ބ.އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ވައިޓް އެލާޓް!
13 މޭ 2026 - 05:02

ކަނޑުތައް ގަދަވެ 45 މޭލަށް ވައިގަދަވާނެކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް)އިން ވައިޓް އެލާޓް ނެރެފިއެވެ.
މިއަދު ހެނދުނު 9:30 އިން ފެށިގެން މެންދުރު ފަހު 3:30 އާ ހަމައަށް ވައިޓް އެލާޓް ނެރެފައިވަނީ ބ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށެވެ.

Ad by Hajj Corporation
އެ އިދާރާއިން ބުނީ މި ވަގުތުތަކުގައި އެތޮޅުތަކަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައުގަދަވުން އެކަށީގެންވާކަމަށެވެ.އަދި އެ އަތޮޅުތަކަށް ކަނޑުގަދަވާނެކަމަށްވެސް މެޓުން ލަފާކޮށްފައިވެއެވެ.
މިއަދުގެ މޫސުން ލަފާކޮށްފައިވާގޮތަށް ބަލާއިރު މެޓު އޮފީހުން ބުނީ މިއަދު އިރު އޮއްސި 6:00 ޖެހުމާހަމައަށް ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެކަމަށެވެ. އަދި ބައެއް ރައްތަކަށް ބޯކޮށް ވާރޭ ވެހުން އެކަށީގެންވާކަމަށްވެސް މެޓުން ބުނެފައިވެއެވެ.އެ އިދާރާއިން ބުނީ ހުޅަނގާއި ހުޅަނގު އުތުރުން ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި އެހެން ހިސާބުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެކަމަށެވެ.
އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށިގެންވާކަމަށްވެސް މެޓުން ލަފާކޮށްފައިވެއެވެ.
މީގެއިތުރުން ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މެޓުން ބުނީ ދެކުނާއި މެދުރާއްޖެތެރޭގެ ރާޅުގެ އުސްމިން ހުންނާނީ ފަސް ފޫޓާއި އަށް ފޫޓާއި ދެމެދުގައިކަމަށެވެ. އަދި އުތުރުގެ ރާޅުގެ އުސްމިން ހުންނާނީ ތިން ފޫޓާއި ހަ ފޫޓާއި ދެމެދުގައިކަމަށްވެސް މެޓުން ބުނެފައިވެއެވެ.


