އީދުގެ ހަރަކާތްތަކާ ގުޅިގެން ޓްރެފިކް ފްލޯ އަށް ބަދަލެއް
26 މޭ 2026 - 11:58

މިއަހަރުގެ އަޟްޙާ އީދުގެ ހަރަކާތްތަކާ ގުޅިގެން ޓްރެފިކް ފްލޯ އަށް ބަދަލު ގެނައުމަށް ނިންމާ، އެކަން ދިވެހި ފުލުހުންގެ ހިދުމަތުން ހާމަކޮށްފިއެވެ.
ފުލުހުން ބުނީ ޢީދު ނަމާދާއި ޢީދު ކުޅިވަރުތަކާއި ގުޅިގެން، މާލޭގެ ބައެއް ސަރަޙައްދުތަކުގެ ޓްރެފިކް ފްލޯއަށް ބަދަލު ގެނައުމަށް ނިންމާފައިވާ ކަމަށާއި އެގޮތުން ޢީދު ނަމާދާއި ޢީދު ކުޅިވަރުތައް ކުރިއަށްދާ ވަގުތުތަކުގައި ބައެއް މަގުތައް އާންމު ދަތުރުފަތުރަށް ބަންދުކުރެވޭނެ ކަމަށެވެ.

Ad by Hajj Corporation
އެގޮތުން މާލޭގައި ބޮޑު ޖަމާޢަތުގައި ޢީދު ނަމާދު ގަޑީގައި މާފަންނު ސްޓޭޑިއަމް ވަށައިގެން، މާފަތްތަކުރުފާނު މަގާއި އަމީނީ މަގު އަދި ހިލާލީ މަގު ހެނދުނު ހަޔަކުން ފެށިގެން ޢީދު ނަމާދު ނިމެންދެން ބަންދުވާނެ ކަމަށް ފުލުހުން ބުނެއެވެ. އެހެންކަމުން ޢީދު ނަމާދަށް ދާ ފަރާތްތަކުން ކަނޑައެޅިފައިވާ ގޭޓްތަކުން ޢީދުނަމާދަށް ދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
ޢީދު ނަމާދު ބޮޑު ޖަމާޢަތަށް ސްޓޭޑިއަމަށް ދާ ފަރާތްތަކުގެ ތެރެއިން ފިރިހެނުން ސްޓޭޑިއަމަށް ވަނުމަށް ހަމަޖައްސާފައިވަނީ ހިލާލީ މަގު އެފްއޭއެމް ހައުސްއާ ދިމާލުން ހުންނަ މައި ގޭޓުންނާއި އިސްކަންދަރު ކޮށި 1 ކުރިމަތީގައިވާ ގޭޓުންނެވެ. އަންހެނުން ސްޓޭޑިއަމްގެ ވަނުމަށް ހަމަޖައްސާފައިވަނީ ކޯރުކެނޑި ހިނގުމުން އަމީނީ މަގަށް ނިކުމެވޭ ދިމާ ކުރިމަތީގައިވާ ގޭޓާއި ސިންތެޓިކް ޓްރެކާ ދިމާލުން ކަނޑައަޅާފައިވާ ގޭޓުންނެވެ. މި ގޭޓަށް ސިންތެޓިކް ޓްރެކް ތެރެއިންނާއި، މާފަތްތަކުރުފާނު މަގުން އަދި ބޮޑުތަކުރުފާނު މަގުން ވެސް ދެވޭނެކަމަށް ފުލުހުން ބުނެއެވެ.
