ތެޔޮ ނުލިބިގެން މަސްއޮޑިތައް ހުއްޓިއްޖެ ކަމަށް ބުނާ ޚަބަރަކީ ރަނގަޅު ޚަބަރެއް ނޫން: ވަޒީރު ޝިޔާމް
18 އޭޕްރީލު 2026 - 06:35

ތެޔޮ ނުލިބިގެން މަސްއޮޑިތައް ހުއްޓިއްޖެ ކަމަށް ބުނާ ޚަބަރަކީ ރަނގަޅު ޚަބަރެއް ނޫން ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
"ތެޔޮ ނުލިބި މަސްދޯނިފަހަރު ހުއްޓިއްޖެ؛ މަސްވެރިކަމުގައި ދިރުމެއް ނެތް" މިސުރުޚީގައި ނޫހެއްގައި ލިޔެފައިވާ ރިޕޯޓަކަށް އިޝާރާތްކުރައްވައި، ވަޒީރު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއީ ރަނގަޅު ޚަބަރެ އްނޫން ކަމަށާއި މި އުނދަގޫ ހާލަތުގައިވެސް ސަރުކާރުން ޔަޤީންކުރާ އެއްކަމަކީ ދިވެހި މަސްވެރިން މަސްކަނޑުތަކަށް ނިކުމެވޭނެކަން ކަށަވަރުކުރުން ކަމަށެވެ.

Ad by Hajj Corporation
އެމަނިކުފާނު ވިދާޅުވީ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އެހާ މައްޗަށް އަރައިގެން ދިޔަ ނަމަވެސް ދިވެހި މަސްވެެރިންނަށް އެބުރަ ނުޖައްސާ ސަރުކާރުން މިއަދާ ހަމައަށްވެސް ގެންދަނީ ތެލުގެ ކަންކަން ވީއެންމެ ރަނގަޅަށް މަނޭޖުކުރަމުން ކަމަށެވެ. އަދި އެކަން މަސްވެރިންވެސް ޝުކުރުވެރިކަމާއިއެކު ބަލައިގަންނަ ކަމުގައި ވިދާޅުވިއެވެ.
ނޫހުގައި މިފަދަ ހެޑްލައިންއެއް ހައްދަވާއިރު ކަން އޮތްގޮތް ރަނގަޅަށް ބައްލަވާލެއްވި ނަމަ ހާދަ ރަނގަޅުވީހޭ ހިތަށް އަރާ ކަމަށާއި ގިނަ ދުވަސްތަކެއް ވަންދެން އެންވެރިކަން ދަށްވެފައި އޮތުމަށް ފަހު މުޅި ރާއްޖެއަށް ވެސް އެންވެރިކަން ރަނގަޅުވާން ފެށުމާއެކު މަސްވެެރިކަންވެސް އަންނަނީ الله ގެ އިރާދަފުޅުން ވަރަށް ރަނގަޅުވަމުން ކަމުގައި ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ވިދާޅުވީ، އެހެންކަމުން މަސްވެރިކަން ރަނގަޅު ސަރަހައްދުތަކަށް ބޯޓުތައް ފޮނުވުމުވުމުގެ މަސައްކަތްތައްވެސް ކުރެވޭނެ ކަމަށެވެ.
ސަރުކާރުން ދަނީ މަސްވެެރިންގެ ކަންކަން މިހާލަތުގައިވެސް ގާތުން ބަލައި މަސްވެރިންނަށް އެންމެ ރަނގަޅު ގޮތްތަކަށް މަސައްކަތް ކޮށްދެމުން ކަމަށާއި އަދި މަސްވެެރި އިންޑަސްޓްރީގައި ހަރަކާތްތެެރިވާ ކުންފުނިތަކަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމަށްވެސް އިންޑަސްޓްރީގެ މަޝްވަރާއާއެކު ވަރަށް ގިނަ މަސައްކަތްތަކެއް ސަރުކާރުންދަނީ ކުރަމުން ކަމަށް ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.


