ވޯޓު ކަރުދާސްތައް ޗާޕުކުރުމުގެ މަސައްކަތް ފަށައިފި
14 މާރިޗު 2026 - 10:29

ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު، އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުގައި ބޭނުންކުރާ ވޯޓު ކަރުދާސް ޗާޕްކުރުމުގެ މަސައްކަތް ފަށާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.
އެ ކޮމިޝަނުން ބުނީ އެޕްރީލް 4 ވަނަ ދުވަހު ނަގާ 3 ވޯޓަށް އިދާރީގޮތުން ހަމަޖައްސަންޖެހޭ އިންތިޒާމްތައް އެކޮމިޝަނުން ވަރަށް ބާރަށް ކުރަމުން އަންނަކަމަށެވެ. އަދި ވޯޓު ކަރުދާސްތައް ޗާޕުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށެވެ.

Ad by Hajj Corporation
އަންނަ މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓުގައި 294،876 މީހުންނަށް ވޯޓުލުމުގެ ޙައްގު ލިބޭއެވެ. އިންތިޚާބުގައި 3 ވޯޓެއް ވޯޓުލުމަށް ޖުމްލަ 588 ފޮށި ބަހައްޓަން އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ.
މާލޭގައި 180 ފޮށި، ހުޅުމާލޭގައި 51 ފޮށި، ވިލިމާލޭގައި 9 ފޮށި އަދި އަތޮޅުތަކުގައި 322 ފޮށި ބެހެއްޓުމަށް ވަނީ ނިންމާފައެވެ. މިފަހަރު ރިސޯޓުތަކުގައި 21 ވޯޓު ފޮއްޓާއި ޖަލުތަކުގައި 5 ވޯޓު ފޮށި ބެހެއްޓުމަށްވެސް އެކޮމިޝަނުން ވަނީ ނިންމާފައެވެ.
އޮިލެކްޝަންސް ކޮމިޝަންގެ ރައީސް މުހައްމަދު ޒާހިދު ވިދާޅުވީ ވޯޓު ކަރުދާސް ޗާޕުކުރުމުގެ ފުރަތަމަ މަރުހަލާގައި ކަރުދާސް ޗާޕުކޮށް، ކޮމިޝަންގެ ފަރާތުން ކޮންމެ ކަރުދާސްކޮޅެއް ވަކިން ބަލައި ޗެކް ކުރަމުންދާކަމަށެވެ. އަދި ވޯޓުލާ ދުވަސް އައުމުގެ ކުރިން ވޯޓު ފޮށިތަކާއި ކަރުދާސްތައް އަދި އިދާރީގޮތުން ފޮނުވަން ޖެހޭ ތަކެތި ފޮނުވާ ނިމޭނެކަމަށާއި މިމަސައްކަތް ކުރުމަށްޓަކައި މިހާރު ތާވަލް ކުރެވިފައިވާކަމަށް ވެސް ޒާހިދު ވިދާޅުވިއެވެ.


