logo
Bank of Maldives

Bank of Maldives

ރިޕޯޓް

ޕޮލިސް މެމޯރިއަލް ޑޭ: ފުލުހުންގެ އަގުހުރި ޚިދުމަތާއި މަތިވެރި ގުރުބާނީގެ ހަނދާންތައް އާކުރާ ދުވަހެއް

މުހައްމަދު މޫސާމުހައްމަދު މޫސާ
23 ޖުލައި 2026 - 17:07
ޕޮލިސް މެމޯރިއަލް ޑޭ: ފުލުހުންގެ އަގުހުރި ޚިދުމަތާއި މަތިވެރި ގުރުބާނީގެ ހަނދާންތައް އާކުރާ ދުވަހެއް

ޤައުމީ ވާޖިބު އަދާކުރުމުގެ މަތިވެރި މަސައްކަތުގައި ދެމިތިއްބަވަނިކޮށް ވަކިވެދިޔަ ފުލުހުންގެ ހިދުމަތުގެ ހަނދާންތައް އާކޮށް، އެ ފުލުހުންގެ ޒިކުރާއާކުރުމަށްޓަކައި، ކޮންމެ އަހަރެއްގެ ޖުލައި މަހުގެ 23 ވަނަ ދުވަހަކީ "ޕޮލިސް މެމޯރިއަލް ޑޭ" ގެ ގޮތުގައި ދިވެހި ފުލުހުންގެ ޚިދުމަތުން ފާހަގަކުރާ ދުވަހެކެވެ. މިއަދަކީ، އަމިއްލަ ނަފުސުގެ ސަލާމަތަށްވުރެ ރައްޔިތުންގެ ރައްކާތެރިކަން އިސްކޮށް، ފުލުހުން ދައްކުވައިދީފައިވާ ހިތްވަރާއި، ނުގުޑާފަދަ ކެރުމާއި، މަތިވެރި ގުރުބާނީގެ ހަނދާންތައް އާކުރާ ދުވަހެވެ. ހަމައެއާއެކު، މިއީ ވަކިވެދިޔަ ފުލުހުންގެ އާއިލާތަކާއި، ގާތް ރަހުމަތްތެރިންގެ އިތުރުން، އެކުގައި މަސައްކަތްކުރި މުވައްޒަފުންނަށް ލިބިފައިވާ ފުން ހިތާމައިގައި ބައިވެރިވެ، އެ ބޭފުޅުންގެ ހިދުމަތާއި ގުރުބާނީ ދުވަހަކުވެސް ފަނޑުވިޔަ ނުދޭނެކަމުގެ ޔަގީންކަން އާކުރާ ދުވަހެއް ވެސް މެއެވެ.

2012 ޖުލައި 23 ވަނަ ދުވަހު، ކ. ކާށިދޫގައި ގޭބަންދުގެ އަމުރާ ހިލާފުވި މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމުގެ މަސައްކަތުގައި އުޅުއްވަނިކޮށް ދިން ހަމަލާއެއްގައި، ޕޮލިސް ސަރޖަންޓް އާದަމް ޙަލީމް ވަނީ ޝަހީދުވެފައެވެ. އޭނާގެ ވަކިވެދިއުމަކީ މުޅި މުއައްސަސާއަށާއި ގައުމަށް ލިބުނު ބޮޑު ހިތާމައެކެވެ. އެހެންކަމުން، ޖުލައި 23 ވަނަ ދުވަހަކީ ހިދުމަތުގައި ދެމިތިއްބަވަނިކޮށް ވަކިވެދިޔަ ހުރިހާ ފުލުހުންގެ ޒިކުރާއާކުރާ ރަސްމީ ދުވަހުގެ ގޮތުގައި ވަނީ ހަމަޖެހިފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

 

View post on Twitter

 

