ރައީސްގެ ދެކަނބަލުންނާއި އާއިލާއަށް އަމާޒުކޮށް ދޮގު މައުލޫމާތު ފެތުރުން ހުއްޓާލުމަށް އިޤްބާލް އިލްތިމާސްކުރައްވައިފި
16 މޭ 2026 - 08:49

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި، އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުގެ އިތުރުން އާއިލާގެ ބޭފުޅުންނަށް ނިސްބަތްކޮށް ހަގީގަތާ ހިލާފު ދޮގު ވާހަކަތައް ފެތުރުން ހުއްޓާލުމަށް މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް އިޤްބާލް އާދަމް އިލްތިމާސްކުރައްވައިފިއެވެ.
މިކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި އިޤްބާލް ވިދާޅުވީ، ސިޔާސީ ފިކުރު ތަފާތުވުމަކީ އަނެކާގެ އަބުރު ކަތިލުމަށް އޮތް ހުއްޖަތެއް ނޫން ކަމަށެވެ. އަދި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ އިސްލާމްދީން ކަށަވަރުކޮށްދީފައިވާ ހައްގަކަށް ވީނަމަވެސް، އެއީ ވަކި އިންތަކަކާއި މިންތަކެއްގެ ތެރޭގައި އޮންނަންޖެހޭ ހައްގެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

Ad by Hajj Corporation
އިޤްބާލް ވިދާޅުވި ގޮތުގައި ދިވެހިރާއްޖޭގެ ގާނޫނުއަސާސީގެ 16 ވަނަ މާއްދާއިން ފެށިގެން 69 ވަނަ މާއްދާގެ ނިޔަލަށް ބަލައިލުމުން، އަސާސީ ހައްގުތަކާއި މިނިވަންކަން ބޭނުންކުރުމުގައި އޮންނަންޖެހޭ އިންތައް ސާފުވާނެއެވެ. ދީނުގެ އަސްލަކާ ހިލާފު އެއްވެސް ކަމެއް ކުރުމަށް ގާނޫނުއަސާސީ ޖާގަ ނުދޭއިރު، މީހުންގެ އަބުރާ ބެހުމާއި، ދޮގު އިލްޒާމު އެޅުވުމަކީ އެއްވެސް މީހަކަށް ލިބިގެންވާ ހައްގެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ.
"މިފަދަ ނާތަހުޒީބު އަމަލުތައް ކުރާ ފަރާތްތަކުން، އެމީހުން ކުރާ ކަންކަމަށް ޖަވާބުދާރީވާންޖެހޭނެ ދުވަހެއް އަންނާނެކަން ދަންނަންވާނެ. ތިމާ އަނެކުންގެ ބޮލުގައި ދޮގު އިލްޒާމު އަޅުވާއިރު، އެމީހެއްގެ އާއިލާއާއި މައިންބަފައިން ކުރާނެ ހިތާމައަށް ވިސްނާލަންވާނެ،" އިޤްބާލް ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، ރައީސް މުޢިއްޒަކީ ރައްޔިތުންގެ ބޮޑު އަޣްލަބިއްޔަތަކުން އިންތިޚާބުކޮށްފައިވާ ބޭފުޅެއް ކަމަށާއި، އެމަނިކުފާނުގެ ޒާތީ ދިރިއުޅުއްވުމާ ބެހި ދޮގު ފެތުރިޔަސް އެމަނިކުފާނުގެ ސަޚްޝިއްޔަތަކަށް ލޮޅުމެއް ނާރާނެ ކަމަށެވެ. އަދި ރައީސްގެ ދެކަނބަލުންނަކީ ކެތްތެރި، އަޒުމް ވަރުގަދަ، އަދި ދީނީ އަދި ގާނޫނީ އިމުގެ ތެރޭގައި މަސައްކަތްކުރައްވާ ބޭފުޅުންކަން އެންމެ ގާތުން ދަންނަ މީހެއްގެ ހައިސިއްޔަތުން އިޤްބާލް ކަށަވަރުކޮށްދެއްވިއެވެ.
އެހެންކަމުން، ރައީސްގެ އާއިލާއާ ގުޅުވައިގެން ފަތުރަމުންދާ ހަގީގަތާ ހިލާފު ވާހަކަތައް މިހިނދުން މިހިނދަށް ހުއްޓާލައި، ރިވެތި އަޚްލާޤުގެ އިމުގެ ތެރެއަށް ރުޖޫއަވުމަށް އިޤްބާލް ވަނީ ހުރިހާ ފަރާތްތަކަކަށް އިލްތިމާސްކުރައްވާފައެވެ.


