"ޢީދު ހަވީރު 1447" މާލެ ސަރަހައްދުގައި ފަށައިފި
27 މޭ 2026 - 17:15

މި އަހަރުގެ ބަރަކާތްތެރި އަޟްޙާ ޢީދުގެ އުފަލުގައި ޢާއިލާތައް އެކުވެރި މާޙައުލެއްގައި ބައްދަލުވެ، ޢީދު އުފާ ފާހަގަކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން، "ޢީދު ހަވީރު 1447" ނަމުގައި ގްރޭޓާ މާލެ ސަރަހައްދުގައި ކުލަގަދަކޮށް ފާހަގަކުރުމަށް ނިންމާފައިވާ ކުޅިވަރުތައް، މިއަދު ހަވީރު ފަށައިފިއެވެ.
ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުން ވިލަރެސްކޮށްގެން ކުރިއަށްގެންދާ މި "ޢީދު ހަވީރު 1447"ގައި ސިފައިންނާއި ފުލުހުންގެ އިތުރުން، ދައުލަތުގެ 11 އެސްއޯއީއަކުން ބައިވެރިވެފައިވެއެވެ. ޢީދު ހަވީރުގެ ހަރަކާތްތައް ކުރިއަށް ދާނީ، "ޢީދު ހަވީރު" އޮންނަ ކޮންމެ ދުވަހެއްގެ ހަވީރު 16:00އިން 18:00އަށެވެ.
މާލޭގައި ޢީދު ހަވީރުގެ ހަރަކާތްތައް ކުރިއަށް ގެންދަނީ މިއަދު ފެށިގެން ތިން ދުވަހަށް ބަހާލައިގެން ސަލްޓަން ޕާކާއި، ޝަހީދުންގެ ބިނާ ސަރަހައްދު ހިމެނޭހެން ޖުމްހޫރީ މައިދާނާއި ރަސްމީ ބޮޑުފާލަން ސަރަހައްދުގައެވެ. މިގޮތުން، މި ސަރަހައްދުގައި ވޯޓަރ ފައުންޓެއިން، ފޯމް ބާތް ޕޫލް، ރެޕަލިންގ ކުރުން، އަދި ޤައުމީ ދިފާޢީ ބާރުގެ ސިފައިންގެ ޔުނިފޯމްތަކާއި އޮޕަރޭޝަންތަކުގައި ބޭނުންކުރާ އެކި ކަހަލަ ހަތިޔާރުތަކާއި އެއްގަމާއި ކަނޑުމަތީގައި ބޭނުންކުރާ އެކި އުޅަނދުތައް ދައްކާލުމާއި އެ ތަކެއްޗާ އެކު ފޮޓޯނެގުމުގެ އިންތިޒާމް ހަމަޖެހިފައިވާނެއެވެ. މީގެ އިތުރުން މާލޭގައި މާދަމާ (މޭ 28ވަނަ ދުވަހު)، އެމްއެންޑީއެފް އެޖުޓަންޓް ޖެނެރަލްސް ކޯރގެ އާޓްސް އެންޑް ސެރެމޯނިއަލް ސަރވިސްއިން ޚާއްޞަ ހަރަކާތްތަކެއް ހުށަހަޅައިދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ. އަދި ބޭނުންފުޅުވާ ފަރާތްތަކަށް ކެންޓީނުގެ ޚިދުމަތް ވެސް ލިބެން ހުންނާނެއެވެ.
ހުޅުމާލޭގައި ވެސް ޢީދު ހަވީރުގެ ހަރަކާތްތައް އޮންނާނީ މިއަދުން ފެށިގެން ތިން ދުވަހު، ހުޅުމާލެ ސެންޓްރަލް ޕާކާއި، ފޭސް 2ގެ ހިޔާ ޕާކް ސަރަހައްދުގައެވެ. މިގޮތުން ހުޅުމާލެ ސެންޓްރަލް ޕާކުގައި، ރެޕަލިންގކުރުމާއި، ވޯޓަރ ސްލައިޑިންގއާއި، ފޯމް ބާތް ޕޫލްގެ އިތުރުން، ބޭނުންފުޅުވާ ފަރާތްތަކަށް ކެންޓީނުގެ ޚިދުމަތް ލިބެން ހުންނާނެއެވެ. އަދި، ހުޅުމޭލެ ސެންޓްރަލް ޕާކުގައި މިއަދާއި މި މަހުގެ 29ވަނަ ދުވަހު އެމްއެންޑީއެފް އެޖުޓަންޓް ޖެނެރަލްސް ކޯރގެ އާޓްސް އެންޑް ސެރެމޯނިއަލް ސަރވިސްއިން ޚާއްޞަ ހަރަކާތްތަކެއް ހުށަހަޅައިދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
ފޭސް2ގެ ހިޔާޕާކުގައި އޮންނަ ހަރަކާތްތަކުގެ ތެރޭގައި ރެޕަލިންގކުރުމާއި، ފަޔަރ އިކުއިޕްމަންޓްސް ދައްކާލުމާއި، ޓޭބަލް ލެޑަރއަށް އެރުން ފަދަ ހަރަކާތްތައް ހިމެނެއެވެ.
ވިލިމާލޭ ފުޓްބޯޅަ ދަނޑުގައި، ވެސް މިއަދުން ފެށިގެން މި މަހުގެ 30އަށް، ހަތަރު ދުވަހަށް ބަހާލައިގެން ބާއްވާ "ޢީދު ހަވީރު"ގައި އޮބްސްޓިކަލް ކޯސްތަކުގެ އިތުރުން ކުޑަކުދިން ގަޔާވާ ތަފާތު އެކިކަހަލަ ކުޅިވަރުގެ ޙަރަކާތްތައް އިންތިޒާމް ކުރެވޭނެއެވެ.
މި އަހަރުގެ ޢީދު ހަވީރުގައި ބައިވެރިވާ އެސްއޯއީތަކުގެ ތެރޭގައި ސްޓެލްކޯއާއި، އެމްޑަބްލިޔުއެސްއީއާއި، ވެމްކޯއާއި، އެމްޕީއެލްއާއި، އެމްޓީސީސީއާއި، އެމްއޭސީއެލްއާއި، މިފްކޯއާއި، އާރުޑީސީއާއި، އެޗްޑީސީ، އެފްޑީސީ، އަދި ޕީއެސްއެމް ހިމެނެއެވެ.


