ގައުމީ މަސްލަހަތަށް ބުރޫއަރާނެ ފަދަ ކަންކަމުގައި ވާހަކަދައްކަވާއިރު ސަމާލުވުމަށް ފޮރިން މިނިސްޓްރީން އިލްތިމާސްކޮށްފި
9 މޭ 2026 - 15:34

ގައުމީ މަސްލަހަތާއި ބޭރު ގައުމުތަކާއެކު އޮންނަ ގުޅުންތަކަށް ބުރޫއަރާފާނެ ފަދަ މޭރުމަކުން ވާހަކަދެއްކުމުގައި އެންމެ މަތީ ދަރަޖައަށް ސަމާލުވެ، ބުއްދިވެރިކަން އިސްކުރުމަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒްއިން އިލްތިމާސްކޮށްފިއެވެ.
ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، ސިޔާދަތީ މިނިވަން ދައުލަތެއްގެ ހައިސިއްޔަތުން ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތު ބައްޓަންކުރަނީ ގާއިމުކުރެވިފައިވާ ނިޒާމުތަކުގެ ތެރެއިން، ގައުމީ މަސްލަހަތުގެ މައްޗަށް ބިނާކޮށްގެން ކަމަށެވެ. އަދި ރާއްޖެއިން ހުރިހާ ގައުމުތަކާއެކު ބާއްވާ ގުޅުންތަކަކީ ވެސް އެކަކު އަނެކަކަށް ކުރާ އިހުތިރާމާއި ދެފަރާތުގެ ލާބައަށް އިސްކަންދޭ ގާތް ގުޅުންތަކަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދޭކަން އެ މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.

Ad by Hajj Corporation
ޚާއްޞަކޮށް، ރާއްޖޭގެ ތަރައްގީގެ ބައިވެރިންނާއި، ބައިލެޓަރަލް އަދި މަލްޓިލެޓަރަލް ބައިވެރިންނާއެކު އޮންނަ ޒަމާންވީ ގުޅުންތައް ދެމެހެއްޓުމަށް ސަރުކާރުން އިސްކަންދޭކަމަށް އެ ބަޔާނުގައިވެއެވެ. މީގެ އިތުރުން، ސަރަހައްދީ ސުލްހަ މަސަލަސްކަމާއި، ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމުގެ އިތުރުން ދެމެހެއްޓެނިވި ތަރައްގީއާއި ބައިނަލްއަގުވާމީ ހަމަޖެހުން ގާއިމުކުރުން ފަދަ މުހިންމު ކަންކަމުގައި، އެއްބަސްވާ ގައުމުތަކާއި ޖަމިއްޔާތަކާއެކު ހަމަހަމަ އުސޫލެއްގެ މަތިން ގުޅުން ބަދަހިކުރުމުގައި ސަރުކާރުން ދެމިއޮންނާނެކަމުގެ ޔަގީންކަން މިނިސްޓްރީން ވަނީ ދީފައެވެ.
ފޮރިން މިނިސްޓްރީން އިތުރަށް ބުނީ، ޚާރިޖީ ސިޔާސަތާއި ސަރަހައްދީ ސަލާމަތާ ގުޅޭގޮތުން އާންމުކޮށް ދައްކާ ވާހަކަތަކަކީ އޭގެ ނަތީޖާ ވަރަށް ފުޅާކޮށް ކުރާނެ ކަންކަން ކަމަށެވެ. ޚާއްޞަކޮށް ދައުލަތުގެ މަތީ މަގާމުތައް ފުރާފައިވާ ބޭފުޅުން ދައްކަވާ ވާހަކަފުޅުތަކަކީ ހަގީގަތުގެ މައްޗަށް ބިނާވެފައިވާ، ގައުމީ އެއްބައިވަންތަކަމާއި ރާއްޖޭގެ މުއައްސަސާތަކަށް އޮންނަ އިތުބާރު ބޮޑުވާނެ ފަދަ ވާހަކަތަކަކަށް ވާންޖެހޭނެ ކަމަށް އެ މިނިސްޓްރީން ވިދާޅުވިއެވެ.
ސަރުކާރުގެ އަމާޒަކީ ދިވެހިރާއްޖޭގެ ސިޔާދަތާއި، ކަރާމާތާއި، ދިވެހި ރައްޔިތުންގެ ދިގު މުއްދަތުގެ މަސްލަހަތުތައް ރަމްޒުކޮށްދޭ ހަރުދަނާ ޚާރިޖީ ސިޔާސަތެއް ކުރިއެރުވުމުގައި ސާބިތުކަމާއެކު ދެމިއޮތުން ކަމަށްވެސް ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.


