އައިސް އަދި ތެލަށް ކުރާ ހަރަދު ކުޑަވާނަމަ މަސްވެރިޔާގެ ޖީބަށް އިތުރުވާނެ: ވަޒީރު ޝިޔާމް
20 މޭ 2026 - 06:51

މަސްވެރިން އައިސް އަދި ތެލަށް ކުރާ ހަރަދު ކުޑަކުރެވިއްޖެނަމަ، މަސްވެރިޔާގެ ޖީބަށް ވަންނަ އާމްދަނީ އިތުރުވެގެންދާނެ ކަމަށް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، މަސްވެރި ސިނާއަތުގެ ކުރިއެރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ. ވަޒީރު ޝިޔާމް ފާހަގަކުރެއްވި ގޮތުގައި، އެހެން އެއްވެސް ސަރުކާރަކުން މަސްވެރިންނަށް ފަހިކޮށްދީފައި ނުވާފަދަ ފުރުސަތުތަކެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މި ސަރުކާރުން ވަނީ މަސްވެރިންނަށް ފަހިކޮށްދީފައެވެ.

Ad by Hajj Corporation
އެގޮތުން، މަސް ދޯނިފަހަރުގައި އާރު.އެސް.ޑަބްލިޔު ސިސްޓަމް ސީދާ ހަރުކުރުމަށްޓަކައި ލުއި ފުރުސަތުތަކެއް ހުޅުވާލާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
"އާރު.އެސް.ޑަބްލިޔު ސިސްޓަމް ސީދާ ދޯނީގަ ހަރުކުރުމަށް ވާނީ ފަހި ފުރުސަތުތަކެއް ހުޅުވާލާފައި، އަދި އޭގެ ބޭނުން މަސްވެރިން ދަނީ ވަރަށް ރަނގަޅަށް ކުރަމުން. އޭގެ ފައިދާވެސް މަސްވެރިންނަށް އެބަކުރޭ" : ވަޒީރު
މަސްވެރި ސިނާއަތަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ، ވޭތުވެދިޔަ ސަރުކާރުތަކުން މި ސިނާއަތް ތަރައްގީ ކުރުމަށް އެކަށީގެންވާ މިންވަރަށް އިންވެސްޓު ނުކޮށް އޮތް އޮތުން ކަމަށް ޝިޔާމް ވިދާޅުވިއެވެ. މި ސިނާއަތަށް ކުރަންޖެހޭ ހޭދަ ނުކުރެވި ހުރުމުގެ ސަބަބުން، ގައުމަށް ވަންނަންޖެހޭ އާމްދަނީ ނުވަދެ ދިޔަކަން ފާހަގަކުރައްވައި، ވަޒީރު ވިދާޅުވީ މި ސިނާއަތަށް ބޮޑެތި އިންވެސްޓްމަންޓްތައް ބޭނުންވާ ކަމަށެވެ. މި ސަރުކާރުގެ އަމާޒަކީ މަސްވެރި ސިނާއަތް ތަރައްގީކޮށް މަސްވެރިންގެ ޖީބުތައް ތަނަވަސްކޮށްދިނުން ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ސިނާއަތުގައި ހުރި ގޮންޖެހުންތައް ހައްލުކުރުމަށް މިހާރު މަސައްކަތްތަކެއް ފެށިފައިވާކަން ހާމަކުރައްވަމުން ވަޒީރު ވިދާޅުވީ، މަހުގެ އާމްދަނީ އިތުރުކުރެވެނީ ފެލިވަރު ފަދަ އަގު އެއްކުރެވޭނެ ތަންތަން އިތުރުކުރެވިގެން ކަމަށެވެ.
"އެކަންކަން ހައްލުކުރުމުގެ މަގްސަދުގައި ރާއްޖޭގެ ދެ ސަރަހައްދެއްގައި ފެކްޓްރީ އަޅަން ބޭނުންވާ ބިމާއި ބަނދަރުގެ މަސައްކަތް އެދަނީ ކުރަމުން. ކުރިއަށް އޮތް ދެ އަހަރެއްހާ ދުވަސް ތެރޭ ރާއްޖޭގައި އަގު އެއްކޮށްގެން މަހަށް ލިބޭ އާމްދަނީ އެތައް ގުނައަކުން އިތުރުކުރެވޭނެ،" ވަޒީރު ޝިޔާމް ވިދާޅުވިއެވެ.
ސަރުކާރުގެ މި އަމާޒުތައް ހާސިލުވުމުން، މަސްވެރިންނަށް ލިބޭ ނަފާ އިތުރުވެ، މަސްވެރިކަމަކީ މިހާރަށްވުރެ ފައިދާހުރި ސިނާއަތަކަށް ވެގެންދާނެ ކަމަށް މަސްވެރިކަމާ ބެހޭ ވުޒާރާއިން އުންމީދު ކުރައްވާކަން ވަޒީރު ހާމަކުރެއްވިއެވެ.