ހިދުމަތުގެ ދަތުރުގެ ހަނދާންތައް

މިއަދު ހިދުމަތުގެ ޒިކުރާއާކުރެވޭ ފުލުހުންނަކީ، ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކަށް ނިސްބަތްވާ، ފުލުހުންގެ ޚިދުމަތުގެ ތަފާތު ދާއިރާތަކުގައި މުހިންމު މަސްއޫލިއްޔަތުތަކެއް އަދާކުރައްވާފައިވާ ބޭފުޅުންނެވެ. މީގެތެރޭގައި ދިގު މުއްދަތަކަށް ހިދުމަތްކުރައްވާފައިވާ ބޭފުޅުންނާއި، ހިދުމަތާ އަލަށް ގުޅިވަޑައިގެންނެވި ހީވާގި ޒުވާން އޮފިސަރުން ވެސް ހިމެނެއެވެ. މި ހުރިހާ ފުލުހުން ވެސް އެއްގޮތް އެއްކަމެއް ވެއެވެ. އެއީ، ގައުމަށްޓަކައި އޮތް ލޯތްބާއި، އަމިއްލަ ނަފުސަށްވުރެ ގައުމީ ވާޖިބު އިސްކުރުމުގެ މަތިވެރި ސިފައެވެ.

އެ ބޭފުޅުންގެ ހަނދާންތައް އާކުރުމަކީ ހަމައެކަނި އެ ބޭފުޅުން ވަކިވެދިޔަ ހިތާމަވެރި ހާދިސާތަކުގެ މަތިން ހަނދާންކުރުމެއް ނޫނެވެ. ނަމަވެސް، އެ ބޭފުޅުންގެ ކިބައިން ފެނިގެންދިޔަ މަތިވެރި އަހުލާގާއި، ގައުމާ މެދު ކުރެއްވި އުންމީދުތަކާއި، މުޖުތަމައުގެ ސަލާމަތަށްޓަކައި ކޮށްދެއްވި އަގުނުކުރެވޭ ފަދަ ހިދުމަތްތައް ފާހަގަކުރުމެވެ. އެއީ އެތައް ބައެއްގެ ދިރިއުޅުމާ ގުޅިފައިވާ، ނަމޫނާ ޝަހުސިއްޔަތުތަކެކެވެ.

ވާޖިބު އަދާކުރައްވަމުން ގެންދަވަނިކޮށް ވަކިވެދިޔަ ބައެއް ބޭފުޅުންގެ ހަނދާންތަކަށް ބަލާލާއިރު:

 

ޕޮލިސް ސަރޖަންޓް އާದަމް ޙަލީމް (ސ.ނ 2290): ޝަހީދުވީ 2012 ޖުލައި 23 ވަނަ ދުވަހު ކ. ކާށިދޫގައި ޑިއުޓީއަށް ވަޑައިގަންނަވަނިކޮށް، ގޭބަންދުގެ އަމުރާ ހިލާފުވި މީހަކު ހުއްޓުވަން އުޅުމުގެ ތެރޭގައި ދިން ތޫނު އެއްޗެއްގެ ހަމަލާއެއްގައެވެ.

ޕޮލިސް ކޯޕްރަލް މިޞްބާޙް ޢަބްދުﷲ (ސ.ނ 4670): ޝަހީދުވީ 2013 ޖޫން 01 ވަނަ ދުވަހު ޗެކްޕޮއިންޓެއްގައި ޑިއުޓީގައި ހުންނަވަނިކޮށް، ބާރު ސްޕީޑުގައި އައި ސައިކަލަކުން ޖެއްސުމުގެ ސަބަބުންނެވެ.

ޕޮލިސް ކޮންސްޓަބަލް ޔޫސުފް ޟަމީރު (ސ.ނ 1969): ނިޔާވީ 2007 މާރިޗު 13 ގައި ދޫނިދޫއަށް ދަތުރުކުރި ފެރީގައި އިންނަވަނިކޮށް ދިމާވި އެކްސިޑެންޓެއްގައި ކަނޑަށް ވެއްޓިގެންނެވެ.

ޕޮލިސް ލާންސް ކޯޕްރަލް ޢަލީ ނާޒިމް (ސ.ނ 1344): ނިޔާވީ 2006 ނޮވެންބަރު 22 ގައި ހާލުގައި ޖެހުނު ދޯންޏެއް ސަލާމަތްކުރުމުގެ އޮޕަރޭޝަނެއްގައި ދަތުރުކުރަނިކޮށް ހިނގި އެކްސިޑެންޓެއްގައެވެ.

ޕޮލިސް ކޮންސްޓަބަލް އަޙްމަދު ވިފާޤް (ސ.ނ 5508): ނިޔާވީ 2018 އޭޕްރިލް 08 ގައި ރެކްރޫޓް ޓްރެއިނިންގ ކޯހުގެ ތަމްރީނުތަކެއްގައި އުޅުއްވަނިކޮށެވެ.

