ވަތަނީ ހިދުމަތުގެ ދެވަނަ ބެޗު ދަސްވެނިވެ، 344 ޒުވާނުން ގައުމީ ހިދުމަތަށް ނިކުމެއްޖެ
17 މޭ 2026 - 11:27

ދިވެހި ވަތަނީ ހިދުމަތް ނުވަތަ 'މޯލްޑިވްސް ނޭޝަނަލް ސާވިސް' ގެ އިނީޝިއަލް ޓްރެއިނިންގެ ދެވަނަ ބެޗުގެ ބައިވެރިން ތަމްރީނުތައް ފުރިހަމަކޮށް ރަސްމީކޮށް ދަސްވެނިވެއްޖެއެވެ.
ޅ. މާފިލާފުށީގައި ހުންނަ އެމްއެންޑީއެފް ކޮމްޕޮސިޓް ޓްރެއިނިން ސެންޓަރުގައި ބޭއްވި މި ހާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސް، ޙަސަން ރަޝީދެވެ. މި ރަސްމިއްޔާތުގައި ތަމްރީނު ނިންމި ދަރިވަރުންނަށް އަޒުމް ލައިދިނުމާއި، އެ ދަރިވަރުންގެ ހިނގާލުމެއް ވެސް ވަނީ ބާއްވާފައެވެ.

Ad by Hajj Corporation
މި ފަހަރުގެ ބެޗުގައި ރާއްޖޭގެ 112 ރަށަކުން ޖުމުލަ 350 ދަރިވަރުން ބައިވެރިވިއިރު، ތަމްރީނުތައް ކާމިޔާބުކަމާއެކު ނިންމައި ދަސްވެނިވެފައިވަނީ 344 ބައިވެރިންނެވެ.
މި ޕްރޮގްރާމްގެ އެންމެ ބޮޑު އެއް ބޭނުމަކީ ޒުވާނުންނަކީ ގައުމީ ހިދުމަތަށް ތައްޔާރުކުރެވިފައިވާ، އަދި އަހުލާގީ ގޮތުންނާއި ހުނަރުގެ ގޮތުން ބައްޓަންކުރެވިފައިވާ ބަޔަކަށްހެދުމެވެ.
ތިން މަސްދުވަހުގެ މުއްދަތަށް ކުރިއަށްދިޔަ މި ތަމްރީނު ޕްރޮގްރާމް ފެށުމަށް ބައިވެރިން މާފިލާފުއްޓަށް ފުރާފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ 24 ވަނަ ދުވަހުއެވެ. މި މުއްދަތުގެ ތެރޭގައި ދަރިވަރުން ވަނީ ގައުމީ ހިދުމަތަށް ބޭނުންވާ މުހިންމު ދާއިރާތަކުން ތަމްރީނު ހޯދާފައެވެ.
މި ޕްރޮގްރާމް ފުރިހަމަކުރި ދަރިވަރުންނަށް އެތައް ސެޓްފިކެޓްތަކެއް ވަނީ ދީފައެވެ. އޭގެ ތެރޭގައި ނޭޝަނަލް ސާވިސް އިނީޝިއަލް ޓްރެއިނިންގެ ސެޓްފިކެޓްގެ އިތުރުން، ސެޓްފިކެޓް 3 އިން ސިވިލް އެޑިއުކޭޝަން އެންޑް ލީޑަޝިޕް، ކޮމިއުނިޓީ ވޮލަންޓިއާ ފަޔާ ފައިޓާ، ބޭސިކް ފަސްޓް އެއިޑް އަދި އެޑިއުކޭޝަން ޓްރެއިނިން ޕްރޮގްރާމް ފުރިހަމަކުރުމުގެ ސެޓްފިކެޓު ހިމެނެއެވެ.
މި ޕްރޮގްރާމަކީ ޒުވާނުންގެ ކިބައިގައި ގައުމީ ލޯބި އިތުރުކުރުމަށާއި، މަސައްކަތުގެ މައިދާނަށް ބޭނުންވާ އަސާސީ ހުނަރުތަކާއެކު އަހުލާގީ މިންގަނޑުތަކަށް އަހުލުވެރިކުރުވުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ.


