މަސްވެރިންގެ ދުވަހު ބާއްވާ ކުރެހުމުގެ މައުރަޒު ބައިވެރިވާން ފުރުސަތު ހުޅުވާލައިފި
15 ނޮވެމްބަރު 2026 - 08:20
.jpg&w=1920&q=75)
މ އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް މާލޭގައި ބާއްވާ ކުރެހުމުގެ މައުރަޒުގައި ބައިވެރިވުމުގެ ފުރުސަތު ފިޝަރީޒް މިނިސްޓްރީން ހުޅުވާލައިފި އެވެ.
"ސީސައިޑް ސްޓޯރީސް" ގެ ނަމުގައި ބާއްވާ މި މައުރަޒު އޮންނާނީ އަންނަ މަހުގެ 6 އިން 10 އަށެވެ. މި މައުރަޒަށް ކުރެހުން ހުށަހަޅަން ބޭނުންވާ ފަރާތްތަކުން ފޯމު ފުރުމަށް ފަހު މި މަހުގެ 25 ވަނަ ދުވަހުގެ މެންދުރު 2:00 ގެ ކުރިން ހުށަހެޅުމަށް މިނިސްޓްރީން ވަނީ އެދިފަ އެވެ.
.png&w=750&q=75)
Ad by Hajj Corporation
މައުރަޒުގައި ފަސް ބާވަތެއްގެ ކުރެހުން ހުށަހެޅޭނެއެވެ. އެއީ ކުރެހުމާއި، ކުލަޖެއްސުމާއި، ޑިޖިޓަލް އާޓާއި، ކަނޑާނަގައިގެން ހަދާ ސްކަލްޕްޗާގެ އިތުރުން މިކްސް މީޑިއާއެވެ. ބައިވެރިވެވޭ އުމުރުފުރާތަކުގެ ތެރޭގައި 12 އަހަރުން ދަށުގެ ކުދިންނަށް ހާއްސަ ޖޫނިއާ ކެޓަގަރީއާއި، 12 އަހަރާއި 12 އަހަރުން މަތީގެ މީހުންނަށް ހާއްސަ އޯޕަން ކެޓަގަރީގެ އިތުރުން ރާއްޖެއިން ބޭރު ގައުމުތަކުގެ މީހުންނަށް ހާއްސަ އިންޓަނޭޝަނަލް ކެޓަގަރީ ހިމެނެއެވެ.
މި މުބާރާތުގައި ބައިވެރިކުރާ ހުރިހާ އުފެއްދުންތަކަކީ ވެސް ބައިވެރިވާ މީހެއްގެ އަމިއްލަ އުފެއްދުމަކަށް ވާންޖެހޭނެއެވެ. އެހެން މީހެއް ނަގާފައިވާ ފޮޓޯއެއް ބޭނުންކުރާ ނަމަ އެ ފޮޓޯ ނެގި މީހާގެ ހުއްދަ އޮންނަން ވާނެ ކަމަށާއި، އެހެން އުފެއްދުމަކުން ކޮޕީކޮށްފައިވާކަން އެނގިއްޖެނަމަ ވަގުތުން މުބާރާތުން ވަކިކުރާނެ ކަމަށް މިނިސްޓްރީން މައުލޫމާތުދެ އެވެ.
މުބާރާތުގެ ވަނަތައް ހޮވާނީ މިނިސްޓްރީން ކަނޑައަޅާ ފަނޑިޔާރުންގެ ޕެނަލަކުންނެވެ. އަދި ކޮންމެ ކެޓަގަރީއަކުން ވެސް އެއްވަނައަށް ހޮވޭ ފަރާތަކަށް ފަސް ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް މިނިސްޓްރީން ވަނީ ނިންމާފައެވެ. ރާއްޖޭގައި މަސްވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ވެސް ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހެވެ.

-01.jpg&w=3840&q=75)