 

މީގެ އިތުރުން، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިސްމާޢީލް ނަދީމް، ސަރޖަންޓް ޙުސައިން ޝަރީފް، ސަރޖަންޓް ޝުޖާޢު ޢަދުނާން، ސަރޖަންޓް އިސްމާޢީލް ރިޟާ، ކޯޕްރަލް މުޙައްމަދު ޝާޠިރު، ލާންސް ކޯޕްރަލް ޙަސަން އަޝްރަފް، ކޮންސްޓަބަލް ޢަބްދުލްބާސިޠު، ސާޖަންޓު ފާޠިމަތު ރިފާ، ކޮންސްޓަބަލް ޙުސައިން ޤައިސް، ސާޖަންޓު މުޙައްމަދު އަރުޝަދު އަދި ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ޢާސިފްގެ ޒިކުރާ އާކުރެވެއެވެ. އެންމެ ފަހުން ވަކިވެދިޔަ އަޙްމަދު ޢާސިފް ނިޔާވީ 2026 ޖޫން 11 ގައި "ޕޮލިސް ލޯންޗު 57" ގައި ހަރަކާތްތެރިވަމުން ދަނިކޮށެވެ.

ހަމައެކަނި ރަސްމިއްޔާތެއް ނޫން

މިއަދަކީ، ވާޖިބު އަދާކުރައްވަމުން ގެންދަވަނިކޮށް ވަކިވެދިޔަ ބޭކަލުންގެ ދިރިއުޅުއްވުމާއި، ގައުމަށްޓަކައި ކުރެއްވި އަގުހުރި ހިދުމަތްތަކާއި، އިންސާނިއްޔަތަށް ފޯރުކޮށްދެއްވި އެހީތެރިކަމުގެ އިތުރުން، އެ ބޭކަލުން ނަގަހައްޓަވަން މަސައްކަތްކުރެއްވި މަތިވެރި ސިފަތަކުގެ ހަނދާންތައް އާކޮށް، އެއިން ނަމޫނާ ލިބިގަތުމުގެ އަޒުމުއާކުރާ ދުވަހެވެ. މިއަދު ޒިކުރާއާކުރާ ކޮންމެ ނަމެއްގެ ފަހަތުގައިވަނީ ދަރިއެއް، ބަފައެއް، މައެއް ނުވަތަ އާއިލާގެ މެންބަރެކެވެ. އެ ފުލުހުންގެ ވަކިވުމުގެ ފުން އަސަރު އެންމެ ބޮޑަށް އިހުސާސްކުރާ އާއިލާތަކަކީ އަބަދުވެސް ފުލުހުންގެ އާއިލާގެ މުހިންމު ބައެކެވެ.

މި ދުވަސް ފާހަގަކުރުމުގެ ގޮތުން މުޅި ރާއްޖޭގައި ފުލުހުންގެ ދިދަ ބައިދަނޑިއަށް ތިރިކޮށް، ސުކޫތެއް ގެނެސް، އެ ބޭކަލުންގެ ފުރާނައަށް ހެޔޮ ދުޢާކުރުން ކުރިއަށް ގެންދެވެއެވެ. މިފަދަ ހަރަކާތްތަކަކީ ފުލުހުންގެ މެދުގައި އޮތް ގުޅުން ބަދަހިކޮށް، މިހާރު ތިއްބެވި ފުލުހުން ވެފައިވާ ހުވައާއި އަމާނާތާމެދު ފިކުރުހިންގުމަށް ލިބޭ ފުރުސަތެކެވެ.

ދެމިއޮންނަނިވި ޒިކުރާއެއް

ވަކިވެދިޔަ ފުލުހެއްގެ ހަނދާނުގައި ބިނާކުރެވޭނެ އެންމެ ވަރުގަދަ ބިނާއަކީ، މިއަދު ހިދުމަތުގައި ތިއްބެވި ފުލުހުން ދައްކަވާ ސުލޫކާއި އިހުލާސްތެރި އަމަލުތަކެވެ. ހާލުގައިޖެހިފައިވާ މީހަކަށް އެހީވުމާއި، މުޖުތަމައުގެ އަމަންއަމާންކަން ދަމަހައްޓާއިރު، އެ ދިރުވައި އާލާކުރެވެނީ ވަކިވެދިޔަ ފުލުހުންގެ މަތިވެރި ޒިކުރާއެވެ. ޕޮލިސް މެމޯރިއަލް ޑޭއަކީ ކޮންމެ މުވައްޒަފަކު ވެސް އޯގާތެރި ހިދުމަތެއް ދިނުމަށް ވެފައިވާ އަހުދު އާކުރަންޖެހޭ ދުވަހެކެވެ.

