ޕާސްޕޯޓް ބުކްލެޓްގެ ސްޓޮކް ހުސްވެ، ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓް ދޫކުރަނީ
8 މޭ 2026 - 13:12

އިލެކްޓްރޯނިކް ޕާސްޕޯޓް ޕްރިންޓްކުރާ ބުކްލެޓްގެ ސްޓޮކް ރާއްޖެ ގެނައުން ލަސްވެގެން، މާދަމާ އިން ފެށިގެން ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓް ދޫކުރަން ނިންމާފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ބުނެފިއެވެ.
އިމިގްރޭޝަނުން ބުނީ އޯޑިނަރީ އިލެކްޓްރޯނިކް ޕާސްޕޯޓުގެ ސްޓޮކް މެނޭޖްކުރުމުގެ ބޭނުމަށް، މާދަމާ އިން ފެށިގެން އޯޑިނަރީ ޕާސްޕޯޓަށް އެދި ހުށަހަޅާ އެންމެންނަށް ދޫކުރާނީ ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓު ކަމަށެވެ. ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓަކީ ވެސް އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޮތޯރިޓީ (އައިކާއޯ) ގެ މިންގަނޑުތަކާ އެއްގޮތް، ފަސް އަހަރުގެ މުއްދަތަށް ދޫކުރާ މެޝިން ރީޑަބަލް ޕާސްޕޯޓެއް ކަމަށް އެ އިދާރާއިން ފާހަގަކޮށްފައިވެއެވެ.
އޯޑިނަރީ އިލެކްޓްރޯނިކް ޕާސްޕޯޓުގެ ފީ އަކީ 1،000 ރުފިޔާ ކަމަށް ވާއިރު، ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓުގެ ފީ އަކީ 600 ރުފިޔާއެވެ.
އިމިގްރޭޝަނުން ބުނީ މީގެ ކުރިން އަމަލުކުރާ ގޮތާ ޚިލާފަށް، ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓް ހައްދާ ފަރާތްތަކުން ފަހުން އިލެކްޓްރޯނިކް ޕާސްޕޯޓެއް ހައްދަން ބޭނުންވާ ހާލަތުގައި ކެންސަލޭޝަން ފީ ނެގުމަކާ ނުލައި އެ ޚިދުމަތް ހަމަޖައްސައިދޭނެ ކަމަށެވެ. މި ބަދަލާ ގުޅިގެން ދިމާވެދާނެ ދަތިތަކަށް އެ އިދާރާއިން ވަނީ މައާފަށް އެދިފައެވެ.


