މާލީ އެހީއާއި މޫސުމީ އިންސާފަށް ވަކާލާތު ކުރެއްވުމަށްފަހު ރައީސް އެނބުރި ވަޑައިގެންފި
14 ނޮވެމްބަރު 2026 - 04:35
.jpg&w=3840&q=75)
މޫސުމަށް އަންނަ ބަދަލުތަކާބެހޭ އދ.ގެ މުޢާހަދާގެ ބައިވެރިންގެ 31 ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް (ކޮޕް31) ގައި ބައިވެރިވެވަޑައިގަތުމަށް، ތުރުކީވިލާތަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އަދި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ރާއްޖެ ވަޑައިގެންފިއެވެ.
މި ދަތުރުފުޅުގައި ދިވެހި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
.png&w=750&q=75)
Ad by Hajj Corporation
"ޓުވާރޑްސް އަ ސަސްޓެއިނަބަލް، ރެޒިލިއަންޓް އެންޑް އިކުއިޓަބަލް ފިއުޗަރ" މި ޝިޢާރުގެ ދަށުން ނޮވެމްބަރު 10 ގައި ފެށި މި ސަމިޓުގައި ރާއްޖޭގެ ޤައުމީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މޫސުމީ ބަދަލުތަކާ ގުޅިގެން ބައިނަލްއަޤްވާމީ މުޖުތަމަޢުން ވެފައިވާ ވަޢުދުތައް ފުއްދުމަށާއި، ބައިނަލްއަޤްވާމީ މާލީ ނިޒާމަށް އިޞްލާޙީ ބަދަލުތައް ގެނައުމަށް ގޮވާލައްވާފައެވެ. އަދި ސިޔާސީ ގޮތުން ވެފައިވާ ވަޢުދުތައް ޢަމަލީ ނަތީޖާއަށް ބަދަލުކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވެފައިވާ ނާޒުކު ހާލަތްތައް ބަލައިގަތުމަށްވެސް އެމަނިކުފާނު ބާރުއެޅުއްވިއެވެ.
މި ދަތުރުފުޅުގެ ތެރެއިން މޫސުމީ މައްސަލަތަކާ ގުޅޭ މަތީ ފަންތީގެ ވަށްމޭޒު ޖަލްސާތަކުގައި ބައިވެރިވެވަޑައިގެން، ނާޒުކު ޖަޒީރާ ޤައުމުތަކަށް ދިމާވާ ގޮންޖެހުންތައް ޙިއްސާކުރައްވައި، އެ ޤައުމުތަކަށް ފޯރުކޮށްދޭ ބައިނަލްއަޤްވާމީ އެހީތެރިކަން އިތުރުކުރުމަށް އެމަނިކުފާނު ވަކާލާތު ކުރެއްވިއެވެ. މީގެއިތުރުން، ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ޤައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގެ އިސް ފަރާތްތަކާ ބައްދަލުކުރައްވައި މަޝްވަރާތައް ކުރިއަށް ގެންދަވާފައެވެ.
މި ސަމިޓުގެ ތެރެއިން ބޭއްވުނު "ގްލޯބަލް ޒީރޯ ވޭސްޓް އެލަޔަންސް" ގެ މަތީ ފަންތީގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވަނީ ތަޤުރީރު ކުރައްވާފައެވެ. އެކަމަނާގެ ވާހަކަފުޅުގައި ކަނޑަށް އެޅޭ ކުނީގެ ސަބަބުން ފަރުތަކަށާއި، ކަނޑުގެ ދިރުންތަކަށާއި، ކާބޯތަކެތީގެ ރައްކާތެރިކަމަށް ލިބޭ ގެއްލުންތައް ފާހަގަކުރައްވައި، އުކާލާ ކުންޏަކީ އަމިއްލައަށް ނެތިގެންދާ އެއްޗެއް ނޫންކަން ހަނދާންކޮށްދެއްވިއެވެ.
މޫސުމީ ބަދަލުތަކާ ދެކޮޅަށް އެންމެން ގުޅިގެން އަވަސް ފިޔަވަޅުތަކެއް އެޅުމަށް ބޭއްވި މި ސަމިޓުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ އިއާދަކުރަނިވި ހަކަތައަށް ބަދަލުވުމާއި، މޫސުމީ ގޮންޖެހުންތަކުން އަރައިގަތުމަށް މާލީ އެހީތެރިކަން ހޯދުމާއި، އަދި ރަށްފުށު ސަރަޙައްދުތައް މޫސުމީ ގެއްލުންތަކަށް ހޭނުވުމާ ގުޅޭގޮތުންނެވެ. މީގެ ކުރިން 2023 ވަނަ އަހަރުގެ ކޮޕް28 އަދި 2024 ވަނަ އަހަރުގެ ކޮޕް29 ސަމިޓުގައިވެސް ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެންފައިވުމަކީ، މޫސުމާ ގުޅޭ ކަންކަމުގައި ބައިނަލްއަޤްވާމީ ފެންވަރުގައި ވަކާލާތުކުރުމަށް މި ސަރުކާރުން ދޭ ޚާއްޞަ އިސްކަން ހާމަވާ ކަމެކެވެ.

-01.jpg&w=3840&q=75)
