ސުކޫކާއި ސްވޮޕް ދެއްކުމަށްފަހުގައިވެސް 21 މިލިއަން އެމެރިކާ ޑޮލަރު އެބަހުރި: ފިޗު ރިޕޯޓު
4 ޖޫން 2026 - 07:16

ސުކޫކަށް ފައިސާ ދެއްކުމަށްފަހު ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު (އެސް.ޑީ.އެފް.) ގައި 21 މިލިއަން ޑޮލަރު ހުރި ކަމަށް ފިޗް ރޭޓިންގްސް އިން ބުނެފިއެވެ.
ބައިނަލްއަގުވާމީ ކްރެޑިޓް ރޭޓިން އިދާރާ، ފިޗް ރޭޓިންގްސްއިން ހާމަކޮށްފައިވާ ގޮތުގައި، ދިވެހި ސަރުކާރުން ސުކޫކަށް ފައިސާ ދެއްކުމަށް އެސް.ޑީ.އެފް ބޭނުންކުރުމާ ގުޅިގެން، އޭޕްރީލް 2026 ގެ ނިޔަލަށް އެ ފަންޑުގެ ކޭޝް ބެލެންސް ނުވަތަ ނަގުދު ފައިސާގެ މިންވަރު ހުރީ 21 މިލިއަން އެމެރިކާ ޑޮލަރުގައެވެ.

Ad by Hajj Corporation
ފިޗްގެ އެންމެ ފަހުގެ ރޭޓިންގް ރިޕޯޓުގައިވާ ގޮތުން، އޭޕްރީލް މަހުގެ ކުރީކޮޅު ސަރުކާރުން ވަނީ 500 މިލިއަން ޑޮލަރުގެ ސުކޫކް ޕްރިންސިޕަލް އަދަދާއި، ކޫޕަން ޕޭމަންޓްގެ ގޮތުގައި ދައްކަންޖެހޭ 24.68 މިލިއަން ޑޮލަރު ދައްކައި ޚަލާޞްކޮށްފައެވެ. މި ފައިސާ ދައްކާފައިވަނީ އެސް.ޑީ.އެފް. އިން 350 މިލިއަން ޑޮލަރު އަދި ރާއްޖޭގެ ބޭނުންކުރެވޭ ބޭރު ފައިސާގެ ރިޒާވުން 175 މިލިއަން ޑޮލަރު ބޭނުންކޮށްގެންނެވެ. ފިޗުން ފާހަގަކޮށްފައިވާ ގޮތުގައި، މި މުއާމަލާތާ ގުޅިގެން އެސް.ޑީ.އެފް. ގައި ހުރި ނަގުދު ފައިސާ ގާތްގަނޑަކަށް އެއްކޮށް ހުސްވި ނަމަވެސް، އޭޕްރީލް މަސް ނިމުނުއިރު އެ އަދަދު ވަނީ 21 މިލިއަން ޑޮލަރަށް އިތުރުވެފައެވެ.
މިކަމާ ގުޅޭގޮތުން މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް އިން ބުނެފައިވަނީ، އެސް.ޑީ.އެފް. ބޭނުންކުރުމަކީ ރާއްޖެއިން ބޭރަށް ދައްކަންޖެހޭ ދަރަނިތައް ވަގުތަށް ދެއްކުމަށްޓަކައި ދަރަނި މެނޭޖުކުރުމަށް އެކުލަވާލާފައިވާ ސްޓްރެޓެޖީގެ ދަށުން ނިންމާފައިވާ ނިންމުމެއް ކަމަށެވެ. ސަރުކާރުން ހާމަކުރި ގޮތުގައި، މި ފައިސާ ކާމިޔާބުކަމާއެކު ދެއްކުމަކީ ކުރިއަށް އޮތް ކުރު މުއްދަތުގައި ދަރަނި އަދާކުރުމަށް އޮތް ނުރައްކަލެއް ނެތިގެންދިޔަ ކަމެކެވެ. އަދި މިއީ ރާއްޖޭގެ ކްރެޑިޓް ރޭޓިން 'ސީ.ސީ' އިން 'ސީ.ސީ.ސީ މައިނަސް' އަށް ފިޗުން މަތިކުރުމަށް ނިންމި އެއް ސަބަބު ކަމަށްވެސް ސަރުކާރުން ބުނެއެވެ.
ފައިނޭންސް މިނިސްޓްރީން އިތުރަށް ބުނެފައިވަނީ، އާމްދަނީއަށް ގެންނަ އިސްލާހީ ބަދަލުތަކާއި، ބޭރު ފައިސާ ވަންނަ މިންވަރު އިތުރުކުރުމާއި، ތަރައްގީގެ ބައިވެރިންނާއެކު ގުޅުން ދެމެހެއްޓުމުގެ ތެރެއިން ދައުލަތުގެ މާލީ އަދި ބޭރުގެ ރިޒާވް ވަރުގަދަކުރުމަށް ސަރުކާރުން ދެމިއޮންނާނެ ކަމަށެވެ. ސަރުކާރުން ބުނި ގޮތުގައި، ދުނިޔޭގެ އިގްތިސާދީ މާހައުލުގައި ގޮންޖެހުންތަކެއް ހުރި ނަމަވެސް، މި ފައިސާ ދެއްކުމަކީ ރާއްޖެއިން އަދާކުރަންޖެހޭ މާލީ ޒިންމާތަކަށް އިހުތިރާމްކޮށް، އެ ޒިންމާތައް ފުރިހަމައަށް އަދާކުރުމަށް ރާއްޖެއިން ދޭ އަހައްމިއްޔަތު ހާމަވެގެންދިޔަ ކަމެކެވެ.


