އަދިވެސް މޫސުން ގޯސް، ވިލާގަނޑުގައި 40 މޭލަށް ވައިގަދަވާނެ
31 މޭ 2026 - 07:04

އަދިވެސް މޫސުން ގޯސް ކަމަށާއި ވިލާގަނޑުގައި 40 މޭލަށް ވައިގަދަވެ، ރާއްޖޭގެ ބޮޑުބަޔަކަށް މިއަދުވެސް ކަނޑުތައް ގަދަވާނެކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.
އެ އިދާރާ އިން ބުނީ އުތުރާއި ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސްވާނެކަމަށާއި އުތުރުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެކަމަށެވެ. އަދި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ކެރީގެ އަސަރު ކުރާނެކަމަށް ވަނީ ލަފާކޮށްފައެވެ.

Ad by Hajj Corporation
މީގެއިތުރުން ކުރިއަށްއޮތް 24ގަޑިއިރު ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރާނެކަމަށް ލަފާކޮށްފައިވާއިރު، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށާއި އުތުރާއި ދެކުނުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށް އަންދާޒާކޮށްފައި ވެއެވެ. އަދި އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ލަފާކުރެއެވެ.
މޫސުމާބެހޭ ގައުމީ އިދާރާ އިން ބުނީ ދެކުނުގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވާކަމަށެވެ. އަދި އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތައް ގަދަވާނެކަމަށާއި ދެކުނުގެ ކަނޑުތައް އާދައިގެވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެކަމަށް ވެސް ބުނެއެވެ.
އުތުރާއި މެދުރާއްޖެތެރެއަށް ރާޅުގެ އުސްމިނުގައި 7-4 ފޫޓު ހުންނާނެކަމަށާއި ދެކުނުގެ އަތޮޅުތަކަށް ރާޅު އުސްމިނުގައި 5-2 ފޫޓު ހުންނާނެކަމަށް ލަފާކުރެވޭކަމަށް ވެސް އެ އިދާރާ އިން ވަނީ ބުނެފައެވެ.
މިއަދަކީ އަޟްހާ އީދުގެ ބަންދު ދުވަސްތަކަކަށްފަހު ސަރުކާރުގެ އޮފީސްތަކާއި، އިދާރާތަކާއި ސްކޫލްތައް ހުޅުވުނު ދުވަހަށް ވުމާއެކު ޗުއްޓީއަށް އެކި ތަންތަނަށް ދިޔަ ފަރާތްތަކުން މިހާރު ވަނީ އެނބުރި މާލެ އަންނަން ފަށާފައެވެ.


