logo
MPL

MPL

ޚަބަރު

%83 ގެ ކުރިއެރުމަކާއެކު ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026 ފަށައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
25 އޮކްޓޯބަރު 2026 - 16:57
ރައީސް މައުރަޒު ހުޅުއްވައިދެއްވުން، ފޮޓޯ: ޕީއެސްއެމް
ރައީސް މައުރަޒު ހުޅުއްވައިދެއްވުން، ފޮޓޯ: ޕީއެސްއެމް

ދިވެހި އުފެއްދުންތެރިންނާއި މަސައްކަތްތެރިންގެ ފަންނުވެރިކަން އެއް ފުރާޅެއްގެ ދަށުން ދައްކާލުމަށް ބާއްވާ "ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026" ހުޅުމާލޭ ސެންޓްރަލް ޕާކުގައި މިރޭ ރަސްމީކޮށް ފަށައިފިއެވެ.

މި މައުރަޒު އިފްތިތާޙްކޮށްދެއްވީ އެކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. މައުރަޒު ރަސްމީކޮށް ހުޅުއްވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ސްޓޯލްތަކަށް ޒިޔާރަތްކުރައްވައި، މަސައްކަތްތައް ބައްލަވާލައްވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިއަހަރުގެ މައުރަޒުގައި 419 ފަރާތަކުން 4,404 އުފެއްދުން ވަނީ ބައިވެރިކޮށްފައެވެ. މިއީ މިދިޔަ އަހަރު 240 ފަރާތަކުން ބައިވެރިކުރި 2,400 އުފެއްދުމާ އަޅާބަލާއިރު %83.5 ގެ ބޮޑު ކުރިއެރުމެކެވެ. މިއަހަރު ބައިވެރިވި ފަރާތްތަކުގެ ތެރޭގައި އެންމެ ބޮޑު ބައެއް ހިއްސާކުރަނީ އަމިއްލަ ފަރުދުންނެވެ. އެގޮތުން 321 އަމިއްލަ ފަރުދަކާއި، 75 ވިޔަފާރިއަކާއި، ނުކުޅެދުންތެރިކަން ހުންނަ 16 ފަރާތެއްގެ އިތުރުން ތަޢުލީމީ ދާއިރާއާއި ޖަމްޢިއްޔާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުންވެސް ވަނީ ބައިވެރިވެފައެވެ.

ޖުމްލަ 16 ދާއިރާއަކުން 73 ގިންތިއެއް ހިމެނޭގޮތަށް ކުރިއަށްގެންދާ މި މައުރަޒުގައި އެންމެ ގިނަ އުފެއްދުން ހިމެނެނީ ދިވެހިންގެ ޒަމާންވީ ސަގާފަތާ ގުޅިފައިވާ އަތްތެރި މަސައްކަތުގެ ދާއިރާއިންނެވެ. އެ ދާއިރާއިން 1,695 އުފެއްދުން ބައިވެރިކޮށްފައިވާއިރު، ދެވަނައަށް އެންމެ ގިނަ އުފެއްދުން ހިމެނޭ ކްރިއޭޓިވް އާޓްސް އަދި ޑިޒައިނިންގ ދާއިރާއިން 920 އުފެއްދުން ހިމެނެއެވެ. މީގެ އިތުރުން ކާބޯތަކެތި، ގަހަނާ، ފެޝަން، އަދަބިއްޔާތު، މަސްވެރިކަން، އައިސީޓީ، ދަތުރުފަތުރު އަދި އިޔާދަކުރަނިވި ހަކަތައިގެ ދާއިރާތަކުންވެސް ފާހަގަކޮށްލެވޭ އުފެއްދުންތައް ފެނިގެންދެއެވެ.

