ގައުމުގެ ކާނާގެ ޔަގީންކަން ކަށަވަރުކުރުމަކީ ގައުމީ ސަލާމަތާ ގުޅިފައިވާ ކަމެއް: ވަޒީރު ޝިޔާމް
17 އޮކްޓޯބަރު 2026 - 17:25

ގައުމުގެ ކާނާގެ ޔަގީންކަން ކަށަވަރުކުރުމަކީ ހަމައެކަނި އިގްތިސާދީ ކަމެއް ނޫން ކަމަށާއި، އެއީ ގައުމީ ސަލާމަތާއި ރައްކާތެރިކަމާ ސީދާ ގުޅިފައިވާ ނުހަނު މުހިންމު ކަމެއް ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާއި ގައުމީ ދަނޑުވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އައްޑޫ ސިޓީ މީދޫގައި ބޭއްވި ރަސްމީ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރާއްޖެއަކީ ޖަޒީރާ އަދި ބިންތިރި ގައުމަކަށް ވުމުން ދަނޑުވެރިކަން ކުރުމުގައި ގިނަގުނަ ގޮންޖެހުންތަކެއް ހުރިކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، މި ދާއިރާއިން އެދެވޭ އާމްދަނީއެއް ހޯދުމަށް ފުޅާ ދާއިރާއެއްގައި މަސައްކަތްތަކެއް ކުރަންޖެހިފައިވާ ކަމަށެވެ.
.png&w=750&q=75)
Ad by Hajj Corporation
ރާއްޖޭގައި ބޭނުންކުރާ ކާބޯތަކެތީގެ 90 އިންސައްތައަށްވުރެ ބޮޑުބައި އިމްޕޯޓްކުރާކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، އަހަރަކު 60 މިލިއަން ޑޮލަރުގެ މޭވާއާއި ތަރުކާރީ އެތެރެކުރާ ކަމަށެވެ. އަދި މީގެ ތެރޭގައި 73 މިލިއަން ރުފިޔާގެ ކަރާ އަދި ވޭތުވެދިޔަ އަހަރު އެކަނިވެސް 105 މިލިއަން ރުފިޔާގެ ކެބެޖާއި ލެޓިއުސް ރާއްޖެއަށް އެތެރެކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.
މިފަދަ ބޮޑު ހޭދައެއް ބޭރުވާތީ، ސަރުކާރުގެ މައިގަނޑު ސިޔާސަތަކީ ރާއްޖޭގައި ހެއްދެން ހުރި ބާވަތްތައް ބޭރުން އެތެރެކުރާ މިންވަރު ވީހާވެސް ބޮޑަށް ދަށްކުރުން ކަމަށް ވަޒީރު ވިދާޅުވިއެވެ. މި އަމާޒަށް ވާސިލުވެވޭނީ ރާއްޖޭގެ ދަނޑުވެރިންނަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން މިހާރަށްވުރެ ހަރުދަނާ އަދި ފުޅާ ދާއިރާއެއްގައި ފޯރުކޮށްދީގެން ކަމަށްވެސް ފާހަގަކުރެއްވިއެވެ.
"ސަރުކާރުގެ އަމާޒަކީ ރާއްޖޭގައި ކާނާގެ ޔަގީންކަން ކަށަވަރުކުރުން. އެއީ ދަނޑުވެރިކަން ވިޔަސް، މަސްވެރިކަން ވިޔަސް، އަދި މެރިކަލްޗަރ ވިޔަސް، އަޅުގަނޑުމެންގެ އެންމެ ބޮޑު އަމާޒަކީ ކާބޯތަކެތީގެ ޔަގީންކަން ހޯދުން. މިއީ ޤައުމުގެ ސަލާމަތާއި ރައްކާތެރިކަމާ ވެސް ގުޅިފައިވާ މުހިންމު ކަމެއް. އެހެންކަމުން ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އަޅަންޖެހޭ،" ވަޒީރު ވިދާޅުވިއެވެ.
ރާއްޖޭގައި ކާބޯތަކެތީގެ ރައްކާތެރިކަން ގާއިމުކުރުމަށްޓަކައި، ސަރުކާރާއި ކަމާގުޅުންހުރި އިދާރާތައް ގުޅިގެން ވަށާޖެހޭ ސިޔާސަތުތަކެއްގެ ދަށުން މުހިންމު މަޝްރޫއުތަކެއް އަންނަނީ ހިންގަމުންނެވެ. މިގޮތުން، ދަނޑުވެރިކަމުގެ ދާއިރާ ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށްޓަކައި ޓެކްނޮލޮޖީގެ އެހީގައި ދަނޑުވެރިކަން ކުރަން ދަސްކޮށްދިނުމާއި، މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން، ދަނޑުވެރިން އުފައްދާ ތަކެތި ފަސޭހަކަމާއެކު މާކެޓަށް ނެރެ ވިއްކޭނެ ހަރުދަނާ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ސަރުކާރުން މިހާރު ވަނީ ފަށާފައެވެ.

-01.jpg&w=3840&q=75)
