ޓްރަމްޕް، ވެނެޒުއޭލާގެ މުއްސަނދިކަން ފޭރިގަންނަން އެ ގައުމަކީ އެމެރިކާގެ 51 ވަނަ ސްޓޭޓަށް ހެދުމުގެ ހުވަފެނުގައި
13 މޭ 2026 - 14:32
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ދެކުނު އެމެރިކާގެ މުއްސަނދި ގައުމެއް ކަމަށްވާ ވެނެޒުއޭލާއަކީ އެމެރިކާގެ 51 ވަނަ ސްޓޭޓްގެ ގޮތުގައި ހަމަޖެއްސުމަށް ޝައުގުވެރިވާކަން ވަރަށް ސަރީހަކޮށް ހާމަކުރައްވައިފިއެވެ.
އުމުރުފުޅުން 79 އަހަރުގެ ޓްރަމްޕް، ޗައިނާގެ ރައީސް ޝީ ޖިންޕިންއާއެކު ބާއްވާ މުހިންމު ސަމިޓަށް ވަޑައިގަންނަވަމުން، އޭނާގެ "ޓްރޫތް ސޯޝަލް" އެކައުންޓުގައި ވަނީ ވެނެޒުއޭލާގެ ޗާޓެއް ހިއްސާކުރައްވާފައެވެ. އެ ޗާޓުގައި ވެނެޒުއޭލާގެ މަތީގައި އެމެރިކާގެ ދިދަ ޖަހާފައިވާއިރު، އޭގެ ތިރީގައި ލިޔެފައިވަނީ "51 ވަނަ ސްޓޭޓް" މިހެންނެވެ.

Ad by Hajj Corporation
މި ކުރެހުން ހިއްސާކުރުމުގެ އެއް ދުވަސް ކުރިން، ފޮކްސް ނިއުސްއަށް ދެއްވި ބަސްދީގަތުމެއްގައިވެސް ޓްރަމްޕް ވަނީ ވެނެޒުއޭލާއަކީ އެމެރިކާގެ ބައެއްގެ ގޮތުގައި ހެދުމަށް ވިސްނަވަމުންދާ ކަމަށް ވިދާޅުވެފައެވެ. ފޮކްސް ނިއުސްގެ ރިޕޯޓަރުން ބުނާ ގޮތުގައި، ޓްރަމްޕް މިކަމާ މެދު ސީރިއަސްކޮށް ވިސްނަވަނީ އެ ގައުމުގައި ހުރި 40 ޓްރިލިއަން ޑޮލަރުގެ ތެލުގެ ރިޒާވްގެ ސަބަބުންނެވެ. އަދި "ވެނެޒުއޭލާގެ ރައްޔިތުން ޓްރަމްޕްދެކެ ލޯބިވާ" ކަމަށްވެސް ރައީސް ވިދާޅުވެފައިވެއެވެ.
ޓްރަމްޕްގެ މި ވާހަކަތަކަށް ވެނެޒުއޭލާގެ ވަގުތީ ރައީސާ ޑެލްސީ ރޮޑްރިގޭޒް ވަނީ ވަރުގަދަ ރައްދެއް ދެއްވާފައެވެ. އޭނާ ވިދާޅުވީ ވެނެޒުއޭލާއަކީ އެއްވެސް ގައުމެއްގެ އިސްތިއުމާރީ ބައެއް ނޫން ކަމަށާއި، އެއީ މިނިވަން މުސްތަގިއްލު ގައުމެއް ކަމަށެވެ. "އަޅުގަނޑުމެންގެ ގައުމުގެ ސިޔާދަތާއި، މިނިވަންކަމާއި، ތާރީޚު ދިފާއުކުރުމުގައި ދެމިތިބޭނަން،" ނެދަލޭންޑްސްގެ ދަ ހޭގްގައި ހުންނަވައިގެން ރޮޑްރިގޭޒް ވިދާޅުވިއެވެ.
ޑެލްސީ ރޮޑްރިގޭޒް ވެނެޒުއޭލާގެ ވެރިކަމާ ހަވާލުވެވަޑައިގަތީ، މިއަހަރުގެ ޖެނުއަރީ މަހު އެމެރިކާގެ އަސްކަރީ އެހީތެރިކަމާއެކު ހިންގި އޮޕަރޭޝަނެއްގައި އޭރުގެ ރައީސް ނިކޮލަސް މަޑޫރޯ މަގާމުން ދުރުކުރުމާ ގުޅިގެންނެވެ. އެ އޮޕަރޭޝަނަށްފަހު ޓްރަމްޕް ވިދާޅުވެފައިވަނީ ވެނެޒުއޭލާގެ ފުރިހަމަ ކޮންޓްރޯލް މިހާރު އޮތީ އެމެރިކާގެ އަތްމަތީގައި ކަމަށާއި، އެ ގައުމުގެ އިންފްރާސްޓްރަކްޗާ ރަނގަޅު ކުރުމަށް ތެލުގެ ސިނާއަތުން ބޮޑެތި އިންވެސްޓްމަންޓްތަކެއް ބޭނުންވާ ކަމަށެވެ.
މި މައްސަލައިގައި ވައިޓް ހައުސްގެ ތަރުޖަމާނު އޭނާ ކެލީ ވިދާޅުވީ، ޓްރަމްޕަކީ އަބަދުވެސް އާދަޔާ ހިލާފު ކަންތައްތަކެއް ކުރައްވާ ބޭފުޅެއް ކަމަށެވެ. ނަމަވެސް ވެނެޒުއޭލާ ސްޓޭޓަކަށް ހެދުމާ ގުޅޭގޮތުން ސީދާ ޖަވާބެއް ދެއްވަން އޭނާ އުޒުރުވެރިވެވަޑައިގަތެވެ.
މިއީ ވެނެޒުއޭލާ އެމެރިކާގެ ބައެއްގެ ގޮތުގައި ހެދުމަށް ޓްރަމްޕް ޝައުގުވެރިކަން ފާޅުކުރެއްވި ފުރަތަމަ ފަހަރެއް ނޫނެވެ. މިއަހަރުގެ މާޗް މަހު ބޭއްވި ވޯލްޑް ބޭސްބޯލް ކްލަސިކްގައި ވެނެޒުއޭލާ މޮޅުވުމުންވެސް، ޓްރަމްޕް ވަނީ ސޯޝަލް މީޑިއާގައި "ސްޓޭޓްހުޑް #51" ޖައްސަވައި އެ ގައުމަށް އެމެރިކާގެ ސްޓޭޓެއްގެ ދަރަޖަ ދިނުމަށް އިޝާރާތް ކުރައްވާފައެވެ.


