ތަރައްޤީއަށް އެހީތެރިކަން ފޯރުކޮށްދޭ އެއަރޕޯޓެއްގެ ގޮތުގައި ދެމިއޮންނާނަން: އެމްއޭސީއެލް ޝަރީފް
13 މޭ 2026 - 14:26

ކުރިއަށް އޮތްތަނުގައި އަންނާނެ ޑިމާންޑަށް ބަލައި، ކާގޯގެ ޚިދުމަތް ފުޅާކުރުމަށާއި ފަސިންޖަރުންގެ ހިތްހަމަޖެހުމާއި ފަސޭހަކަމަށް ބޭނުންވާ އިތުރު އުމްރާނީ މަސައްކަތްތައް ހިންގުމަށް އެމްއޭސީއެލް އިން އިތުރު ޕްލޭންތައް ހަދަމުން އަންނަކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝަރީފް މުޙައްމަދު ހާމަކުރައްވައިފިއެވެ.
ޝަރީފް މިކަން ހާމަކުރެއްވީ "އޭވިއޭޝަން ފޯރަމް 2026 - ކަނެކްޓިންގ މޯލްޑިވްސް"ގެ ޕެނަލިސްޓެއްގެ ގޮތުގައި ބައިވެރިވެވަޑައިގެން، "ދަ ނިއު ޖާނީ އިން 3 ޕާޓްސް: ކެޕޭސިޓީ، ރެވެނިއު އެންޑް އެފިޝަންސީ" މި މައުޟޫއަށް ވާހަކަދައްކަވަމުންނެވެ.

Ad by Hajj Corporation
ރާއްޖޭގެ މައި ދޮރާށީގެ ހައިސިއްޔަތުން، ދިވެހިރާއްޖޭގެ އިޤްތިޞާދީ ތަރައްޤީ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމުގެ މައިގަނޑު ހިއްސާދާރެއްގެ ގޮތުގައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ގެ ދައުރު ވަރުގަދަކުރުމަށް މަސައްކަތްކުރަމުން އަންނަކަމަށް ވެސް ވިދާޅުވިއެވެ. ހޮޓެލް ޖެންގައި ބޭއްވި މި ފޯރަމްގައި ޝަރީފް ވަނީ ވީއައިއޭ އިން ފަސިންޖަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކާއި އެމްއޭސީއެލް އިން ހިންގާ ވިޔަފާރީގެ އެކިއެކި ދާއިރާތަކާއި ކާގޯގެ ޚިދުމަތްތައް ހިމެނޭހެން އޮޕަރޭޝަނަލް ދާއިރާތަކުން ބޮޑެތި ކުރިއެރުންތައް ލިބެމުން އަންނަކަން ވެސް ފާހަގަކުރެއްވިއެވެ.
ޝަރީފް އިތުރަށް ވިދާޅުވީ އެއަރޕޯޓްގެ ހިންގުން ހަރުދަނާކުރުމަށާއި ފަސިންޖަރުންގެ ތަޖުރިބާ ރަނގަޅުކުރުމަށްޓަކައި ޑިޖިޓަލް ޓްރާންސްފޯމޭޝަންގެ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށެވެ. އަދި މިކަންކަމުގެ ތެރޭގައި ސެލްފް ސަރވިސް ޗެކް-އިން، ސެލްފް ބެގޭޖް ޑްރޮޕް-އޮފް، އިމިގްރޭޝަން އީ-ގޭޓްސް، ޑިޖިޓަލް ވޭފައިންޑިންގ، ބަޔޯމެޓްރިކް ފެސިލިޓޭޝަން، ސްމާޓް ސެކިއުރިޓީ ސްކްރީނިންގ އަދި މޮބައިލް ބޯޑިންގ ސޮލިއުޝަންތަކުގެ އަދާހަމަ ހިއްސާކުރެއްވިއެވެ.
ޝަރީފް ވަނީ އެއަރޕޯޓަށް އާމްދަނީ ލިބޭނެ ތަފާތު އަދި ދެމެހެއްޓެނިވި މޮޑެލްއެއް ބިނާކުރުމުގެ މަޤްޞަދުގައި ލައުންޖްތަކާއި ރީޓެއިލް އަދި އެފްއެންޑްބީ ފަދަ ޚިދުމަތްތައް އިޝްތިހާރުކުރުން އަދި ޑިޖިޓަލް ޚިދުމަތްތަކުގެ ޕްލެޓްފޯމްތައް މެދުވެރިކޮށް ނޮން-އެއިރޮނޯޓިކަލް އާމްދަނީ އިތުރުކުރުމަށް އެމްއޭސީއެލް އިން ކުރަމުން އަންނަ މަސައްކަތްތަކުގެ މަޢުލޫމާތު ވެސް ހިއްސާ ކުރައްވާފައެވެ.
ބައިނަލްއަޤުވާމީ އޭވިއޭޝަން ދާއިރާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ގުޅޭގޮތުން، ދުނިޔޭގެ ކަންކޮޅުތަކާއި ރާއްޖެ ގުޅާލުމަށްޓަކައި އެކިއެކި އެއަރލައިންތަކާއި ފަތުރުވެރިކަމުގެ ދާއިރާގެ ހިއްސާދާރުންނާއި ވިޔަފާރީގެ ބައިވެރިންނާއެކު އޮންނަ ގުޅުން ދެމެހެއްޓުމުގެ މުހިންމުކަން އެމްޑީ އިބްރާހިމް ޝަރީފް މުޙައްމަދު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން އުމްރާނީގޮތުންނާއި، ރޫޓް ޑިވެލޮޕްމަންޓްގެ ދާއިރާއިން ކުރިއަށް ގެންދަން އިސްކަންދޭ މަސައްކަތްތަކާއެކު، ވީއައިއޭ އަކީ ހަރުދަނާ ސިޔާސަތުތަކެއް ގެންގުޅޭ، ކުއްލި ޙާލަތްތަކަށް ތައްޔާރުވެފައިވާ ދެމެހެއްޓެނިވި ތަރައްޤީއަށް އެހީތެރިކަން ފޯރުކޮށްދޭ އެއަރޕޯޓެއްގެ ގޮތުގައި ދެމިއޮންނާނެ ކަމުގެ ޔަގީންކަން ވެސް ސީއީއޯ އަދި އެމްޑީ އިބްރާހީމް ޝަރީފް މުޙައްމަދު ވަނީ އަރުވާފައެވެ.


