އިންޑިއާގައި ބުލީގެ ޝިކާރައަކަށްވެ އަންހެނަކު މަރުވި މައްސަލައެއްގައި ވިޔަފާރިވެރިއަކާއި އޭގެ އާއިލާއަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފި
16 މޭ 2026 - 14:57
އިންޑިއާގެ ލަކްނޫގައި ސެލޫން މެނޭޖަރެއްގެ ގޮތުގައި މަސައްކަތް ކުރަމުންދިޔަ އަންހެނަކު، ވިޔަފާރިވެރިއަކާއި އޭނާގެ އާއިލާގެ ފަރާތުން ކުރިމަތިވި ބުލީގެ ނަފްސާނީ އަނިޔާތަކަށް ކެތްނުކުރެވިގެން އަމިއްލައަށް މަރުވި މައްސަލައެއް ފެންމަތިވެއްޖެއެވެ.
މިދިޔަ މޭ މަހުގެ 12 ވަނަ ދުވަހު އަމިއްލައަށް މަރުވެފައިވަނީ އުމުރުން 31 އަހަރުގެ ރަޓްނާ ސިންގް އެވެ. އޭނާ މަރުވުމުގެ ކުރިން ރެކޯޑުކޮށްފައިވާ ވީޑިއޯއެއްގައި ބުނެފައިވަނީ، މަޝްހޫރު ވިޔަފާރިވެރިއެއް ކަމަށްވާ ޝަރަދު ސިންގް އާއި އޭނާގެ އަނބިމީހާ ޕައްލަވީ ޖޯޝީގެ އިތުރުން އެ އާއިލާގެ ބައެއް އެހެން މީހުން އޭނާއަށް ނަފްސާނީ ގޮތުން ވަރަށް ބޮޑަށް އަނިޔާކުރަމުންދިޔަ ކަމަށެވެ.

Ad by Hajj Corporation
މި މައްސަލައާ ގުޅިގެން ފުލުހުން މިހާރު ވަނީ ޝަރަދު ސިންގްގެ ހޮޓާ ވިޔަފާރީގައި މަސައްކަތްކުރާ މަންގަލް ޔާދަވް ނަމަކަށް ކިޔާ މީހަކު ހައްޔަރުކޮށްފައެވެ. ނަމަވެސް މައްސަލައިގައި ހިމެނޭ މައިގަނޑު ދެ ތުހުމަތު ކުރެވޭ ޝަރަދު އާއި ޕައްލަވީ އަދިވެސް ފިލައިގެން އުޅޭތީ ފުލުހުން ދަނީ އެމީހުން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. ތަހުގީގުގެ ބޭނުމަށް ޝަރަދު ސިންގްގެ ހޮޓަލާއި ސެލޫން މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ސީލްކޮށްފައެވެ.
މަރުވި އަންހެންމީހާގެ ބައްޕަ، ސުދީރު ކުމާރު ސިންގް ފުލުހަށް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ، ޝަރަދު ސިންގް އޭނާގެ ދަރިފުޅަށް ތަފާތު ގޮތްގޮތުން ނުފޫޒު ފޯރުވައި ބިރުދައްކަމުންދިޔަ ކަމަށެވެ. އަދި ރަޓްނާ އެކަންކަމަށް ދެކޮޅު ހަދާ ކޮންމެ ފަހަރަކު، އޭނާ މަރާލާނެ ކަމަށާއި، އޭނާގެ ކޮއްކޮމެންގެ އަބުރު ކުުޅޭނެ ކަމަށް ބުނެ އިންޒާރު ދެމުންދިޔަ ކަމަށްވެސް ބައްޕަ ތުހުމަތު ކުރެއެވެ.
މީގެ އިތުރުން، ރަޓްނާގެ ކައިވެނި އެހެން މީހަކާ ހަމަޖެހުމުން، ޝަރަދު ސިންގް ވަނީ ރަޓްނާގެ ފޯން ކޯލް ރެކޯޑިންތަކާއި ވީޑިއޯތައް އޭނާ ކައިވެނިކުރަން އުޅުނު މީހާގެ އާއިލާއަށް ފޮނުވާފައެވެ. މީގެ ސަބަބުން އެ ކައިވެނި ވަނީ ރޫޅިފައެވެ.
ރަޓްނާގެ އާއިލާއިން ތުހުމަތު ކުރާ ގޮތުގައި، ފުލުހުންގެ އިސް ބައެއް އޮފިސަރުންނަކީ ޝަރަދު ސިންގްގެ ގާތް ރަހުމަތްތެރިންނެވެ. އެހެންކަމުން އެ އޮފިސަރުން ޝަރަދު ސިންގް ސަލާމަތް ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް އާއިލާއިން ބުނެއެވެ.
ޝަރަދު ސިންގް އަކީ "ވިރާސަތު" ނަމަކަށް ކިޔާ ކުންފުންޏެއް ހިންގާ، އިމާރާތްކުރުމުގެ ދާއިރާގައި ފުޅާދާއިރާއެއްގައި މަސައްކަތްކުރާ ވިޔަފާރިވެރިއެކެވެ.


