މަޖިލީހަށްވެސް ނާންގާ ކަންކަން ކުރި ބޭފުޅުން މިއަދު 'ޤައުމޭ' ކިޔަސް ނިޔަތް ސާފު: ވަޒީރު ޝިޔާމް
14 ނޮވެމްބަރު 2026 - 13:38

ރައްޔިތުން އިލްތިޒާމު އުފުލަންޖެހޭ ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާ ގުޅޭ ކަންކަން ރައްޔިތުންނާ މަޝްވަރާނުކޮށް، އަދި ކުޑަމިނުން ރައްޔިތުންގެ މަޖިލީހަށްވެސް އަންގާނުލައި މީގެކުރިން ކުރައްވާފައި ތިއްބެވި ބޭފުޅުން މިއަދު "ޤައުމޭ، މިނިވަންކަމޭ، ސިޔާދަތޭ އަދި ދީނޭ" ވިދާޅުވި ނަމަވެސް އެ ބޭފުޅުންގެ ސިޔާސީ ފަތިފުށް އަދި ނިޔަތް ރައްޔިތުންނަށް ވަރަށް ސާފު ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
.png&w=750&q=75)
Ad by Hajj Corporation
ވަޒީރު މިހެން ވިދާޅުވީ އިދިކޮޅު ބައެއް ފަރާތްތަކުން ރަސްމާލެ މަޝްރޫޢާ ދެކޮޅަށް ރޭ މާލޭގައި އެއްވުމެއް ބާއްވާފައިވަނިކޮށް، ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. ވަޒީރު ވިދާޅުވީ ޤައުމީ ކަމެއްނަމަ އެންމެ ކުރީގައި ހުންނަވާނެ ކަމަށާއި، ނަމަވެސް ރޭ ފެނިގެންދިޔައީ ވާދަވެރި ސިޔާސީ ޕާޓީތަކުން ރައްޔިތުންނަށް ވަރަށް ބޮޑަށް އޮޅުވާލައިގެން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕޭން ލޯންޗުކުރި މަންޒަރު ކަމަށެވެ. އަދި އެއީ ޒިންމާދާރު ސިޔާސީ ޕާޓީތަކުން ކުރާ ޒާތުގެ ކަމެއް ނޫން ކަމަށާއި، އެ ބޭފުޅުން ހާސިލްކުރަން ބޭނުންވަނީ ހަމައެކަނި ސިޔާސީ މަޤްޞަދެއް ކަމަށްވެސް ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމަށް އަލިއަޅުއްވާލައްވަމުން ޝިޔާމް ވިދާޅުވީ، އެމަނިކުފާނަކީ ފަސް އަހަރުގެ ދައުރެއްގައި ދީނީ ކަންކަމަށް އެންމެ ބޮޑު އަހައްމިއްޔަތުކަމެއް ދެއްވައިގެން ޤައުމީވަންތަ ސިފަ އެންމެ ބޮޑަށް ފެންނަ ވެރިކަމެއް ކުރައްވާ ރައީސް ކަމަށެވެ. މީގެއިތުރުން، ރާއްޖޭގެ ވެރިކަން ކުރިން ކުރެއްވި އެހެން ގިނަ ވެރިންނާ ޚިލާފަށް، ފަލަސްޠީނުގެ މުސްލިމުންނާ ދެކޮޅަށް އިސްރާއީލުން ހިންގާ ލާއިންސާނީ ޢަމަލުތައް ކުށްވެރިކޮށް ރާއްޖެއާއި ބޭރު ދުނިޔޭގައި ފާޅުގައި އެންމެ ބާރަށް ވަކާލާތު ކުރައްވައި، މާނަވީ ގޮތެއްގައި އެންމެ ބޮޑު އިޙުތިޖާޖެއް ކުރައްވަމުން ގެންދަވާ ވެރިޔަކީވެސް ރައީސް ޑރ. މުޢިއްޒު ކަމަށް ވިދާޅުވިއެވެ.
ދިވެހިންގެ ދީނާއި، ސިޔާދަތާއި މިނިވަންކަމަށް ކުޑަވެސް ބުރުލެއް އެރިޔަނުދީ އެކަންކަން ދިފާޢުކޮށް ހިމާޔަތްކުރާނީ މި ސަރުކާރުންކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، އޭގެ އެއް މިސާލަކީ ވޭތުވެދިޔަ ސަރުކާރުތަކުން އުފައްދާފައިވާ ސިޔާދަތީ ދަރަނީގެ ތެރެއިން 1.9 ބިލިއަން ޑޮލަރު ދައްކައި، ދަރަނީގެ ދަންތުރައިން ޤައުމާއި ރައްޔިތުން ސަލާމަތްކުރުން ކަމަށެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ކްރެޑިޓް ރޭޓިން އެޖެންސީތަކުން ރާއްޖޭގެ ރޭޓިން ރަނގަޅުކޮށްފައިވާ ކަމަށާއި، ބިލިއަން ޑޮލަރުގެ ބިޔަ މަޝްރޫޢުތައް ރާއްޖެއަށް މިސްރާބު ޖަހާފައިވާ ކަމަށް ވިދާޅުވިއެވެ.
މަޝްރޫޢުތައް ކިތަންމެ ބިޔަވެފައި އަގު ކިތަންމެ ބޮޑުވި ނަމަވެސް، މި ސަރުކާރަކީ ދިވެހިންގެ ދީނާއި، ސަގާފަތާއި، މިނިވަންކަމާއި، ޤާނޫނުއަސާސީއާއި ޤާނޫނުތަކަށް އިޙުތިރާމް ނުކުރާ ބަޔަކަށް ނުވަތަ އިންވެސްޓްމަންޓަކަށް މަރުޙަބާ ކިޔާނެ ސަރުކާރެއް ނޫން ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ. ވާދަވެރިން ބޭނުންވަނީ މި ރާއްޖެ އަބަދު ނާށިގަނޑު ހިފައިގެން އަވައްޓެރިންނާއި ދުނިޔެ ކުރިމަތީ ސަލާންޖަހާ ބައެއްގެ ގޮތުގައި ބާއްވަން ކަމަށާއި، ރައީސް ޑރ. މުޢިއްޒުގެ އަމާޒަކީ ދިވެހި ރައްޔިތުންނަކީ ފުދުންތެރި، އަބުރުވެރި ބަޔަކަށް ހައްދަވައި 2040 ވަނަ އަހަރު ރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމަކަށް ހެއްދެވުން ކަމަށް ވިދާޅުވިއެވެ.
އީގަލް ހިލްސް ކުންފުނިން ޝައުޤުވެރިކަން ފާޅުކޮށްފައިވާ ރަސްމާލެ މަޝްރޫޢާ ގުޅޭގޮތުން ވަޒީރު ވިދާޅުވީ، އެއީ ދިވެހި ތާރީޚު ޒަމާންތަކަކަށް ދެކޭނެ އެންމެ ބިޔަ މަޝްރޫޢު ކަމަށެވެ. އަދި އެއީ ރާއްޖޭގެ އިޤްތިޞާދީ ނާރެސް ބަދަލުކޮށް، ދިވެހިންގެ ދިރިއުޅުމަށް އުޖާލާކަން ގެނެސްދޭނެ އުއްމީދީ މަޝްރޫޢެއް ކަމުގައިވެސް ވިދާޅުވިއެވެ.

-01.jpg&w=3840&q=75)
