ބައި އިލެކްޝަންގައި ވޯޓު ފޮށި ބަހައްޓާ ތަންތަން އިއުލާނުކޮށް، މޮނިޓަރުންނާއި އޮބްޒާވަރުންނަށް ފުރުސަތު ހުޅުވާލައިފި
8 މޭ 2026 - 05:37

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން 2026 ގައި ވޯޓު ފޮށި ބަހައްޓާނެ ތަންތަނުގެ ތަފުސީލު އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފިއެވެ.
މި އިންތިޚާބުގައި ޖުމްލަ ހަތް ވޯޓު ފޮއްޓެއް ބެހެއްޓުމަށް ވަނީ ނިންމާފައެވެ. އޭގެ ތެރޭގައި ހިމެނެނީ އައްޑޫ ސިޓީ ހިތަދޫގައި ބަހައްޓާ ފަސް ފޮއްޓާއި، މާލެ ސިޓީގައި ބަހައްޓާ ދެ ފޮއްޓެވެ. މާލޭގައި ވޯޓު ފޮށި ބެހެއްޓުމަށް ހަމަޖެހިފައިވަނީ ދަރުމަވަންތަ ސްކޫލުގައެވެ. ކޮމިޝަނުން ވަނީ ވޯޓު ފޮށިތަކުގެ ނަންބަރާއި، ކޯޑު އަދި ވޯޓުލާ ސަރަހައްދުތަކުގެ ތަފުސީލީ މައުލޫމާތު މިހާރު އާންމުކޮށްފައެވެ.

Ad by Hajj Corporation
މީގެ އިތުރުން، މި ބައި-އިލެކްޝަންގެ ވޯޓު ނެގުމާއި ވޯޓު ގުނުމުގެ ކަންތައްތައް މޮނިޓަރ ކުރުމާއި އޮބްޒާވް ކުރުމުގެ ފުރުސަތު ވެސް މިހާރު ވަނީ ހުޅުވާލާފައެވެ.
އެގޮތުން މޮނިޓަރުންނާއި އޮބްޒާވަރުންގެ ގޮތުގައި ހަރަކާތްތެރިވާން ޝައުގުވެރިވާ ފަރާތްތަކަށް 7 މެއި 2026ވާ ބުރާސްފަތި ދުވަހުން ފެށިގެން، 16 މެއި 2026ވާ ހޮނިހިރު ދުވަހުގެ މެންދުރުފަހު 15:00 އާ ހަމައަށް އެ ފުރުސަތު އޮންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.
މި އިންތިޚާބަކީ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވުމާ ގުޅިގެން ބާއްވާ އިންތިޚާބެކެވެ. ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ، އެ ދާއިރާގެ މެންބަރުގެ މައްޗަށް ސާބިތު ދަރަންޏެއް އޮތް ކަމަށް ކަނޑައަޅައި، އޭނާގެ ގޮނޑި ގެއްލިފައިވާ ކަމަށް މި މަހުގެ 12 ވަނަ ދުވަހު ސުޕްރީމް ކޯޓުން ޙުކުމް ކުރުމާ ގުޅިގެންނެވެ. އެއީ މޯލްޑިވްސް އިސްލާމިކް ބޭންކުން ނެގި 2.5 މިލިއަން ރުފިޔާގެ ލޯނަކަށް، ކޯޓު ޙުކުމާ އެއްގޮތަށް ފައިސާ ދައްކަމުން ނުދާ މައްސަލައެއްގަ އެވެ.
މި އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ޖޫން މަހުގެ 6 ވާ ހޮނިހިރު ދުވަހުއެވެ.