އެ ފުލުހުންގެ ނަންފުޅުތަކަކީ ތާރީހުގެ ބައެކެވެ. އެ ފުލުހުންގެ ގުރުބާނީތަކަކީ އަންނަން އޮތް ޖީލުތަކަށް އޮތް މަގު ދައްކައިދޭ އަލިގަދަ ނޫރެކެވެ. އެ ބޭކަލުން ހިދުމަތްކުރެއްވީ ހިތްވަރާއެކުގައެވެ. ގައުމަށްޓަކައި ގުރުބާންވެވަޑައިގަތީއެވެ.

އަޅުގަނޑުމެން އަބަދުވެސް އެ ފުލުހުންގެ ހަނދާންތައް އާކުރާނަމެވެ. އެ ބޭކަލުންގެ ޒިކުރާ އާކުރުމަކީ ހަމައެކަނި އަހަރަކު އެއްފަހަރު ބާއްވާ ރަސްމިއްޔާތަކުން ނިންމާލެވޭނެ ކަމެއް ނޫނެވެ. އެއީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ކޮންމެ ދުވަހެއްގެ މަސައްކަތުގެ ތެރެއިން ދިރުވައި އާލާކުރަންޖެހޭ މަތިވެރި ގައުމީ ރޫހެކެވެ.

މިއަދު އަޅުގަނޑުމެން އަމާން މުޖުތަމައެއްގައި ނިދާލަނީ، އެ ފަދަ އެތައް ބަޔަކު އެ ބޭފުޅުންގެ އަރާމާއި، އާއިލާއާއި، އަދި އެންމެ ފަހުން ފުރާނަވެސް ގައުމަށްޓަކައި ގުރުބާންކުރެއްވުމުގެ ސަބަބުންނެވެ. އެހެންކަމުން، "ޕޮލިސް މެމޯރިއަލް ޑޭ" އަކީ އެ ގުރުބާނީގެ އަގު ވަޒަންކޮށް، އެ ބޭކަލުން ދޫކުރެއްވި ނަމޫނާގައި ހިފަހައްޓައިގެން ކުރިއަށް ދިއުމަށް މުޅި މުއައްސަސާއަށް ލިބޭ އާ ހިތްވަރެކެވެ.

ވަކިވެދިޔަ ފުލުހުންގެ ހިދުމަތުގެ ޒިކުރާއަކީ ދިވެހި ފުލުހުންގެ މުޅި ތާރީހުގައިވެސް ރަނުން ފަވާލެވިފައިވާ ފަހުރުވެރި ސަފުހާތަކެކެވެ. އެ ބޭކަލުންގެ ހަނދާންތައް އަބަދުވެސް ދެމިއޮންނާނީ އަޅުގަނޑުމެންގެ ހިތްތަކުގައެވެ. މާތްﷲ އެ ބޭކަލުންގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކޮށްދެއްވައި، އެ ބޭކަލުންގެ އާއިލާތަކަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޕޮލިސް މެމޯރިއަލް ޑޭ: ފުލުހުންގެ އަގުހުރި ޚިދުމަތާއި މަތިވެރި ގުރުބާނީގެ ހަނދާންތައް އާކުރާ ދުވަހެއްރިޕޯޓް | 2 ގަޑިއިރު ކުރިންކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތުގައި ބަޔަކު ހައްޔަރުކޮށްފިޚަބަރު | 11 ގަޑިއިރު ކުރިންމާރާމާރީއެއްގެ މައްސަލާގައި ތުހުމަތުވާ މިސްރު ދެމީހަކު ޑީޕޯޓް ކޮށްލަނީޚަބަރު | ދުވަހެއް ކުރިންއަޒީޒާ މޫސާ މިސްކިތަށް ގެއްލުން ދިން މީހާގެ ހާލަތަށް ބަލައި ފިޔަވަޅު އެޅުމަށް މަސައްކަތް ކުރަނީޚަބަރު | 2 ދުވަސް ކުރިން