12 މޭ 2026 - 12:48

ލޯކަލް ކައުންސިލްތަކުގެ ފަސް ވަނަ ދައުރަށް އިންތިޚާބު ކުރެވުނު ކައުންސިލަރުން މަޤާމުގެ ހުވާކުރެއްވުމާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން އިޤުރާރުގައި ސޮއިކުރެއްވުމުގެ ރަސްމިއްޔާތު މެއި 17 ވާ އާދީއްތަ ދުވަހު ބާއްވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ބުނެފިއެވެ.

Ad by Hajj Corporation
އެލްޖީއޭއިން ބުނި ގޮތުގައި ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އެއް ވަގުތެއްގައި މި ރަސްމިއްޔާތު ކުރިއަށް ދާނެއެވެ. ހުވާކުރެއްވުމާއި އިޤުރާރުގައި ސޮއިކުރެއްވުމަށް ފަހު، ލަސްނުކޮށް ކައުންސިލްތަކުގެ ފުރަތަމަ ރަސްމީ ބައްދަލުވުން ބާއްވައި، ކައުންސިލްތަކުގެ ނައިބު ރައީސުން ހޮވުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ވެސް އެ އޮތޯރިޓީން ބުންޏެވެ.
ހަމައެއާއެކު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުން ވެސް އިޤުރާރުގައި ސޮއިކުރެއްވުމަށް ފަހު އެ ކޮމިޓީތަކުގެ ނައިބު ރައީސުން ހޮވާނެއެވެ. އެލްޖީއޭއިން ފާހަގަކުރި ގޮތުގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަޤާމަކީ އެ ކޮމިޓީ ހިންގުމުގެ އެންމެ އިސް ފަރާތުގެ ގޮތުގައި ފުލްޓައިމް މަޤާމެކެވެ.
މި ރަސްމިއްޔާތަށް ފަހު މަސައްކަތް ފަށާ އައު ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ދައުރުގެ މުއްދަތަކީ 5 އަހަރެވެ. ލާމަރުކަޒީ ޤާނޫނުގެ ދަށުން ފުރަތަމަ ފަހަރަށް ކައުންސިލަރުން ހުވާކުރެއްވުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ 2011 ވަނަ އަހަރުގެ ފެބްރުއަރީ 26 ވަނަ ދުވަހުއެވެ.


