މަސްވެރިކަން ދޫކޮށްލި ގިނަ ބަޔަކު އަލުން އެނބުރި ސިނާއަތަށް ދަނީ ނުކުންނަމުން: ޝިޔާމް
27 ސެޕްޓެމްބަރު 2026 - 18:19

މަސްވެރިކަން ދޫކޮށްލި ގިނަ ބަޔަކު އަލުން އެނބުރި އެ ސިނާއަތަށް ނުކުންނަމުންދާ ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ 'އަހާ' ފޯރަމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ވަޒީރު ވިދާޅުވި ގޮތުގައި މަސްވެރިކަމުގެ ސިނާއަތް ވަރަށް ބޮޑަށް އަޑިއަޅާލާފައިވަނިކޮށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން ފާއިތުވި ދެ އަހަރާއި ބައިގެ ތެރޭގައި މަސްވެރިންނަށް ގިނަ ކުރިއެރުންތަކެއް ވަނީ ހޯއްދަވައިދެއްވާފައެވެ. އެގޮތުން މަސްވެރިންނަކީ ރަސްމީކޮށް ދައުލަތުން ބަލައިގަންނަ ބަޔަކަށް ހަދައި، މާލީ މުއައްސަސާތަކާއި ބޭންކުތަކުން ފޯރުކޮށްދޭ އެކި ހިދުމަތްތަކަށް ވާސިލުވެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމުން، ކުރިން އެހެން ވަޒީފާތަކަށް ދިޔަ ގިނަ ބަޔަކު އަނބުރާ މަސްވެރިކަމަށް ނިކުންނަން ފަށާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
.png&w=750&q=75)
Ad by Hajj Corporation
މަސްވެރިންނަށް ނުދީ ހުރި ފައިސާއާ ގުޅޭގޮތުން އާންމު ފަރާތަކުން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ، މި ސަރުކާރު ހަވާލުވިއިރު މިފްކޯއިން މަސްވެރިންނަށް ދޭންޖެހޭ 250 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުދައްކައި ހުރި ކަމަށާއި އެ ފައިސާ ދެއްކޭނެ ގޮތެއްވެސް އެއިރު ނެތް ކަމަށެވެ. މި މައްސަލަ ބޮޑުވީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ދެބުރުގެ ދޭތެރޭގައި މަސް ކިރުވާ އަގު ކިލޯއެއް 25 ރުފިޔާއަށް ބޮޑުކުރުމުން ކަމަށާއި، އޭގެ ސަބަބުން މިފްކޯގެ އިތުރުން އަމިއްލަ ކުންފުނިތަކަށްވެސް ދަތިތައް ކުރިމަތިވި ކަމަށް ވިދާޅުވިއެވެ.
މި ސަރުކާރުން އެ ހުރިހާ ބެކްލޮގް ފައިސާއެއް ދައްކައި ހަލާސްކޮށް، 48 ގަޑިއިރު ތެރޭ މަސްވެރިންނަށް ފައިސާ ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، "ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން އެ ބެކްލޮގް އެއްކޮށް ކްލިއާކުރެއްވި. އަދި އެމަނިކުފާނު މަސްވެރިންނަށް ވެވަޑައިގެންފަ އޮތް ވައުދުފުޅެއް އެއީ މިފްކޯއަށް ކިރުވާ މަހަށް 48 ގަޑިއިރު ތެރޭ ފައިސާ ދެއްވާނެ ކަމުގެ ވައުދުފުޅު. އެވައުދުފުޅުވެސް ފުއްދަވަން ފެއްޓެވި." މީގެ އިތުރުން މިފްކޯއިން 48 ގަޑިއިރު ތެރޭ ފައިސާ ދޭން ފެށުމާއެކު އަމިއްލަ ކުންފުނިތަކުންވެސް މިހާރު އެ އުސޫލަށް އަމަލުކުރަން ފަށާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، މިފްކޯއިން މަސް ގަންނަ އަގު 20 ރުފިޔާއަށްވުރެ ކުޑަ ނޫން އަގެއްގައި ބެހެއްޓުމަށް ރައީސް ވެވަޑައިގެންނެވި ވައުދުފުޅާ އެއްގޮތަށް މިހާރު މަސް ކިލޯއެއް 22 ރުފިޔާއަށް މިފްކޯއިންނާއި އަމިއްލަ ކުންފުނިތަކުން ގަންނަމުންދާ ކަމަށެވެ. އަދި މިހާރު ކްރެޑިޓަށް ތެޔޮ ލިބޭނެ އިންތިޒާމާއި، މިފްކޯ ފެސިލިޓީތަކުން އެފްއެސްއެމް މެދުވެރިކޮށް ތެޔޮ ވިއްކަން ފެށުމުން ބޮޑެތި ލުއިތަކެއް ލިބިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ރާއްޖޭގައި މަސް ފެކްޓްރީއެއް ހުޅުވިތާ 40 އަށްވުރެ ގިނަ އަހަރުވީއިރު ކުރިން ސިނާއީ ގާބިލުކަން އިތުރުނުކުރެވުނީ ސަބްސިޑައިޒްކޮށްގެން މަސް ގަންނަން ޖެހުމުން ކަމަށާއި، މިހާރު މަސް ގަންނަނީ ސަބްސިޑީ ނުދީ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މަސްވެރިކަމުގެ ތަރައްގީއަށް މިހާރު ކުރެވެމުންދަނީ މިއިން ޒަމާނަކު ސަރުކާރަކުން ނުކުރާ ފަދަ މަސައްކަތްތަކެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.


