ތިލަމާލެ ބްރިޖް މަޝްރޫޢުގެ 72.17 އިންސައްތަ މަސައްކަތް ނިމިއްޖެ
7 މޭ 2026 - 18:26

ތިލަމާލެ ބްރިޖް މަޝްރޫއުގެ 72.17 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް ބިނާރާ ގެދޮރުވެރިކަމާ އުމްރާނީ ތަރއްޤީއާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
އެ ވުޒާރާއިން ބުނީ މި މަޝްރޫޢުގެ ދަށުން ސައިޓުގައި މިހާރު މައިގަނޑު ގޮތެއްގައި ކުރިއަށްދަނީ ބްރިޖް ޑެކަށް ބޭނުންވާ ސެގްމަންޓްތައް ކާސްޓްކުރުމާއި، އެ ތަކެތި އިންސްޓޯލްކުރުމުގެ މަސައްކަތް ކަމަށެވެ.

Ad by Hajj Corporation
އެގޮތުން ބްރިޖް ޑެކަށް ބޭނުންވާ ޖުމްލަ 1,222 ސެގްމަންޓްގެ ތެރެއިން 86 އިންސައްތަ ސެގްމަންޓް މިހާރު ވަނީ ކާސްޓްކޮށް ނިމިފައި ކަމަށާއި،އަދި މީގެ ތެރެއިން 60 އިންސައްތަ ސެގްމަންޓް ވަނީ އިންސްޓޯލްކޮށް ނިންމާފައިކަމަށޤ އެ ވުޒާރާއިން ބުނެފައިވެއެވެ.
މީގެ އިތުރުން، ގުޅިފަޅުގައި ބްރިޖާ ގުޅޭ މަގުތައް ހެދުމުގެ މަސައްކަތް ކުރިއަށްދާއިރު، ތިލަފުށީގައި ކުރިއަށްދަނީ ބްރިޖާ ގުޅިގެން ޖަހަންޖެހޭ ރިވެޓްމަންޓް ޖެހުމާއި ކަލްވާޓްތައް ހަރުކުރުމުގެ މަސައްކަތެވެ.
މާލެ ސަރަހައްދުގައި މިހާރު ހިންގާ އުމްރާނީ ތަރައްގީގެ އެންމެ ބިޔަ މަޝްރޫއު ކަމަށްވާ ތިލަމާލެ ބްރިޖަކީ 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ)ގެ މަޝްރޫއެކެވެ. އެއީ، އިންޑިއާގެ އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ދީފައިވާ 400 މިލިއަން ޑޮލަރާއި އިންޑިއާގެ ސަރުކާރުން ދޭ ހިލޭ އެހީގެ ގޮތުގައި ލިބޭ 100 މިލިއަން ޑޮލަރެވެ.


