ލޯބިވެރިޔާ މަރާލި މަޝްހޫރު އަންހެން ޑެންޓިސްޓަކު އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފި
13 މޭ 2026 - 18:42

އެމެރިކާގެ ޖޯޖިއާގެ މަޝްހޫރު އަދި މުއްސަނދި އަންހެން ޑެންޓިސްޓަކު، އޭނާގެ ލޯބިވެރިޔާ މަރާލި މައްސަލައިގައި އުމުރަށް ޖަލަށްލުމަށް އެގައުމުގެ ކޯޓަކުން ހުކުމްކޮށްފިއެވެ.
މި މައްސަލައިގައި ކުށް ސާބިތުވެ، ހުކުމް އިއްވާފައިވަނީ އުމުރުން 62 އަހަރުގެ ސޫޒަން މެރިކަލްގެ މައްޗަށެވެ. އޭނާގެ މައްޗަށް ސާބިތުވެފައިވަނީ، 2025 ވަނަ އަހަރުގެ މާރިޗު މަހުގެ ތެރޭގައި، އޭނާގެ ލޯބިވެރިޔާ ޖޭމްސް ޑޭވިޑް ބެރަން (68 އަހަރު) އަށް ބަޑިން ހަމަލާދީ މަރާލި ކަމުގެ ކުށެވެ.

Ad by Hajj Corporation
ހޯލް ކައުންޓީ ސުޕީރިއާ ކޯޓުގެ ފަނޑިޔާރު ޖޯން ބްރޭކްފީލްޑް ވިދާޅުވި ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ އެމީހުން ދިރިއުޅެމުންދިޔަ 1.5 މިލިއަން ޑޮލަރުގެ އަގުބޮޑު ގޭގައެވެ. ސޫޒަން އޭނާގެ ލޯބިވެރިޔާއަށް ބަޑިން ހަމަލާދީފައިވަނީ ހަސަދަވެރިކަމުގެ ސަބަބުން އުފެދުނު ރުޅިގަނޑެއްގެ ތެރޭގައި، ބެރަން ކޮޓަރީގެ ދޮރު ތަޅުލައިގެން ހުއްޓާ ދޮރުގެ ތެރެއިންނެވެ. ބެރަންގެ ހަށިގަނޑުގެ މެދުތެރެއަށް އަމާޒުވި މި ހަމަލާއާ ގުޅިގެން އޭނާ ވަނީ މަރުވެފައެވެ.
މަރުވި ބެރަންއަކީ ވިޔަފާރި ކޮންސަލްޓިން ފާމެއް ކަމަށްވާ "ޕީއެމް ޓެކްނޮލޮޖީސް" ގެ ވައިސް ޕްރެޒިޑެންޓެވެ.
ޝަރީއަތުގައި ސޫޒަން ވަނީ ބަޑި ޖެހިކަމަށް އިއުތިރާފުވެފައެވެ. ނަމަވެސް އޭނާގެ ދިފާއީ ވަކީލުން ބުނެފައިވަނީ، ބެރަން އެރޭ ސޫޒަންއަށް އަނިޔާކުރި ކަމަށާއި، ބަޑި ޖެހީ ފޯނު ނެގުމަށްޓަކައި ދޮރުގެ ތަޅު ހަލާކުކޮށްލުމުގެ ނިޔަތުގައި ކަމަށެވެ. އެހެންނަމަވެސް، ފަނޑިޔާރު ވަނީ މި ވާހަކަތައް ގަބޫލުނުކުރައްވައި ބޭރުކޮށްލައްވާފައެވެ.
މި ހުކުމާއެކު ސޫޒަންއަށް ޕެރޯލްގެ ދަށުން މިނިވަންވުމުގެ ފުރުސަތު ލިބޭނީ 30 އަހަރު ދުވަހުގެ ޖަލު ހުކުމެއް ފުރިހަމަކުރުމަށްފަހުއެވެ. އެއިރު އޭނާގެ އުމުރަކީ 93 އަހަރެވެ.
ޝަރީއަތުގެ މަޖިލީހުގައި ބެރަންގެ އާއިލާއިން ވަނީ ވަރަށް އަސަރުގަދަ ބަޔާންތަކެއް ދީފައެވެ. ބެރަންގެ ދަރިން ބުނި ގޮތުގައި، ސޫޒަން ވަނީ އެމީހުންގެ ބައްޕަ މަރާލުމުގެ އިތުރުން، ޝަރީއަތުގައި ބައްޕަގެ އަބުރު ކިލަނބުކުރުމަށް ދޮގު ވާހަކަތައް ދައްކާފައެވެ. ބެރަންގެ ކުރީގެ އަނބިމީހާ ބުނި ގޮތުގައި ބެރަންއަކީ ދުވަހަކުވެސް މީހުންނާ ޒުވާބުކޮށް އުޅޭ މީހެއް ނޫނެވެ.
ސޫޒަންއަކީ މީގެ ކުރިން ސެއިންޓް ސައިމަންސް އައިލެންޑްގައި ވަރަށް ކާމިޔާބު ޑެންޓަލް ކްލިނިކެއް ހިންގަމުން އައި މީހެކެވެ. އޭނާ ހައްޔަރުކުރުމާ ގުޅިގެން އޭނާގެ ބަލިމީހުންނާއި އާންމުން ވަނީ ވަރަށް ބޮޑު ހައިރާންކަމެއްގެ ތެރޭގައެވެ. ސޫޒަންގެ ބައެއް ބަލިމީހުން ބުނި ގޮތުގައި އޭނާއަކީ "ދެ ދިރިއުޅުމެއް" އުޅެމުންދިޔަ މީހެކެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ސޫޒަން މީގެ ކުރިން ސޯޝަލް މީޑިއާގައި ބަޑި ޖަހަން ދަސްކުރާ ފޮޓޯތަކެއް ވެސް ވަނީ ހިއްސާކޮށްފައެވެ. އޭނާގެ އަގުބޮޑު ގަނޑުވަރެއް ފަދަ ގެ މިހާރު ވަނީ ވިއްކާލުމަށް ބާޒާރަށް ނެރެފައެވެ. ފަނޑިޔާރު ވިދާޅުވީ ސޫޒަން އައު ޝަރީއަތަކަށް އެދެން ބޭނުންވާނަމަ، އެކަމުގެ އަޑުއެހުން އޮކްޓޯބަރު 29 ގައި ބާއްވާނެ ކަމަށެވެ.