މައުރަޒުގެ 7 ޑިސްޓްރިކްޓް

މި މައުރަޒުގައި ތަކެތި ދައްކާލުމަށްޓަކައި މިއަހަރު ވަނީ 7 ޑިސްޓްރިކްޓެއް ގާއިމުކޮށްފައެވެ. އޭގެ ތެރޭގައި މިދިޔަ އަހަރުގެ 5 ޑިސްޓްރިކްޓްގެ އިތުރުން މިއަހަރު އަލަށް ތައާރަފްކުރި ދެ ޑިސްޓްރިކްޓް ކަމަށްވާ "ވިޒިޓަރ އިކޮނޮމީ ޑިސްޓްރިކްޓް" އަދި "އިންޓަރނޭޝަނަލް އެގްޒިބިޓަރސް ޑިސްޓްރިކްޓް" ހިމެނެއެވެ.

މައުރަޒުގައި ހިމެނޭ ޑިސްޓްރިކްޓްތަކަކީ:

މައުރަޒުގެ ވާދަކުރުމުގެ ބައިގައި ބައިވެރިކޮށްފައިވާ ތަކެތި ދައްކާލުމަށް ޚާއްޞަ ޑިސްޓްރިކްޓް

އުފެއްދުންތެރި އިޤުތިޞާދީ ޙަރަކާތްތަކަށް ޚާއްޞަ، ކްރިއޭޓިވް އިކޮނޮމީ ޑިސްޓްރިކްޓް

ޓެކްނޮލޮޖީގެ އެކި އުފެއްދުންތަކަށް ޚާއްޞަ، ޑިޖިޓަލް އެންޑް އިނޮވޭޓިވް ޑިސްޓްރިކްޓް

މުނިފޫހިފިލުމުގެ އެކި ޙަރަކާތްތަކާއި ދިވެހި ސަޤާފީ ޙަރަކާތްތައް ދައްކާލުމަށް ޚާއްޞަ، އެންޓަރޓައިންމަންޓް ޑިސްޓްރިކްޓް

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން ފޯރުކޮށްދޭ އެކި ޚިދުމަތްތަކާއި ތަކެތި މާކެޓްކޮށް ވިއްކުމަށް ޚާއްޞަ، މާކެޓްޕްލޭސް ޑިސްޓްރިކްޓް

ފަތުރުވެރިކަމުގެ ދާއިރާގެ އުފެއްދުންތަކާއި ޚިދުމަތްތަކަށް ޚާއްޞަ، ވިޒިޓަރ އިކޮނޮމީ ޑިސްޓްރިކްޓް

ބައިނަލްއަޤްވާމީ އެކި ފަރާތްތަކުގެ ޚިދުމަތްތައް ދައްކާލުމަށް ޚާއްޞަ، އިންޓަރނޭޝަނަލް އެގްޒިބިޓަރސް ޑިސްޓްރިކްޓް

މި މައުރަޒު ކުރިއަށްދާނީ އޮކްޓޫބަރު 25 އިން ފެށިގެން ނޮވެމްބަރު 2 ވަނަ ދުވަހުގެ ނިޔަލަށް 9 ދުވަހުގެ މުއްދަތަށެވެ. އެގޮތުން ކޮންމެ ދުވަހަކުވެސް ހަވީރު 16:00 އިން ރޭގަނޑު 23:00 އާ ހަމައަށް އާންމުންނަށް ޒިޔާރަތްކުރެވޭނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

%83 ގެ ކުރިއެރުމަކާއެކު ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު ފަށައިފިޚަބަރު | 32 މިނިޓު ކުރިންފުނަދޫގެ އަލިފާން ނިއްވުމުގައި ހަރަކާތްތެރިވި ފަރާތްތަކަށް ރައީސްގެ ޚާއްޞަ ޝުކުރެއް, އަނިޔާވި މީހުންނަށް އަވަސް ޝިފާއަކަށް އެދި ދުޢާކުރެއްވިޚަބަރު | 6 ގަޑިއިރު ކުރިންދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒުގެ ރަންވަނަތައް ހޮވައި، އިނާމު ދީފިޚަބަރު | 14 ގަޑިއިރު ކުރިންކުދި ވިޔަފާރިތަކަށް ބޮޑު ލުޔެއް: އުފެއްދުންތަކަށް ބޭނުންވާ ސާމާނުން 5 އަހަރަށް ޑިއުޓީ ކަނޑާލަނީޚަބަރު | ދުވަހެއް ކުރިން