ހުއިފިލަނޑާ އެކްސްޕޯޓް ކުރާ ފަރާތްތަކަށް ހުރި ދަތިތައް ހައްލުކުރުމަށް މަޝްވަރާކުރައްވައިފި
9 މޭ 2026 - 04:36

ރާއްޖޭގައި ހުއިފިލަނޑާ އެކްސްޕޯޓް ކުރާ ފަރާތްތަކަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރެއްވުމަށް ވަޒީރު އަޙްމަދު ޝިޔާމާއި މިނިސްޓްރީގެ އިސް ބޭފުޅުން، ރާއްޖޭގައި ހުއިފިލަނޑާ އެކްސްޕޯޓް ކުރާ ފަރާތްތަކާ ބައްދަލުކުރައްވައިފިއެވެ.
އެ ވުޒާރާގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި ވަޒީރު އަހުމަދު ޝިޔާމްގެ އިތުރުން ސްޓޭޓް މިނިސްޓަރ މުހައްމަދު މުއްތަލިބާއި ސްޓޭޓް މިނިސްޓަރ އައިމިނަތު ހުސައިން ޝަރީފްއާއި ވުޒާރާގެ އިސްބޭފުޅުން ބައިވެރިވެވަޑައިގަތެވެ. އަދި ރާއްޖޭގައި ހުއިފިލަނޑާގެ މަސްވެރިކަމުގައި ހަރަކާތްތެރިވާ ބޭފުޅުން ބައިވެރިވިއެވެ.

Ad by Hajj Corporation
މި ބައްދަލުކުރެއްވުމުގައި، މައިގަނޑު ގޮތެއްގައި މަޝްވަރާކުރައްވާފައިވަނީ ވިޔަފާރީގެ މުޢާމަލާތްތަކުގައި ހުރި ދަތިތައް ހައްލުކޮށް ލުއިފަސޭހަ ގޮތްތަކެއް މަގުފަހިކުރުމަށާއި، ހުއިފިލަނޑާގެ މަސްވެރިކަން ބެލެހެއްޓުމަށް ކަނޑައަޅާފައިވާ އުސޫލުތައް ހަރުދަނާކަމާއެކު ތަންފީޒުކުރުމާ ގުޅޭގޮތުންނެވެ.
ހުއިފިލަނޑާގެ މަސްވެރިކަން ކުރާ ފަރާތްތަކަށާއި މި ސިނާޢަތަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ގުޅޭގޮތުންވެސް މަޝްވަރާކުރައްވާފައިވެއެވެ.
މީގެއިތުރުން ބައިނަލްއަޤްވާމީ 'ސައިޓީސް' މުއާހަދާ ތަންފީޒުކުރުމުގައި މަސްވެރިކަމާއި ހުރި ގުޅުން އަދި އަމަލުކުރެވިދާނެ ހަމަތަކާއި ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ޚިޔާލު ބަދަލުކުރެއްވިއެވެ.


