ރައީސް މުޢިއްޒަކީ ފަސްޖެހިވަޑައިގަތުމެއް ނެތި ޤާނޫނުގެ ވެރިކަން ނަގަހައްޓާނެ އިޚްލާސްތެރި ވެރިއެއް: ޝިޔާމް
12 މޭ 2026 - 03:06
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަކީ އެއްވެސް ފަސްޖެހިވަޑައިގަތުމެއް ނެތި ޤާނޫނުގެ ވެރިކަން ނަގަހައްޓަވާނެ، ޒިންމާދާރު އަދި ރައްޔިތުންނަށް އިޚްލާސްތެރި ވެރިއެއް ކަމަށް މަސްވެރިކަމާއި، ކަނޑުގެ ވަސީލަތްތަކާއި އަދި ދަނޑުވެރިކަމާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ވަޒީރު ޝިޔާމް މިހެން ވިދާޅުވީ ސޯޝަލް މީޑިއާ މަންސަ "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައެވެ. ޝިޔާމް ވިދާޅުވި ގޮތުގައި، ރައީސް ޑރ. މުޢިއްޒަކީ މީޑިއާއާއި ޑިމޮކްރަސީއާ ބީރައްޓެހި ބޭފުޅެއްގެ ގޮތުގައި ސިފަކުރަން ވާދަވެރި ސިޔާސީ ޕާޓީތަކުންނާއި މި ސަރުކާރާ ދެކޮޅު ބައެއް މީޑިއާތަކުން ކުރާ މަސައްކަތަކީ ރައްޔިތުންނަށް އޮޅުވާލުމުގެ ނިޔަތުގައި ކުރާ ހީލަތްތެރި ފިތުނަވެރި މަސައްކަތެކެވެ.

Ad by Hajj Corporation
"ރައީސް ޑރ. މުޢިއްޒު މަސައްކަތްކުރައްވަނީ މީޑިއާތަކާ ވަރަށް ގާތުން. ކޮންމެ ހަފްތާއަކު އެއްދުވަހު އެބަ ނޫސްވެރިންނާ ބައްދަލުކުރައްވާ. މީޑިއާތައް މެދުވެރިކޮށް ރައްޔިތުންނަށް ފޯރުކޮށްދެއްވަންޖެހޭ މަޢުލޫމާތުތައް އެބަ ޙިއްސާކުރައްވާ. މިނިވަން ނޫސްވެރިކަމަށް ދެއްވަންޖެހޭ ޖާގަ އެބަދެއްވާ،" ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ޝަރުޢީ ކޯޓުތަކުން ކުރާ އަމުރުތަކަށް ތަބާވުމާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އެ އަމުރުތަކަށް ގޮންޖަހައި މަސައްކަތްކުރުމުގެ ޖާގަ ނުދީ ޤާނޫނުގެ ވެރިކަން ނެގެހެއްޓުމަކީ ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތެކެވެ. އަދި ރައީސް މުޢިއްޒު އަދާކުރައްވަމުން ގެންދަވަނީ އެ ޒިންމާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ނޫސްވެރިކަމުގެ މިނިވަންކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، މިނިވަން ނޫސްވެރިކަމުގެ ނަމުގައި މީހުންގެ އަބުރު ނަގާލާ، ކޯޓު އަމުރުތަކަށް ގޮންޖަހައި ހިތުހުރި ގޮތަކަށް އަމަލުކުރުމަކީ ޑިމޮކްރަސީ ނޫން ކަމަށެވެ. އަދި ބައެއް ނޫސްވެރިން ރައީސް ބާއްވަވާ ނޫސްވެރިންގެ ބައްދަލުވުންތަކަކީ ޒާތީގޮތުން ފުރައްސާރަކުރަން ލިބޭ ފުރުޞަތެއްގެ ގޮތުގައި ބޭނުންކުރުމަކީ ނޫސްވެރިކަމުގެ އަޚްލާޤީ ހަމަތަކާ ޚިލާފު ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
" 'އަދަދު' ނޫހުގެ ނޫސްވެރިޔާގެ ފަރާތުން ފެނުނީ މި ދެންނެވި އަސާސްތަކާ ޚިލާފަށް ކުރި ދަށުދަރަޖައިގެ ޢަމަލެއް. ނޫސްވެރިކަމުގެ ތޮފި އަޅައިގެން ބައެއް ނޫސްވެރިން ކުރާ މިފަދަ ޒިންމާދާރުކަން ކުޑަ، ހުތުރު ޢަމަލުތަކަކީ ޒިންމާދާރު ނޫސްވެރިންގެ މަސައްކަތަށްވެސް އެޅޭ ހުރަހެއް،" ޝިޔާމް ވިދާޅުވިއެވެ.
ވަޒީރު ޝިޔާމްގެ ވާހަކަ ނިންމާލައްވަމުން ވިދާޅުވީ، ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން އަބަދުވެސް ޒިންމާދާރު ނޫސްވެރިކަމަށް މަރުޙަބާ ކިޔާނެ ކަމަށާއި، ރައީސަކީ ރައްޔިތުންނަށް އިޚްލާސްތެރި، ޤާނޫނު ނަގަހައްޓަވާނެ ވެރިއެއް ކަމުގެ ޔަގީންކަން އޮތް ކަމަށެވެ.


