އަޅުގަނޑުމެންނަށް ވާރުތަވީ ހުސްތޮށިގަނޑެއްގެ ގޮތުގައި އޮތް ސަރުކާރެއް: ޝުޖާއު

ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު

15 އޮކްޓޯބަރު 2024 - 04:58
މި ސަރުކާރަށް ވާރުތަވީ ހުސްތޮށިގަނޑެއް ގޮތުގައި އޮތް ސަރުކާރެއް ކަމަށް ބާރަށު ދާއިރާގެ ޕީއެންސީ އަށް ނިސްބަތްވާ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ. ޝުޖާއު މިހެން ވިދާޅުވީ ސަރުކާރުގެ ފަރާތުން، މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުޙައްމަދު މުޞްޠަފާ އިބްރާހީމް ހުށަހަޅުއްވާފައިވާ ޤާނޫނު (މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސްގައި ވާހަކަދައްކަވަމުންނެވެ.
ޝުޖާއު ވިދާޅުވީ މަތިބަރުކޮށް އެމްޑީޕީން ހިންގަމުން ދިޔަ ސަރުކާރު ރޫފަ ރަނގަޅުކޮށް ނިޒާމެއްގެ ތެރެއަށް ގެނެސް ޙަރަދުކުޑަކޮށް ހިންގުމުގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުން ދާއިރު ދައުލަތަށްލިބޭ އާމްދަނީ އިތުރުކުރުމަކީ ކޮންމެހެން ކުރައްވަންޖެހޭ ކަމެއް ކަމަށެވެ. ޝުޖާއު ވިދާޅުވީ މުދަލުގެ ޤާނޫނަށް ގެންނަވާ އިސްލާހު ފަރުމާކުރައްވާފައިވަނީ ރައްޔިތުންނަށް އެއްވެސް ބުރައެއް ނުޖައްސަވާ ދައުލަތަށް އާމްދަނީ އިތުރުވާނެ ގޮތަކަށް ކަމަށެވެ. އަދި މި އިސްލާހުން ދޭހަވަނީ ފަތުރުވެރިކަމުގެ ދާއިރާއިން އެންމެ އިންސައްތައެއް އިތުރުކުރައްވައިގެން މުޅި އިޤްތިސާދު ރަނގަޅުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ މަސައްކަތް ކަމަށް ވެސް ޝުޖާއު ވަނީ ވިދާޅުވެފައެވެ.
ޝުޖާއު ވިދާޅުވީ ނިމިދިޔަ ސަރުކާރުން ވެސް މިއިސްލާހަށް ބަދަލު ގެނެސް ޓެކްސް ބޮޑު ކުރެއްވި ކަމަށާއި ނަމަވެސް ފެނުނީ އޭގެއިން ލިބުނު ހުރިހާ އާމްދަނީ ބޭކާރުވެގެން ދިޔަތަން ކަމަށާއި ކުންފުނިތަކުން އުފައްދަން ނުޖެހޭ ވަޒީފާތައް އުފައްދައިގެން ދައުލަތުގެ އާމްދަނީ އިން ބޮޑު އިސްރާފުތައްކުރި ކަމަށް ވެސް ޝުޖާއު ވަނީ ހާމަކުރައްވާފައެވެ.
މިސަރުކާރުގެ ބޭނުމަކީ ނުހެދި ހުރި ރިސޯޓުތައް ހެދޭނެ ގޮތްތައް ހޯދައި އާމްދަނީ އިތުރުކޮށްގެން މިކަން ކުރުމަށް ކަމަށް ޝުޖާއުގެ ވާހަކަފުޅުގައި ވަނީ ވިދާޅުވެފައެވެ.
މި އިސްލާހުގައި އަޅުގަނޑުމެންނަށް ފާހަގަ ކުރެވިގެން އެބަދޭ އިއްޒަތްތެރި ރައީސް، ފަތުރުވެރިކަމުގެ ދާއިރާއަށް އިންވެސްޓްކުރުމަކީ މިވަގުތަށް އަޅުގަނޑުމެން ކުރަންޖެހޭ ކަމެއް. ހަމައެކަނި މާކެޓަށް ރިސޯޓްތައް ހުޅުވާލާފައި ހަދާށޭ ބުނީމަކާ ފައިސާލިބޭނެ ގޮތްތައް އަޅުގަނޑުމެންނަކަށް ހޯދިފަކާ މިހާރަކު އެއް ނެތް. އެހެން ނަމަވެސް މިއަދު އަޅުގަނޑުމެންނަށް ފެނިގެން މިދަނީ އަޅުގަނޑުމެންގެ ފަތުރުވެރިކަމުގެ ދާއިރާ މާކެޓްކުރަން ވެސް ފައިސާ ބޭނުންވާ ވާހަކަ، ބޮޑު ހިލަ ޖަހަންވެސް ފައިސާ ބޭނުންވާ ވާހަކަ، އާދެ އަޅުގަނޑުމެން ގަބޫލުކުރަން ބޮޑު ހިލަ ނުޖެހިގެން މިއުޅެނީ، ކީއްވެގެންތޯ ނުޖެހިގެން މިއުޅެނީ؟ ދައުލަތުގެ އާމްދަނީ އެއްނެތީމަ. ދައުލަތުގައި ފައިސާ ނެތިގެން މިއުޅެނީ.، ފައިސާ އިތުރުކުރަން ރައީސުލްޖުމްހޫރިއްޔާ މިއުޅުއްވަނީ ރައްޔިތުންގެ ޖީބަށް ބާރު ބޮޑުނުކޮށް އިއްޒަތްތެރި ރައީސް. ޖީއެސްޓީ އިތުރުނުކޮށް ޓީޖީއެސްޓީ އިތުރުކޮށްގެން ރައްޔިތުންގެ ޖީބަށް ބާރުބޮޑުނުވާހެން- ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު
ޝުޖާއު ވަނީ އެމްޑީޕީން ކޮވިޑު 19 ގެ ބަލިމަޑުކަމުގެ ތެރޭގައި ރާއްޖެެއަށް ލިބުނު ބޭރު ފައިސާގެ އެހީ ނަހަމަ ގޮތުގައި ބޭނުންކުރި ކަމުގެ ވާހަކަ ފާހަގަކުރައްވާފައެވެ. ނަމަވެސް މިސަރުކާރުގެ ވިސްނުމަކީ ދައުލަތަށް ލިބޭ އާމްދަނީ ރަނގަޅު ގޮތުގައި ބޭނުންކޮށްގެން އިގްތިސާދު ހަމަޔަކަށް އެޅުވުން ކަމަށް ވެސް ޝުޖާއު ވަނީ ވިދާޅުވެފައެވެ.
ސަރުކާރުން މިއަދު މި ބިލަށް އެންމެ އިންސައްތައެއް ބޮޑު ކުރަން ނިންމި ނަމަވެސް ކުރީ ސަރުކާރުން ވަނީ %8 ބޮޑުކޮށްފައެވެ.