގެ ފަރާތުން އެކަށީގެންވާ އެއްބާރުލުމެއް ނުލިބެއެވެ. އެމްބާޕޭއާއި ކްލަބުގެ މެނޭޖްމަންޓާ ދެމެދު އުފެދުނު ނުތަނަވަސްކަން މިހާރު ވަނީ ބޮޑު ކްރައިސިސްއަކަށް ބަދަލުވެފައެވެ. ސަޕޯޓަރުން ބުނަމުންދަނީ އެމްބާޕޭގެ ފަރާތުން ފެންނަނީ ޕްރޮފެޝަނަލް އަޚުލާގާ ޚިލާފު އަމަލުތަކެއް ކަމަށެވެ.
މްބާޕޭ ނެތި ރެއާލްގެ ނަތީޖާތައް ރަނގަޅު
މި މައްސަލަ އިތުރަށް ގޯސްވެފައިވަނީ އެމްބާޕޭ ނުލައި ރެއާލް މެޑްރިޑުން ހޯދަމުންދާ ކާމިޔާބީތަކުގެ ސަބަބުންނެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، އެމްބާޕޭ ދަނޑުމަތީގައި ނެތް ވަގުތުތަކުގައި ރެއާލް މެޑްރިޑުން ވަނީ އެންމެ ފަހުން ކުޅުނު ހަ މެޗުންވެސް މޮޅުވެފައެވެ. މިއީ އޭނާގެ މުހިންމުކަމާމެދު ސަޕޯޓަރުން ސުވާލު އުފައްދާ އެއް ސަބަބެވެ. މީގެ އިތުރުން އެމްބާއްޕޭ އައުމުގެ ކުރީގެ ސީޒަނުގައި ރެއާލް މެޑްރިޑް ޖުމްލަ 5 ތަށި (އެމްބާއްޕެ އާއެކު 2) ވަނީ ހޯދާފައެވެ. އަދި އޭގެ ފަހުން ކުޅުނު ދެސީޒަންވެސް ރެއާލް ނިންމާލަންޖެހުނީ ހުސްއަތާއެވެ.
މި ސީޒަން ނިމުމުން އެމްބާޕޭ ސެންޓިއާގޯ ބާނަބިއު ދޫކޮށް ދިއުމަށް ގޮވާލާ ފެށި މި އިލެކްޓްރޯނިކް ޕެޓިޝަނުގައި ސޮއިކުރާ މީހުންގެ އަދަދު ދަނީ ހަލުވިކަމާއެކު އިތުރުވަމުންނެވެ. ރިޕޯޓްތައް ބުނާގޮތުން މި ޕެޓިޝަނުގައި ގިނައިން ސޮއި ކުރަނީ އެމްބާއްޕޭ ކުލަބުން ބޭރުކުރަން ބޭނުންވާ އިނދިކޮޅު ސަޕޯޓަރުންނެވެ. މި ކެމްޕޭނަކީ ދުނިޔޭގެ ރެކޯޑެއް މުގުރާލާނެ ފަދަ ބޮޑު ތަރުހީބެއް ލިބެމުންދާ ހަރަކާތަކަށް ވަނީ ވެފައެވެ.


