އަނބިމީހާ "ހައްޔަރުކޮށްގެން" ހަށިވިއްކުވި ބިދޭސީއަކު ހައްޔަރު ކޮށްފި!
5 ޖޫން 2026 - 11:06

އަނބިމީހާ ގޭގައި ބަންދުކޮށްގެން ހަށިވިއްކަން މަޖުބޫރު ކުރި މައްސަލައެއްގައި ބަންގްލަދޭޝް މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލާގައި ފުލުހުން ހައްޔަރު ކޮށްފައިވަނީ ބަންގްލަދޭޝް އަށް ނިސްބަތްވާ އުމުރުން 30 އަހަރުގެ ފިރިހެނެކެވެ. އޭނާގެ މައްޗަށް ތުހުމަތު ކުރެވެނީ މީހަކު ޓްރެފިކް ކުރުމެވެ.

Ad by Hajj Corporation
އޭނާގެ ބަންދަށް ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުން 10 ދުވަސް ޖެހިއިރު، ބަންދު އަމުރުގައި ބުނީ އޭނާ އަނބިމީހާ ކޮޓަރިއެއްގައި ބަންދުކޮށްފައި ބަހައްޓައިގެން، އޭނާ ލައްވައި ހަށިވިއްކުމުގެ ކަންކަން ކުރުވާ ކަމަށް އަންހެން މީހާގެ ފަރާތުން މައްސަލަ ތަހުގީގު ކުރާ ފުލުހުންގެ އޮފިސަރަަށް ކިޔާދީފައިވާ ކަމަށެވެ.
އެ އަމުރުގައިވާގޮތުން އޭނާ ވަނީ އޭނާ މައްޗަށް ތުުހުމަތު ކުރާ އެއްވެސް ކަމެެއް އޭނާ ކޮށްފައި ނުވާނެ ކަަމަށް ބުނެފައެވެ.
ފުލުހުން ކޯޓަށް ހުށަހެޅި ހެކިތަކުގެ މައްޗަށް ބިނާކޮށް ކޯޓު އަމުރުގައި ފާހަގަކޮށްފައިވަނީ، އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކާ ގުޅޭ ގޮތުން ކޮންމެވެސް މިންވަރަކަށް ހެކި ލިބިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހާދިސާގެ ރިޕޯޓާއި ފުލުހުންގެ ބަޔާނާއި ވިކްޓިމްއާ ގުޅޭ ލިޔުންތަކެއް ހިމެނެއެވެ.
އެ އަންހެން މީހާއަކީ ކޮން ގައުމެއްގެ މީހެއް ކަމެއް އަމުރުގައި ބުނެފައެއް ނުވެއެވެ.
ކޯޓު އަމުރުގައި ހަވާލާދީފައިވާ ގާނޫނުތަކަށް ބަލާއިރު، މިއީ އިންސާނީ ވަގުފާރި ހުއްޓުވުމުގެ ގާނޫނުގެ ދަށުން ތަހުގީގުކުރަމުންދާ މައްސަލައެކެވެ.
މައްސަލަ ބެއްލެވި ގާޒީ ނިންމެވި ނިންމެވުމުގައި، މީހާ މުޖުތަމައަށް ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ވަނީ ފާހަގަކޮށްފައެވެ.


