ބޯޑަރު ހުރަސްކޮށް ހިންގާ ކުށްތައް ހުއްޓުވުމަށް މަޝްވަރާކުރުމަށް ސީޕީ އަލީ މުޙައްމަދު މިސްރަށް ވަޑައިގެންްފި
17 މޭ 2026 - 07:39

ބޯޑަރު ހުރަސްކޮށް ހިންގާ ކުށްތައް ހުއްޓުވުމަށް ކުރާ މަސައްކަތުގެ ތެރެއިން ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު މިސްރަށް ރަސްމީ ދަތުރުފުޅެއްގައި ވަޑައިގެންްފިއެވެ.
ފުލުހުން ބުނީ މި ދަތުރުގެ މަގުސަދަކީ ދިވެހިރާއްޖެއާއި މިސްރާ ދެމެދު ސަލާމަތީ ގޮތުން އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުން ކަމަށެވެ. އަދި، ބޯޑަރު ހުރަސްކޮށް ހިންގާ ނުރައްކާތެރި ކުށްތައް ހުއްޓުވުމަށް ދެ ގައުމު ގުޅިގެން މަސައްްކަތްތަކެއް ކުރާ ކަމަށް ވެސް ބުންޏެވެ.

Ad by Hajj Corporation
މިސްރުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މި ދަތުރު ތާވަލުކުރެވިފައިވަނީ 2026 މޭ 17 އިން 21 އަށެވެ. މި ދަތުރުގެ މައިގަނޑު އެއް ބޭނުމަކީ ދެ ގައުމުގެ މެދުގައި ސަލާމަތީ ކަންކަމުގައި އެއްބާރުލުން ދިނުމާއި، ބޯޑަރު ހުރަސްކޮށް ހިންގާ ކުށްތައް ހުއްޓުވުމާ ގުޅޭ ގޮތުން މަޝްވަރާކޮށް، އެކަމާ ގުޅޭ ފަހުމުނާމާއެއްގައި ސޮއިކުރުމެވެ.
މި ދަތުރުގައި ކޮމިޝަނަރ އޮފް ޕޮލިސް މިސްރުގެ ނޭޝަނަލް ސެކިއުރިޓީ ސެކްޓަރުގެ އިސްވެރިންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، އެ ގައުމުގެ ރިހެބިލިޓޭޝަން އެންޑް ކަރެކްޝަނަލް ފެސިލިޓީތަކަށާއި، ދިވެހި ފުލުހުންގެ ޚިދުމަތަށް ބޭނުންތެރި ދާއިރާތަކުން ތަމްރީނުދޭ މަރުކަޒުތަކަށް ޒިޔާރަތްކުރައްވައި އެ ތަންތަނުގެ މަސައްކަތްތައް ބައްލަވައިލެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
މި ދަތުރުގެ ސަބަބުން މިސްރުގެ އިންޓީރިއާ މިނިސްޓްރީއާއި ދިވެހި ފުލުހުންގެ ޚިދުމަތާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި ސަލާމަތީ ކަންކަމާއި ގާނޫނު ތަންފީޒުކުރުމުގެ ދާއިރާއިން ދެ ފަރާތުގެ މަސްލަހަތު ހިމެނޭ ކަންކަމުގައި ގުޅިގެން ކުރެވޭ މަސައްކަތްތައް އިތުރުވެ، ރާއްޖޭގެ ދާޚިލީ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށް ބޮޑު ބާރަކަށް ވެގެންދާނެ ކަމަށް ފުލުހުންގެ ޚިދުމަތުން މައުލޫމާތުދެއެވެ.