މީގެއިތުރުން ޢީދުނަމާދަށް ދާ ފަރާތްތަކަށް ފަސޭހަވާނެ ގޮތަށް އިންތިޒާމުތައް ހަމަޖެއްސުމަށްޓަކައި ޓްރެފިކް ޕޮލިހުންނާއި ކެޑޭޓުންނާއި ގާލް ގައިޑުން އެސަރަހައްދުގައި ހަރަކާތްތެރިވާނެކަމަށް ވެސް ވަނީ ބުނެފައެވެ. އަދި އިސްލާމީ މަރުކަޒާއި ސަލްމާން މިސްކިތް ހިމެނޭ ސަރަހައްދުތައް ބަންދުކުރުމަށް ހަމަޖެހިފައިވަނީ އާންމުކޮށް ހުކުރު ނަމާދު ވަގުތުތަކުގައި ބަންދުކުރާ އުސޫލުންކަމަށްފުލުހުން ބުނެއެވެ. އަދި ފުލުހުން ވަނީ މި ތިން ސަރަހައްދުގައި ޕާކުކޮށްފައި ހުރި އުޅަނދުތައް ވީހާވެސް އަވަހަކަށް ނެގުމަށް އެދިފައެވެ.
މިސަރަހައްދުތަކުގައި ހުންނަ އުޅަނދުތައް ޓޯ ނުކުރި ނަމަވެސް، ނަމާދު ވަގުތަށް ސަރަހައްދު ހުސްކުރުމުގެ ގޮތުން އެހެން ސަރަހައްދުތަކަށް ބަދަލުކުރެވޭނެ ކަމަށް ފުލުހުން ވިދާޅުވެއެވެ.
އީދު އުފާ ކުޅިވަރުތަކާ ގުޅިގެން އީދު ދުވަހުން ފެށިގެން ހަތަރު ދުވަހުގެ މުއްދަތަށް، ކޮންމެ ދުވަހަކު މެންދުރުފަހު 3:00 އިން އިރުއޮއްސި 6:00 އަށް ބައެއް މަގުތައް ދުއްވާއެއްޗަށް ނުވަދެވޭގޮތަށް ބަންދުކުރުމަށް ވެސް ވަނީ ނިންމާފައެވެ. އެގޮތުން ސަލްޓަން ޕާކު، އިސްލާމީ މަރުކަޒުގެ މާބަލް އޭރިއާ، ޖުމްހޫރީ މައިދާން އަދި އިއްޒުއްދީން ފާލަން ހިމެނޭ ސަރަހައްދުގެ މިގަޑިތަކުގައި ބަންދުކުރާނެ ކަމަށް ބުނެފައި ވެއެވެ.
ފުލުހުން ވަނީ މި ވަގުތުތަކުގައި އެ ސަރަހައްދުތަކުގައި އެއްވެސް އުޅަނދެއް ޕާކު ނުކުރުމަށާއި، އާންމު ދަތުރުފަތުރުގެ ކަންކަމުގައި މި ބަދަލުތަކަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކޮށްފައެވެ.
މިއަހަރުގެ ޢީދު ނަމާދު މާލެ ސަރަހައްދުން ހަތަރު ތަނެއްގައި ބޮޑު ޖަމާޢަތުގައި ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެއީ މާލޭގެ މާފަންނު ސްޓޭޑިއަމް ސަރަޙައްދާއި، ވިލިމާލެ ފުޓުބޯޅަ ދަނޑާއި، ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ސިންތެޓިކް ޓްރެކް އަދި ހުޅުމާލެ ދެވަނަ ފިޔަވަހީގެ މަސްޖިދު ޙަސަން އާދަމާއި ނިރޮޅުމަގާއި ހީނާމާ ހިނގުމާއި ފޭރުގަސްމަގާއި ދުބުރިގަސްމަގު ހިމެނޭ ގޮތަށް އޮންނަ ހުސްބިމުގައި ޢީދު ނަމާދު ކުރާނެއެވެ.
ބޮޑު ޖަމާޢަތުގެ އިތުރުން، މާލެ ސަރަހައްދުގެ ޖުމްލަ 25 މިސްކިތެއްގައި ޢީދު ނަމާދު ކުރާނެ ކަމަށް އިސްލާމިކް ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ ބޔުނެފައި ވެއެވެ.


