ޑޮކިއުމެންޓްރީއާ ގުޅޭ ކޯޓު އަމުރާ އެއްގޮތަށް ސިޔާސީ ހަރަކާތްތައް ހިންގުމަށް އީސީން އަންގައިފި
11 މޭ 2026 - 03:10

"އަދަދު" ނޫހުން އާންމުކުރި ވީޑިއޯ ޑޮކިއުމެންޓްރީއާ ގުޅޭ އެއްވެސް ވާހަކައެއް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވެސް ނުފެތުރުމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ އަމުރާ އެއްގޮތަށް ސިޔާސީ ހަރަކާތްތައް ބޭއްވުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ސިޔާސީ ޕާޓީތަކަށް އަންގައިފިއެވެ.
ކްރިމިނަލް ކޯޓުން މި އަމުރު ނެރުނީ "އަދަދު" ނޫހުގެ ސީއީއޯ އާއި އެޑިޓަރުގެ މައްޗަށް ގަޒުފު ކުރުމުގެ ދައުވާ ދައުލަތުން އުފުލުމާ ގުޅިގެންނެވެ. މި މައްސަލައާ ގުޅިގެން ކޯޓުން ވަނީ އެ ޑޮކިއުމެންޓްރީގައިވާ ކަންކަމާ ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ނުވަތަ ވާހަކައެއް އެއްވެސް ސިފައެއްގައި ފެތުރުން މަނާކޮށްފައެވެ.

Ad by Hajj Corporation
ކޯޓުގެ އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި، މީހެއްގެ މައްޗަށް ކުށް ސާބިތުވުމުގެ ކުރިން އެމީހެއްގެ އަބުރާއި އިއްޒަތް ރައްކާތެރިކުރުމަކީ ގާނޫނުއަސާސީން ކޮންމެ މީހަކަށްމެ ލިބިދޭންޖެހޭ ހައްގެކެވެ. އަދި ކޯޓު އަމުރުގައިވާ ކަންކަމާ ހިލާފުވާ ފަރާތްތަކާމެދު، އެއީ ކޯޓުގެ ހުރުމަތް ކެނޑުން ކަމުގައި ބަލައި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް ވަނީ ދީފައެވެ.
މި މައްސަލައިގައި ދައުވާ ލިބޭ ފަރާތްތަކުން ތަހުގީގު މަރުހަލާގައި ހަނު ހުރުމުގެ ހައްގު ބޭނުންކޮށްފައިވާއިރު، އެ ފަރާތްތަކުން ބުނަމުންދަނީ އެއީ ނޫސްވެރިންގެ މަސްދަރު ހިމާޔަތް ކުރުމުގެ ހައްގުގެ ބޭނުން ހިފުމުގެ ގޮތުން ނިންމި ނިންމުމެއް ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުން ސިޔާސީ ޕާޓީތަކަށް އިލްތިމާސްކޮށްފައިވަނީ، ސިޔާސީ ހަރަކާތްތަކާއި ޖަލްސާތައް ބޭއްވުމުގައި ކޯޓުގެ މި އަމުރަށް ފުރިހަމައަށް އިހުތިރާމްކުރުމަށެވެ. އަދި ގައުމުގެ އަމާންކަމާއި ގާނޫނީ އިމުގެ ތެރެއިން ހަރަކާތްތައް ކުރިއަށް ގެންދިއުމަށް އެ ކޮމިޝަނުން ވަނީ އެދިފައެވެ.


